Roadha Mihaaru
ފިރިމީހާ ކުށެއްކުރި ކަމަކަށް ޝިލްޕާ ގަބޫލެއް ނުކުރޭ!

ފިރިމީހާ ކުށެއްކުރި ކަމަކަށް ޝިލްޕާ ގަބޫލެއް ނުކުރޭ!

26 ޖުލައި 2021

ބަރަހަނާ ފިލްމު ހަދައިގެން އެއިން އާމްދަނީ ހޯދަމުން ދިޔަ މައްސަލާގައި ފިރިމީހާ ރާޖް ކުންދުރާ ހައްޔަރުކުރި ނަމަވެސް އޭނާ ކުށެއް ކުރި ކަމަށް ޝިލްޕާ ގަބޫލުނުކުރާ ކަމަށް މި މައްސަލައާ ގުޅިގެން ފުލުހުންނަށް އޭނާ ދިން ބަޔާނާ ހަވާލާދީ މީޑިއާތަކުން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބަރަހަނާ ފިލްމު ހަދައިގެން އެއިން އާމްދަނީ ހޯދަމުން ދިޔަ މައްސަލާގައި ފިރިމީހާ ރާޖް ކުންދުރާ ހައްޔަރުކުރި ނަމަވެސް އޭނާ ކުށެއް ކުރި ކަމަށް ޝިލްޕާ ގަބޫލުނުކުރާ ކަމަށް މި މައްސަލައާ ގުޅިގެން ފުލުހުންނަށް އޭނާ ދިން ބަޔާނާ ހަވާލާދީ މީޑިއާތަކުން ބުނެފި އެވެ.

މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި މުމްބާއީ ކްރައިމް ބްރާންޗަށް ރާޖްއާ ގުޅޭ ގޮތުން ހުށަހެޅި މައްސަލައާ ގުޅިގެން ފުލުހުން އޭނާ ހައްޔަރުކުރީ މި މަހުގެ 19 ވަނަ ދުވަހު އެވެ. ރާޖްގެ ބަންދުގެ މުއްދަތު މި މަހުގެ 27 އާ ހަމައަށް އިތުރުކޮށްފައިވާ އިރު، ޝިލްޕާއާ ފުލުހުން ސުވާލުކޮށް ބަޔާން ނެގީ މިދިޔަ ހުކުރު ދުވަހު އެވެ. އަދި އެ މީހުން އުޅޭ ގެ ރެއިޑްކޮށް، އެގެއިން ސާވާއަކާއި ބަރަހަނާ 70 ފިލްމު ގެންގޮސްފައިވާ ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ.

ޝިލްޕާ ފުލުހުންނަށް ދިން ބަޔާނާ ހަވާލާދީ މީޑިއާތަކުން ބުނި ގޮތުގައި ބަރަހަނާ ފިލްމު ހެދިކަމުގެ ތުހުމަތު ރާޖަށް ކުރިޔަސް އޭނާ ކުރީ އެފަދަ މަސައްކަތެއް ނޫނެވެ. އަދި ރާޖް ހެދީ "އިރޮޓިކް" ފިލްމުތަކެއް ކަމަށާއި އެ އެއްޗެހި ބަރަހަނާ ފިލްމުގެ ގޮތުގައި ސިފަނުކުރެވޭނެ ކަމަށް ބުނެފައިވެ އެވެ. ސަބަބަކީ "އިރޮޓިކް" ޖޯންރާގެ ފިލްމުތަކަކީ ބޮލީވުޑްގެ އިތުރުން މިހާރު ޑިޖިޓަލް ކޮންޓެންޓްތަކާ އެކު ވަރަށް ހާމަކަން ބޮޑުކޮށް އިންޑިއާގެ ލޯކަލް ސްޓްރީމިން ޕްލެޓްފޯމްތަކުން ވެސް ވަރަށް ގިނައިން ގެނެސްދޭ ވައްތަރުގެ ފިލްމުތަކަކަށްވުމެވެ. އެހެންވެ ރާޖް ބަރަހަނާ ފިލްމު ހެދިކަމަށް ގަބޫލުނުކުރާ ކަމަށާއި އޭނާގެ ކުށެއް އޮތް ކަމަކަށް ގަބޫލު ނުކުރާ ކަމަށް ޝިލްޕާ ދިން ބަޔާނުގައި ބުނެފައި އެވެ.

ރާޖް ހައްޔަރުކޮށް، ބަންދުގެ މުއްދަތު އިތުރުކުރަން މިދިޔަ އަންގާރަ ދުވަހު ކޯޓަށް ހާޒިރުކުރުމުން އޭނާގެ ވަކީލު ވެސް ހަމަ އެ ނުކުތާ ފާހަގަކޮށްފައިވެ އެވެ.

ބޮލީވުޑްގައި ހަދާފައިވާ "އިރޮޓިކް" ފިލްމުތަކުގެ ތެރޭގައި "މާޑާ" އާއި "ޖިސްމް" ސީރީޒްގެ އިތުރުން ވެސް އެތައް ފިލްމެއް ހިމެނެ އެވެ.

ޝިލްޕާ ބުނެފައިވާ ގޮތުގައި ފިރިމީހާ "އިރޮޓިކް" ފިލްމު ހެދި ނަމަވެސް އެ މަސައްކަތަކީ އޭނާ އަށް އެނގިގެން ކުރަމުން ދިޔަ ކަމެއް ނޫނެވެ. އަދި ރާޖްގެ ކުންފުނީގައި ކުރިން ޑިރެކްޓަރެއްގެ ގޮތުގައި ހިއްސާވި ނަމަވެސް އޭނާ އަކީ އެ ކުންފުނީގެ ހިއްސާރެއް ނޫން ކަމަށް ވެސް ބުންޏެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި ބަރަހަނާ ފިލްމު ހަދައި އެ އެއްޗެހި ދައުރުކޮށްފައި ވަނީ ހޮޓްސްޕޮޓް ކިޔާ މޮބައިލް އެޕެއްގަ އެވެ. އަދި އޭގެ ޒަރީރާއިން ރާޖް ގެންދިޔައީ މި އަހަރުގެ ކުރީކޮޅުން ފެށިގެން ދުވާލެއްގެ މައްޗަށް 6-8 ލައްކަ ރުޕީސްގެ އާމްދަނީއެއް ހޯދަމުންނެވެ. މިކަމާ ގުޅިގެން އޭނާގެ އެކައުންޓްތަކެއް ވެސް ފްރީޒްކޮށްފައިވެ އެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި ރާޖާ އެކު އިންޑިއާގެ އިތުރުން އޭނާ އުފަން އިނގިރޭސިވިލާތުގައި ވެސް މި މަސައްކަތުގައި ގިނަ ބަޔަކު ބައިވެރިވެފައިވެ އެވެ. އަދި މިއީ ފުޅާކޮށް އާމްދަނީ ހޯދަން ކުރަމުން ދިޔަ ވިޔަފާރިއެކެވެ. ފުލުހުން ބުނީ މި ވިޔަފާރީގައި އެންމެ އިސްކޮށް ހުރީ ވެސް ރާޖް ކަމަށެވެ.

އޭނާގެ މައްސަލަ ފެންމަތިވުމާ އެކު އިންޑިއާގެ ބީ-ގްރޭޑް ވަރަށް ގިނަ ބަތަލާ އިން ދަނީ ރާޖާ ދެކޮޅަށް ވާހަކަ ދައްކަމުންނެވެ. އޭގެ ތެރެއިން ގިނަ މީހުން ބުނެފައި ވަނީ އެ މީހުން ލައްވައި ގަދަކަމުން ބަރަހަނާ ފިލްމު ކުޅުވަން އެގްރިމަންޓް ހަދާފައިވާވެ އެވެ. އަދި އޮޑިޝަނަށް ކަމަށް ބުނެ ބަރަހަނާ ފޮޓޯ އާއި ވީޑިއޯ އަށް ޑިމާންޑްކޮށް، އެގްރިމަންޓް ރޫޅައިލަން މަސައްކަތްކުރުމުން ބިރު ވެސް ދައްކާފައިވެ އެވެ.

މި މޭރުމުން ވާހަކަ ދެއްކި މީހުންގެ ތެރޭގައި ބޮލީވުޑްގެ ފިލްމުތަކެއް ވެސް ކުޅުނު ބަތަލާއިން ކަމަށްވާ ޕޫނަމް ޕާންޑޭ އާއި ޝެރިލީން ޗޯޕްޅާ ވެސް ހިމެނެ އެވެ.

ރާޖްގެ މައްސަލަ ފަޅާއަރައި، އޭނާ އަށް އެތައް މަލާމާތަކާއި ފާޑުކިޔުންތައް އަމާޒުވުމުން ޝިލްޕާ މިހާރު ހުރީ ލަދުން އާންމުންގެ ތެރެއަށް ނުކުންނަން ނުކެރި، މުނިފޫހި އިންޑަސްޓްރީ ތެރޭގައި އޭނާ ކުރަމުންދިޔަ މަސައްކަތްތަކާ ދުރުވެގެންނެވެ.

ޝިލްޕާ އާއި ރާޖް ކައިވެނިކުރީ 2009 ގަ އެވެ. މިއީ ރާޖްގެ ދެވަނަ ކައިވެންޏެވެ. އޭނާގެ އަލަތު ކައިވެންޏަށް ވެސް ދަރިޔަކު ލިބިފައިވެ އެވެ. ރާޖް ދާދި ފަހުން ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވާ ގޮތުގައި އޭނާގެ ފުރަތަމަ ކައިވެނި ރޫޅުނީ އަންހެނުން، ކޮއްކޮގެ ފިރިމީހާއާ ސިއްރު ލޯބީގެ ގުޅުންތަކެއް ބާއްވަމުން ދިޔަކަން ފަޅާއެރުމުންނެވެ.

ރާއްޖެ އަށް ޗުއްޓީ އަށް އެންމެ ގިނައިން އަންނަ ބޮލީވުޑްގެ އެއް ބަތަލާ ކަމަށްވާ ޝިލްޕާގެ ދެމަފިރިންނަކީ ވަރަށް ތަވަސްކޮށް އުޅޭ ބައެކެވެ.