Roadha Mihaaru
އުތުރުގެ ތިން ރަށަކަށް ރައީސް ވަޑައިގަންނަވަނީ

ރައީސް، ހަނިމާދު އާއި ކުޅުދުއްފުށި އަދި ކުމުންދު އަށް ވަޑައިގަންނަވަނީ

13 ޖުލައި 2021

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، އަންނަ ހަފުތާގެ ބަންދުގައި އުތުރުގެ ތިން ރަށަކަށް ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، އަންނަ ހަފުތާގެ ބަންދުގައި އުތުރުގެ ތިން ރަށަކަށް ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

އެ އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ، އަންނަ ހުކުރާއި ހޮނިހިރު ދުވަހު ރައީސް ވަޑައިގަންނަވާނީ ހދ. ހަނިމާދު އާއި ކުޅުދުއްފުށި އަދި ކުމުންދު އަށް ކަމަށެވެ.

ހަނިމާދު އަށް ރައީސް ވަޑައިގަންނަވވާއިރު،، އެ ރަށުގެ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމަށްޓަކައި ނަގާ ބިންތަކުގެ ތެރޭގައި، ގޯތި ދޭން ކަނޑައަޅާފައިވާ ސަރަހައްދު ހިމެނޭތީ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެއާޕޯޓް ތަރައްގީ ކުރުމުގައި ސަރުކާރުން ކޮށްދޭން އެދޭ ކަންތައްތަކެއް ހިމެނޭ ޕެޓިޝަނެއް ވެސް ވަނީ ރައީސް އޮފީހަށް ހުށަހަޅައިފަ އެވެ. އެ ޕެޓިޝަނުގައި 800 އަށް ވުރެ ގިނަ މީހުން ސޮއިކުރި އެވެ.

އެނގިފައިވާ ގޮތުގައި، ހަނިމާދޫގެ ރައްޔިތުންގެ އެ ކަންބޮޑުވުންތަކާ މެދު ރައީސްގެ ދަތުރުފުޅުގައި މަޝްވަރާ ކުރައްވާނެ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސިޔާސަތަކީ ރައްޔިތުންނާ ގާތުން މަސައްކަތް ކުރައްވައި، ލޯކަލް ކައުންސިލްތައް ބާރުވެރި ކުރުވުމާއެކު، ތަރައްގީގެ މަސައްކަތްތައް ހިންގުމާއި ހިދުމަތް ދިނުމެވެ. އެގޮތުން ކޮވިޑް-19 ގެ ބަލިމަޑުކަން އައުމުގެ ކުރިން، ކައުންސިލްތަކުގެ މެމްބަރުންނާއެކު 127 ބައްދަލުވުން ބޭއްވެވި އެވެ. އަދި 69 ރަށަކަށް އެ މަނިކުފާނު ވަޑައިގެންނެވި އެވެ.

"ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރެވި، ހާލަތަށް އައިސްފައިވާ ބަދަލާ އެކު، އިތުރު ރަށްރަށަށް ޒިޔާރަތް ކުރައްވައި، ތަރައްގީގެ މަޝްރޫއުތަކާއި އަދި ރައްޔިތުންގެ ކަންބޮޑުވުންތައް އެ މަނިކުފާނު ގާތުން ބައްލަވަމުން ގެންދަވާނެ" މަބްރޫކް ވިދާޅުވި އެވެ.

ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންނާއި އެ ބަލީގައި މަރުވާ މީހުންގެ އަދަދު އިތުރުވުމުން މިދިޔަ މޭ މަހުގެ ފަހުކޮޅު، ރައްކާތެރިކުރުމުގެ ފިޔަވަަޅުތައް ވަރުގަދަކުރުމަށް ފަހު، މިހާރު ވަނީ ލުއިތަކެއް ދީފަ އެވެ. އޭރު އެޅި ފިޔަވަޅުތަކުގެ ތެރޭގައި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާކުރުން ވެސް ހިމެނެ އެވެ.