Roadha Mihaaru
މާލޭގައި ހުރި ކެމިކަލް ގުދަން ހުސްކޮށްފި

މާލޭގައި ހުރި ކެމިކަލް ގުދަން ހުސްކޮށްފި

04 އެޕްރީލް 2023

މާލޭގެ ގެއެއްގައި ހަދާފައި ހުރި ކެމިކަލް ގުދަނުގައި ހުރި އެއްޗެހި ނެރެ، އެތަން ހުސްކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލޭގެ ގެއެއްގައި ހަދާފައި ހުރި ކެމިކަލް ގުދަނުގައި ހުރި އެއްޗެހި ނެރެ، އެތަން ހުސްކޮށްފި އެވެ.

އެ ކެމިކަލް ގުދަން ހުރީ ލިލީ މަގުގައި ހުންނަ ގ. ގަސްކަރަގެއާ ޖެހިގެންނެވެ. މިއީ މާލެ އިން ކެމިކަލް ގުދަންތައް ބޭރުކުރި ފަހުން، މިފަދަ ތަނެއް ފަޅާއެރި ފުރަތަމަ ފަހަރެވެ. ސޯޝަލް މީޑިއާ އަށް އެ މައްސަލަ ތިލަވެ، ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވި އެވެ.

ފުލުހުން މިއަދު ބުނީ ގުދަނުގައި ހުރި ތަކެތި ހުޅުމާލެ އަށް މިހާރު ބަދަލުކޮށް، އެތަން މިހާރު އެއްކޮށް ހުސްކޮށްފައިވާ ކަމަށެވެ.

ބައެއް މީޑިއާތަކުން އެ މައްސަލަ ސިފައިންނާއި ފުލުހުންގެ ސަމާލުކަމަށް އިއްޔެ ގެނައުމުން، އެމްއެންޑީއެފުން ބުނީ، ސިފައިންގެ ފަޔާ އެންޑް ރެސްކިއު ޓީމުން އިނީޝިއަލް އިންސްޕެކްޝަނެއް ހެދި ކަމަށެވެ. އަދި އެ ތަނުގައި ހުރި ބައެއް ތަކެތި ގުދަން ކޮށްފައި ވަނީ ގަވާއިދާ ހިލާފަށް ކަމަށް ވެސް ސިފައިން ބުންޏެވެ.

އެއްވެސް ބާވަތެއްގެ ކެމިކަލެއް މާލޭގެ އެއްވެސް ތަނެއްގައި ގުދަންކުރުމަކީ މިހާރު މަނާ ކަމެކެވެ. ކެމިކަލް ގުދަންކުރަން ސަރުކާރުން ވަނީ ހުޅުމާލެއިން ބިން ހަމަޖައްސައިދީފަ އެވެ.

މާލޭގައި ކެމިކަލް ގުދަންކުރުން މަނާކުރީ ހ. ތިލަފުށިގޭގައި ހުރި ކެމިކަލް ގުދަނުގައި ރޯވެ ހިނގި ބޮޑު އަލިފާނުގެ ހާދިސާއަށް ފަހު އެވެ. އެ ހާދިސާގައި ގިނަ ބައެއްގެ ގެދޮރު ގެއްލުނެވެ.