Roadha Mihaaru

ހުޅުމާލޭގައި އެއްޗެއް ގޮވީ ވެލްޑިން ކުރަން އުޅުމުގެ ތެރޭގައި: ފުލުހުން

ހުޅުމާލޭގައި ރޭ ދަންވަރު ބާރުގަދަ އަޑެއް ގޮވާފައި ވަނީ އިމާރާތެއްގެ މަތީގައި ވެލްޑިން ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، ހިނގި ހާދިސާއެއްގައި ކަމަށާއި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އެއްޗެއް ގޮވީ ވެލްޑިން ކުރަން އުޅުމުގެ ތެރޭގައި
އިފްރާޒް އަލީ
އިފްރާޒް އަލީ

23 ޖުލައި 2021

ހުޅުމާލޭގައި ރޭ ދަންވަރު ބާރުގަދަ އަޑެއް ގޮވާފައި ވަނީ އިމާރާތެއްގެ މަތީގައި ވެލްޑިން ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، ހިނގި ހާދިސާއެއްގައި ކަމަށާއި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ބާރުގަޑަ އަޑަކާ އެކު ހުޅުމާލެ ބޯގަންވިލާ މަގުގައި އެއްޗެއް ގޮވުމުން ފުލުހުންނާއި ސިފައިން ވަނީ އެ ތަނުގައި ހަރަކާތްތެރިވެފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިހާތަނަށް ބެލި ބެލުމުން، ބާރުގަދަ އަޑެއް ގޮވާފައި ވަނީ ހުޅުމާލޭ ލޮޓް ނަންބަރު 1138 ގެ ޓެރަސް މަތީގައި ވެލްޑިން ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ދިމާވި ހާދިސާއެއްގައި ކަމަށެވެ.

"... ބާރުގަދަ އަޑެއް ގޮވުމާ ގުޅިގެން ފުލުހުންނާއި ސިފައިން އެކުގައި މަސައްކަތްކޮށް، އެ ސަރަހައްދުގައި ހަރަކާތްތެރިވެ، އެ ސަރަހައްދުގައި ތިބި މީސް މީހުންނާ ސުވާލުކޮށް ބަލަންޖެހޭ ކަންކަން ބަލައިފައިވޭ،" އޮފިޝަލް ވިދާޅުވި އެވެ.

ހުޅުމާލޭ ބޯގަންވިލާ މަގުގައި ހުންނަ ޓާފް ދަނޑު ކުރިމަތީގައި ހުރި އެ އިމާރާތުން ރޭ ދަންވަރު 12:30 ހާއިރު ބާރުގަދަ އަޑަކާ އެކު އެއްޗެއް ގޮވުމުން އެތައް ބަޔަކު ހާސްވެ، ވާނުވާ ބަލަން އެ ގަޑީގައި މަގުމައްޗަށް ނުކުތެވެ.

އެ ގޮވުމާއެކު، ވެލްޑިން ކުރުމަށް ބޭނުން ކުރާ ސްޕްރިންގް ހޭންޑަލް މަރުތެއްޔެއް ވެސް ބޯގަންވިލާ މަގަށް ބުރައިގެން ގޮސްފައި އޮތެވެ. ދަގަނޑު އެ މަރުތޭލަށް ވެސް އޮތީ ގެއްލުން ވެފަ އެވެ.

އެ ސަރަހައްދަށް އެއްވެ ތިބި މީހުންގެ ތެރެއިން އެކަކު، ބާރު އަޑުފައްގަނޑު ސިފަ ކުރަމުން ބުނެފައި ވަނީ ހީވީ ވިއްސާރަ ދުވަހެއްގައި ގުގުރިއެއް ޖެހިހެން ކަމަށެވެ.

އެ ހާދިސާއާ ގުޅިގެން ހުޅުމާލޭގެ ބޮޑު ސަރަހައްދެއް ބަންދު ކުރުމަށް ފަހު، ސިފައިންނާއި ފުލުހުން ސީން ރޫޅާލައިފައި ދިޔައީ ރޭ މެންދަމު 3:30 ހާއިރު އެވެ.