Roadha Mihaaru
ނިހާންގެ ގަޑިއާއި އެޕާޓްމެންޓް ވެސް އަތުލަން އެދިފައިވޭ

ދައުލަތަށް ނަގަން އެދިފައިވާ މުދަލުގެ ތެރޭގައި ނިހާންގެ ރޮލެކްސް ގަޑި އާއި އެޕާޓްމެންޓް

13 ޖުލައި 2021

ކުށް ކޮށްގެން ހޯދާފައިވާ މުދަލުގެ ތެރެއިން ދައުލަތަށް އަނބުރާ ނަގަން ހުށަހަޅާފައިވާ ތަކެތީގެ ތެރޭގައި ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަދި ޕީޕީއެމްގެ ކުރީގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކުގެ އެޕާޓްމަންޓާއި ރޮލެކްސް ގަޑިއެއް ހިމެނޭ ކަމަށް ޕީޖީ އޮފީހުން ބުނެފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ކުށް ކޮށްގެން ހޯދާފައިވާ މުދަލުގެ ތެރެއިން ދައުލަތަށް އަނބުރާ ނަގަން ހުށަހަޅާފައިވާ ތަކެތީގެ ތެރޭގައި ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަދި ޕީޕީއެމްގެ ކުރީގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކުގެ އެޕާޓްމަންޓާއި ރޮލެކްސް ގަޑިއެއް ހިމެނޭ ކަމަށް ޕީޖީ އޮފީހުން ބުނެފި އެވެ.

ޕީޖީ ހުސެއިން ޝަމީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ މަނީ ލޯންޑަރިން އަދި ޑްރަގް މައްސަލަތަކުގައި ދައުލަތަށް ނަގަން އެ އޮފީހުން އެދިފައިވާ މުދާތަކާ ބެހޭ ކުޑަ މައުލޫމާތުކޮޅެއް ދެއްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ޑްރަގް މައްސަލަތަކުގައި 10،011،889.20ރ. ދައުލަތަށް ނަގަން ވަނީ ކޯޓުގައި އެދިފަ އެވެ. މަނީ ލޯންޑަރިން މައްސަލަތަކުގައި 70،740،291ރ. ގެ އިތުރުން އެޕާޓްމަންޓަކާއި ރޮލެކްސް ގަޑިއެއް ނަގަން އެދިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕީޖީ އޮފީހުގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ، ދައުލަތަށް ނަގަން އެދިފައިވާ މުދަލުގެ ތެރޭގައި ހިމެނޭ އެޕާޓްމެންޓާއި ރޮލެކްސް ގަޑި އަކީ ކުރީގެ މެމްބަރު ނިހާން ކުށް ކޮށްގެން ހޯދާފައިވާ ކަމަށް ތުހުމަތުކުރެވޭ ތަކެތި ކަމަށެވެ.

ނިހާންގެ މައްޗަށް ދައުވާކޮށް ޕީޖީ އޮފީހުން ނެރުނު ބަޔާނުގައިވާ ގޮތުން، ނިހާން އޭނާގެ ޕްލެޓިނަމް ރެޒިޑެންސްް އެޕާޓްމެންޓް ބައްލަވައިގަތީ ރިޝްވަތުގެ ގޮތުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދެއްވި 150،000 ޑޮލަރު އެހެން ފައިސާއާ އެއްކޮށް، އެ ފައިސާ ލޯންޑާ ކޮށްގެންނެވެ.

އެ އޮފީހުން ބުނެފައިވާ ގޮތުގައި އަދީބު އަތުން ނިހާން ރޮލެކްސް ގަޑި ހޯއްދެވީ، 2014 ވަނަ އަހަރު ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ބޭފުޅަކު އައްޔަންކުރުމާއި، ހަމަ އެ އަހަރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ޖޭއެސްސީއަށް އައްޔަންކުރާ މެމްބަރު ހޮވުމަށްޓަކައި މަޖިލީހުން ނެގި ވޯޓާ ގުޅިގެން، ރިޝްވަތުގެ ގޮތުގަ އެވެ.

އޭގެ އިތުރުން، އަދީބު އެދިވަޑައިގަންނަވާ ގޮތަކަށް ކަންތައް ކުރުމަށް ރިޝްވަތުގެ ގޮތުގައި 650،000ރ. ދިނުމަށް އަމިއްލައަށް އެދިވަޑައިގެން، އެ ފައިސާ ވެސް ހޯއްދެވި ކަމަށް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.

އެޕާޓްމެންޓާއި ރޮލެކްސް ގަޑީގެ އިތުރުން، ނިހާނަށް ކުރާ ދައުވާތަކުގައި ހިމެނޭ ކުށްކޮށްގެން ހޯދާފައިވާ ފައިސާ ދައުލަތަށް ނަގައިދިނުމަށް ދައުލަތުން ކްރިމިނަލް ކޯޓުގައި އެދިފައިވެ އެވެ.

ނިހާންގެ މައްޗަށް ދައުލަތުން ހަ ދައުވާއެއް ކުރެ އެވެ. އެއީ ރިޝްވަތު ހިފުމުގެ ތިން ދައުވާ އަކާއި ރިޝްވަތު ލިބިގަތުމަށް އެދުމުގެ ދެ ދައުވާއަކާއި މަނީ ލޯންޑްރިންގެ ދައުވާ އެކެވެ. އެ މައްސަލަތައް މިއަދު ކްރިމިނަލް ކޯޓުގައި ތާވަލު ކުރި ނަމަވެސް، ނިހާންގެ ވަކީލުން އެދިގެން އަޑުއެހުން ކެންސަލް ކުރީ އެވެ.

ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ނާކާމިޔާބުވެވަޑައިގަތުމަށް ފަހު ނިހާން ވަނީ ޕީޕީއެމްއާ ދުރަށް ޖެހިވަޑައިގެން ސަރުކާރު ކޯލިޝަނުގެ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފަ އެވެ.