Roadha Mihaaru
އެންމެ ބޮޑު އެސްޓްރޮނޮމީ މިއުޒިއަމް ޗައިނާގައި

އެންމެ ބޮޑު އެސްޓްރޮނޮމީ މިއުޒިއަމް ޗައިނާގައި ހުކުރު ދުވަހު ހުޅުވަނީ

13 ޖުލައި 2021

ކާއިނާތާ ބެހޭ އެތައް ކަމެއް ފެންނަ ގޮތަށް އަދި އެތައް މައުލޫމާތެއް ވެސް ހޯދޭ ގޮތަށް ފަރުމާކޮށްފައިވާ ދުނިޔޭގެ އެންމެ ބޮޑު އެސްޓްރޮނޮމީ މިއުޒިއަމް ޗައިނާގައި ހުޅުވަން ތައްޔާރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކާއިނާތާ ބެހޭ އެތައް ކަމެއް ފެންނަ ގޮތަށް އަދި އެތައް މައުލޫމާތެއް ވެސް ހޯދޭ ގޮތަށް ފަރުމާކޮށްފައިވާ ދުނިޔޭގެ އެންމެ ބޮޑު އެސްޓްރޮނޮމީ މިއުޒިއަމް ޗައިނާގައި ހުޅުވަން ތައްޔާރުވެއްޖެ އެވެ.

އަންނަ ހުކުރު ދުވަހު ޝަންހާއީގައި ހުޅުވާ މި މިއުޒިއަމަކީ އެތަނުގެ ފަރުމާ ގޮތުން ވެސް ވަރަށް ބޮޑު ތަފާތެއް ދައްކުވައިދޭނެ ތަނެކެވެ. "ޝަންހާއީ އެސްޓްރޮނޮމީ މިއުޒިއަމް" ގެ ނަން ދީފައިވާ މި ތަނަކީ 420،000 އަކަފޫޓްގެ ތަނެކެވެ. ޝަންހާއީ ސައިންސް އެންޑް ޓެކްނޮލޮޖީ މިއުޒިއަމްގެ ގޮތްޕެއްގެ ގޮތުގައި ހުޅުވާ އެންމެ ބޮޑު އެސްޓްރޮނޮމީ މިއުޒިއަމްގައި އެގްޒިބިޝަންތަކަށް ހާއްސަ ބައިތަކާއި ޕްލެނެޓްތަކަށް ހާއްސަ ބައެއްގެ ގޮތުގައި ޕްލެނޭޓިއަރަމަކާއި މަތީ ފެންވަރުގެ އޮބްޒަވޭޓްރީއެއް ވެސް ހުންނާނެ އެވެ.

މިތަނުގައި 78 ފޫޓް ދިގު ޓެލެސްކޯޕެއް ވެސް ހުންނާނެ އެވެ.

"ޝަންހާއީ އެސްޓްރޮނޮމީ މިއުޒިއަމް" ފަރުމާކުރީ އެމެރިކާގެ ކުންފުންޏެއް ކަމަށްވާ އެނިއާޑް އާކިޓެކްޓްސް އިންނެވެ. މި ޕްރޮޖެކްޓް އެ ކުންފުނިން 2014 ގައި ކާމިބާކުރީ އިންޓަނޭޝަނަލް ބިޑަކަށް ހުޅުވައިލުމުން ވާދަކޮށްގެންނެވެ. އެނިއާޑަކީ އެމެރިކާގެ ނިއު ޔޯކްގެ އެމެރިކަން މިއުޒިއަމް އޮފް ނެޝަނަލް ހިސްޓްރީގައި ހުންނަ މަޝްހޫރު ރޯޒް ސެންޓަ ފޮ އާތު އެންޑް ސްޕޭސް ވެސް ފަރުމާކުރި ކުންފުންޏެވެ.

އިނިއާޑް އާކިޓެކްޓްސްގެ ލީޑް ޑިޒައިނަރު އަދި ވިޔަފާރީގެ ޕާޓްނަރު ތޯމަސް ޖޭ ވިދާޅުވީ މި މިއުޒިއަމަކީ އިމާރާތްކުރުމުގެ ދާއިރާ އިން އާ ކަންތައްތަކެއް ފެންނާނެ ވަރަށް ފުރިހަމަ އެހާމެ ރީތި ތަނެއް ކަމަށެވެ.

"އާންމުންގެ ސަމާލުކަން ވީހާ ވެސް ބޮޑަށް ލިބޭ ގޮތަށް މިތަނުގެ އެތެރޭ އާއި ބޭރު ވެސް ހުންނާނީ،" އޭނާ ވިދާޅުވި އެވެ. "ހާއްސަކޮށް އެތެރޭގެ އިންޓީރިއާގައި ވަރަށް ތަފާތު ފީޗާތަކެއް އެކުލެވިގެން ވާނެ."

ތޯމަސް ވިދާޅުވީ މިތަން ކުރުކޮށް ސިފަކޮށްދޭ ނަމަ އެއީ މުޅި ގެލެކްސީ ކަމަށެވެ.

"މިއީ ކާއިނާތާ ބެހޭ އެތައް ކަމެއް ތަޖުރިބާކޮށްލެވޭނެ ތަނެއް،" އޭނާ ވިދާޅުވި އެވެ.