Roadha Mihaaru
ޑްރަގް ފައިސާ ލޯންޑާ ކުރި ކަމަށް ބުނާ ދައުވާ ބޭރު

ފިރިމީހާގެ "ޑްރަގް ފައިސާ" ބޭނުން ކުރި ކަމަށް ބުނެ ކުރި މަނީ ލޯންޑަރިންގެ ދައުވާ ބޭރުކޮށްލައިފި

21 އޮކްޓޯބަރ 2022

ފިރިމީހާ މަސްތުވާތަކެތީގެ ވިޔަފާރި ކޮށްގެން ހޯދި ކަމަށް ތުހުމަތުވާ ފައިސާ ބޭނުންކުރި ކަމަށް ބުނެ ދައުލަތުން އަންހެނެއްގެ މައްޗަށް ކުރި ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލައިފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ފިރިމީހާ މަސްތުވާތަކެތީގެ ވިޔަފާރި ކޮށްގެން ހޯދި ކަމަށް ތުހުމަތުވާ ފައިސާ ބޭނުންކުރި ކަމަށް ބުނެ ދައުލަތުން އަންހެނެއްގެ މައްޗަށް ކުރި ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލައިފި އެވެ.

ގދ. ތިނަދޫ، ލަކީލާސްޓް، ރާމިޒާ އަލީގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކުރީ، އޭނާގެ ފިރިމީހާ ހަސަން ލޫތު އާއި އިތުރު ބަޔަކާ ގުޅިގެން ރާއްޖެ އަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ލޫތު ހައްޔަރުކޮށްފައި ވަނިކޮށް، އޭނާގެ ފައިސާ އިން މުއާމަލާތު ކޮށްފައި ވާތީ އެވެ.

މަނީ ލޯންޑަރިންގެ ގާނޫނުގައިވާ ގޮތުން ވަކި ފައިސާ އަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާއެއްކަން ޝައްކު ކުރެވޭ ހާލަތުގައި އެ ފައިސާ އަތުގައި ބަހައްޓައިފި ނަމަ ނުވަތަ އެ އިން މުއާމަލާތުކޮށްފި ނަމަ އެއި މަނީ ލޯންޑަރިން ކަމަށް ބެލެވޭނެ އެވެ.

ރާމިޒާގެ މައްޗަށް ކުރި ދައުވާ ބޭރުކޮށްލީ އޭނާގެ ފަރާތުން ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ ކުރިން ހުށަހެޅި ހުށަހެޅަމަކަށް ގޮތެއް ނިންމަމުންނެވެ.

ރާމިޒާގެ ފަރާތުން ބުނީ، ދައުލަތުން އޭނާއާ ދެކޮޅަށް ހުށަހަޅާފައިވާ ހެކިތަތަކީ އޭނާއާ ގުޅުން އޮތް ގޮތެއް ބުނެދީފައި ނުވާ ކަމަށެވެ. އެ ހެކިތައް މައްސަަލައާ ގުޅުން ހުރި ގޮތެއް ބުނެދެވިފައި ނުވާ ކަމަށާއި އެ ހެކިތައް "ރެލެވަންޓް" ނޫން ކަމަށް ބުނެ އެ ހެކިތައް ބަލައިނުގަތުމަށް ރާމިޒާ އެދުނެވެ.

ހެކިތައް "ރެލަވަންޓް" ނުވާ ގޮތެއް ދިފާއަށް ބުނެ ނުދެވޭ ކަމަށް ދައުލަތުން ބުންޏެވެ.

ދައުލަތުން ބުނި ގޮތުގައި ދިފާއުން ބަލައިނުގަތުމަށް އެދުނު ހެކިތަކަކީ މަސްތުވާތަކެތި ވިޔަފާރިކުރިކަން ސާބިތުކުރަން ދައުލަތުން ހުށަހަޅާފައި ހުރި ހެކިތަކެކެވެ.

މައްސަލަ ބޭރުކޮށްލަން ގާޒީ އަލީ އާދަމް ނިންމެވި ނިންމުމުުގައި ވަނީ ރާމިޒާ މަނީ ލޯންޑަރިންގެ އަމަލެއް ކުރިކަން ސާބިތުކުރެވޭނެ ވަރަށް ދައުލަތުން ހެކި ހުށަހަޅާފައިވާ ނުވާ ކަމަށެވެ. އަދި ދައުލަތުން ހުށަހަޅާފައި ހުރި ހެކިތަކަކީ މައްސަލައިގެ ސީދާ މައުލޫއާ ގުޅުން ހުރި ހެކިތަކަކަށް ނުވާއިރު، އެ ހެކިތަކުގެ މައްޗަށް މައްސަލަ ނިންމަން ބަލާއިރު، އޭނާ މަނީ ލޯންޑަރިންގެ އަމަލެއް ކުރިކަން ދަލާލަތުކޮށްދޭ އެއްވެސް ހެއްކެއް ފެންނަން ނެތް ކަމަށް ހުކުމުގައި ވެ އެވެ.

އެހެންވެ، އަލީ އާދަމް ނިންމެވީ ދައުވާ މައުލޫއީ ގޮތުން ކުރިއަށް ގެންދެވެން ނެތް ކަމަށެވެ. ދައުވާ ބާތިލުކުރި އެވެ.

ދައުލަތުން ރާމިޒާގެ މައްޗަށް ކުރި ދައުވާގައި ވަނީ ލޫތު ހައްޔަރު ކުރުމާ ހަމައަށް ރާމިޒާގެ އިސްލާމިކް ބޭންކް އެކައުންޓަށް އެކި ދުވަސް މަތިން 95،510ރ. އާއި އޭނާގެ ބީއެމްއެލް އެކައުންޓަށް 194،170ރ. އާއި އެ ދެމަފިރިންގެ ފިރިހެން ދަރިފުޅުގެ އެކައުންޓަށް 103،370ރ. ޖަމާކޮށްފައި ވަނިކޮށް، އެ އެކައުންޓުތަކުގައި ފައިސާތަކަކީ މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދި ފައިސާ ކަމަށް އެކަށީގެންވާ ސަބަބުގެ މައްޗަށް ޝައްކު ކުރެވޭ ހާލަތު އޮވެ، އެ ފައިސާ ނަގައި ބޭނުންކޮށްފައިވާ ކަމަށެވެ.

ދައުލަތުގެ ދައުވާގައިވާ ގޮތުން ފުލުހުން ރާމިޒާ އާއި އޭނާގެ ފިރިމީހާގެ ކޮޓަރި ބަލައި ފާސްކުރި އިރު ލޮކަރެއްގެ ތެރޭގައި ހުރި ދަބަހެއްގެ ތެރެއިން 16،000ރ. އާއި ރަތް ކުލައިގެ ރަބަރު ކޮތަޅެއްގެ ތެރެއިން އެއް މިލިއަން ރުފިޔާ އާއި ނޫ ކުލައިގެ ފޮތި ކޮތަޅެއްގެ ތެރެއިން 450،000ރ. ފެނިފައި ވެ އެވެ.

ރާމިޒާގެ ފިރިމީހާ އާއި އިތުރު ބައެއްގެ މައްޗަށް ކުރާ ޑްރަގް ޓްރެފިކިންގެ ދައުވާތައް މިހާރު ކްރިމިނަލް ކޯޓުގައި ހިނގަމުން އެބަ ދެ އެވެ.