Roadha Mihaaru
ބާރުގަދަ އަޑަކާއެކު ހުޅުމާލޭގައި އެއްޗެއް ގޮވައިފި

ބާރުގަދަ އަޑަކާއެކު ހުޅުމާލޭގައި އެއްޗެއް ގޮވައި، ހާސްކަން

23 ޖުލައި 2021

ރޭ ދަންވަރު ބާރުގަޑަ އަޑަކާއެކު ހުޅުމާލޭގައި އެއްޗެއް ގޮވުމުން ފުލުހުންނާއި ސިފައިން ހަރަކާތްތެރި ވެއްޖެ އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ރޭ ދަންވަރު ބާރުގަޑަ އަޑަކާއެކު ހުޅުމާލޭގައި އެއްޗެއް ގޮވުމުން ފުލުހުންނާއި ސިފައިން ހަރަކާތްތެރި ވެއްޖެ އެވެ.

ހުޅުމާލޭ ބޯގަންވިލާ މަގުގައި ހުންނަ ޓާފް ދަނޑު ކުރިމަތީގައި ހުރި ތަނަކުން ރޭ ދަންވަރު 12:30 ހާއިރު ބާރުގަދަ އަޑަކާއެކު އެއްޗެއް ގޮވުމުން އެތައް ބަޔަކު ހާސްވެ، ވާނުވާ ބަލަން އެ ގަޑީގައި ނުކުތެވެ.

އެނގިފައިވާ ގޮތުގައި އެ ހާދިސާގައި ގޮވާފައި ވަނީ ފީފާ އެކެވެ. އެ ފީފާ ގޮވައި އޭގެ މަތިގަނޑު ވެސް އޮތީ ދުރަށް ބުރައިގެން ގޮސްފަ އެވެ. ނަމަވެސް އެ ފީފާ ގޮވި ސަބަބެއް އަދިއެއް ނޭނގެ އެވެ.

ގޮވުމުގެ ސަބަބުން ވެލްޑިން އަށް ބޭނުން ކުރާ ސްޕްރިންގް ހޭންޑަލް މަރުތެއްޔެއް ވެސް ބޯގަންވިލާ މަގަށް ބުރައިގެން ގޮސްފައި އޮތެވެ. ދަގަނޑު އެ މަރުތޭލަށް ވެސް އޮތީ ގެއްލުންވެފަ އެވެ.

އެ އަޑު އިވުނުތަނާ މާ ގިނައިރުތަކެއް ނުވަނީސް ސިފައިންނާއި ފުލުހުން އެ ސަރަހައްދަށް ދިޔަ އެވެ.

ހުޅުމާލޭގައި އެއްޗެއް ގޮވުމުގެ ސަބަބުން ބުރައިގެން ދިޔަ ވެލްޑިންއަށް ބޭނުން ކުރާ މަރުތެޔޮ -- ފޮޓޯ: މިހާރު

ހުޅުމާލޭގައި އެއްޗެއް ގޮވުމުގެ ސަބަބުން ބުރައިގެން ދިޔަ ވެލްޑިންއަށް ބޭނުން ކުރާ މަރުތެޔޮ -- ފޮޓޯ: މިހާރު

އެ ސަރަހައްދަށް އެއްވެ ތިބި މީހުންގެ ތެރެއިން އެކަކު، ބާރު އަޑުފައްގަނޑު ސިފަ ކުރަމުން ބުނީ ހީވީ ވިއްސާރަ ދުވަހެއްގައި ގުގުރިއެއް ޖެހި ކަމަށެވެ. އެ އަޑު އިވުމުން ސިއްސައިގެން ދިޔަ ކަމަށް އޭނާ ބުންޏެވެ.

"ގޭގައި ހުއްޓާ ބާރު އަޑެއް އިވުނީ. ހީވީ ގުގުރިއެއް ޖެހިގެން. އެހެންވެ ހާސްވެގެމް އަވަހަށް ނުކުމެގެން އައީ،" އެ މީހާ ބުންޏެވެ.

އެހެން މީހަކު ބުނީ އޭނާ ދިރިއުޅޭ ގެ ހުންނަނީ އެ ސަރަހައްދާ ފުދޭ ވަރަކަށް ދުރުގައި ކަމަށާއި އެކަމަކު ވެސް އެ އަޑު ވަރަށް ބާރަށް އިވުނު ކަމަށެވެ.

އެ ހާދިސާއާ ގުޅިގެން ހުޅުމާލޭގެ ބޮޑު ސަރަހައްދެއް ބަންދު ކުރުމަށް ފަހު، ސިފައިންނާއު ފުލުހުން ސީން ރޫޅާލާފައި ދިޔައީ ރޭ މެންދަމު ގާތްގަނޑަކަށް 3:30 ހާއިރު އެވެ. ނަމަވެސް ގޮވި އެއްޗާ ގުޅޭ އެއްވެސް މައުލޫމާތެއް މީޑިއާ އަށް ނުދެ އެވެ.

ހުޅުމާލޭގައި އެއްޗެއް މި ގޮވީ މިދިޔަ މެއި ހަ ވަނަ ދުވަހުގެ ރޭ މާލޭ ނީލޯފަރު ހިނގުމުގައި ބޮމެއް ގޮއްވާލައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން މަސައްކަތް ކޮށްފައި ވަނިކޮށެވެ.