Roadha Mihaaru
ޒޫމާ ޖަލަށް ލުމުން ހަމަނުޖެހުން އުފެދި 72 މަރު

ޒޫމާ ޖަލަށް ލުމުން ހަމަނުޖެހުން އުފެދި 72 މަރު

14 ޖުލައި 2021

ދެކުނު އެފްރިކާގެ ކުރީގެ ރައީސް ޖެކޮބް ޒޫމާ ޖަލަށް ލުމާ ގުޅިގެން، އެ ގައުމުގެ އެކި ކަންކޮޅުތަކުގައި މިހާރު އުފެދިފައިވާ ހަމަނުޖެހުންތަކުގައި، މިހާތަނަށް 72 މީހުން މަރުވެއްޖެ ކަމަށް އެ ގައުމުގެ ފުލުހުން އިއްޔެ ބުނެފި އެވެ.

ދެކުނު އެފްރިކާގެ ކުރީގެ ރައީސް ޖެކޮބް ޒޫމާ ޖަލަށް ލުމާ ގުޅިގެން، އެ ގައުމުގެ އެކި ކަންކޮޅުތަކުގައި މިހާރު އުފެދިފައިވާ ހަމަނުޖެހުންތަކުގައި، މިހާތަނަށް 72 މީހުން މަރުވެއްޖެ ކަމަށް އެ ގައުމުގެ ފުލުހުން އިއްޔެ ބުނެފި އެވެ.

ކޯޓުގެ ހުރުމަތް ކެނޑި ކަމުގެ ކުށުގައި، ޖެކޮބް ޒޫމާ 15 މަހަށް ޖަލަށް ލާފައިވަނީ، މިމަހުގެ 7 ވަނަ ދުވަހު އެވެ. ޒޫމާ ޖަލަށް ލާން އެ ގައުމުގެ ދުސްތޫރީ ކޯޓުން ހުކުމްކުރީ، އޭނާގެ ވެރިކަމުގެ ނުވަ އަހަރުގެ ތެރޭގައި، ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތަކުގެ ޝަރީއަތުގައި ހެކިބަސް ދޭން، ކޯޓުން ކުރި އަމުރަށް ދެކޮޅު ހައްދަވައި ކޯޓަށް ވަޑައިނުގަތުމުންނެވެ.

ފުލުހުން އޭނާ ހައްޔަރުކޮށް ޖަލަށް ލީ، ފުލުހުންގެ އިދާރާ އަށް ހާޒިރުވުމަށް އެންގުމުން ވެސް ވަޑައިނުގެން ގޭގައި ހުންނެވުމަށް ފަހު، ބާރުގެ ބޭނުންކޮށްގެން ހައްޔަރު ކުރާނެ ކަމަށް ފުލުހުން އިންޒާރު ދިނުމާ ގުޅިގެން، އަމާން ދެއްވައި އަމިއްލަފުޅަށް ފުލުހުންގެ އިދާރާ އަށް ވަޑައިގަތުމުންނެވެ.

މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ތެރޭގައި، ބައެއް ސިޓީތަކުގައި އާންމުން މަގުތަކަށް ނުކުމެ ފިހާރަތައް ލޫޓުވުމާއި ތަންތާނގައި ހުޅުޖެހުމުގެ އަމަލުތައް ވެސް އަންނަނީ ހިންގަމުންނެވެ. މިދިޔަ ހޯމަ ދުވަހުގެ ރޭ ސުވޭޓޯގައި ހިނގި ހަމަނުޖެހުންތަކުގެ ތެރޭގައި، ޝޮޕިން މޯލެއް ލޫޓުވަން އުޅުމުގެ ތެރޭގައި، ފިތި ބާރުވުމުގެ ސަބަބުން 10 މީހަކު މަރުވި އެވެ.

ފުލުހުން ބުނި ގޮތުގައި އެކި ސަރަހައްދުތަކުގައި ހަމަނުޖެހުން އުފައްދަން މަސައްކަތްކުރާ 12 މީހަކު މިހާރު ވަނީ ދެނެގަނެވިފަ އެވެ. އަދި ހަމަނުޖެހުމުގައި ބައިވެރިވެ މީހުންގެ މުދަލަށް ގެއްލުން ދިނުމުގެ ތުހުމަތުގައި މިހާތަނަށް 1234 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ދެކުނު އެފްރިކާގެ ރައީސް ސީރިލް ރާމަފޯސާ ވިދާޅުވި ގޮތުގައި މިހާރު އެ ގައުމުގައި ހިނގަމުން އެދަނީ 1990ގެ އަހަރުތަކަށް ފަހު އެ ގައުމުގައި ހިނގާ އަނިޔާވެރިކަމާއި ގެއްލުން އެންމެ ބޮޑު ހަމަނުޖެހުންތަކެވެ. މި ހަމަނުޖެހުންތަކުގައި ތަންތަނުގައި ރޯކުރުމުގެ އިތުރުން، ބޮޑެތި ހައިވޭތައް ބަންދުކުރުމާއި ފިހާރަތަކާއި ގުދަންތައް ލޫޓުވުގެ އަމަލުތައް އަންނަނީ ހިންގަމުންނެވެ.

ސަރުކާރުގެ ބައެއް ވަޒީރުން ވިދާޅުވީ ލޫޓުވުމުގެ އަމަލުތައް ނުހުއްޓި ކުރިޔަށް ދާ ނަމަ، ބައެއް ސަރަހައްދުތަކުން އަސާސީ ކާބޯތަކެތި ވަރަށް އަވަހަށް ހުސްވުމުގެ ބިރު ވަރަށް ބޮޑެވެ. އެހެން ނަމަވެސް، މިހާލަތުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ސަރުކާރުން ނުވިސްނާ ކަމަށް ވަޒީރުން ވިދާޅުވެ އެވެ.

އައްސޭރިފަށުގެ ސިޓީއެއް ކަމަށްވާ ކުވާޒޫލޫ-ނަތާލްގައި ހުރި މީހުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއްގެ ތިރީގައި ހުރި ޝޮޕިން މޯލެއް ލޫޓުވާލައި އެ ތަނުގައި ހުޅު ޖެހި އިރު، މަތީ ފަންގިފިލާތަކުގައި އެތައް ބަޔަކު ނިދާފައި ތިއްބެވެ. އަލިފާންގަނޑު އިމާރާތުގެ ތެރެއަށް ފެތުރެން ފެށުމާއެކު، ބައެއް އެޕާޓްމަންޓްތަކުން މީހުން ސަލާމަތްވީ ތިރިއަށް ފުންމާލައިގެންނެވެ. އެއް އެޕާޓްމަންޓެއްގައި އޮތް ތުއްތު ކުއްޖަކު ސަލާމަތް ކުރީ، ތިރިއަށް އެއްލުމުން، ތިރީގައި ތިބި މީހުން ހިފައިގެންނެވެ.

ދެކުނު އެފްރިކާގެ ފުލުހުން ބުނި ގޮތުގައި މިދިޔަ ހަފުތާގައި ފެށުނު ހަމަނުޖެހުންތަކުގެ ތެރޭގައި، މި ހަފުތާގެ ހޯމަ ދުވަހުގެ ނިޔަލަށް، 200 އަށް ވުރެ ގިނަ ޝޮޕިން މޯލް ލޫޓުވާލައިފި އެވެ. އަދި އެތައް އޭޓީއެމްއެއް ހަލާކުކޮށްލައިގެން ފައިސާތައް ފޭރިގެންފައިވެ އެވެ. ރެސްޓޯރަންޓްތަކާއި ބަނގުރާ ވިއްކާ ފިހާރަތަކާއި އަންނައުނު ފިހާރަތައް ވެސް ވަނީ ފަޅާލައި މުދާތައް ވަގަށް ނަގައިފަ އެވެ.

މަގުމަތީގެ އަމަން ބަލަހައްޓާ ފުލުހުންނާ އަޅައި ބަލާއިރު، ހަމަނުޖެހުން އުފައްދަން މަގުތަކަށް ނުކުމެއުޅޭ މީހުންގެ އަދަދު އެތައް ގުނައެއް އިތުރުވުމުން، ފުލުހުންނަށް އެހީތެރިވުމުގެ ގޮތުން ސިފައިން ވެސް މިހާރު ވަނީ މަގުތަކަށް ނެރެފަ އެވެ.