Roadha Mihaaru
އަފްގާނިސްތާނާ ގުޅޭ ޕާކިސްތާނުގެ ބޯޑަރު ބަންދުކުރަނީ

އަފްގާނިސްތާނާ ގުޅޭ ޕާކިސްތާނުގެ ބޯޑަރު ބަންދުކުރަނީ

11 ޖުލައި 2021

ކާބުލް (ޖުލައި 11) - އަފްގާނިސްތާނާއި ޕާކިސްތާން ގުޅޭ އިމުގެ ކައިރިއަށް ޕާކިސްތާނުގެ އިތުރު ސިފައިން ފޮނުވައި، ދެ ގައުމުގެ ދެމެދު އެއްގަމު މަގުން ދަތުރުކުރެވޭ ހުރިހާ ސަރަހައްދުތަކެއް ބަންދުކުރަން ޕާކިސްތާނުން ނިންމައިފި އެވެ.

ކާބުލް (ޖުލައި 11) - އަފްގާނިސްތާނާއި ޕާކިސްތާން ގުޅޭ އިމުގެ ކައިރިއަށް ޕާކިސްތާނުގެ އިތުރު ސިފައިން ފޮނުވައި، ދެ ގައުމުގެ ދެމެދު އެއްގަމު މަގުން ދަތުރުކުރެވޭ ހުރިހާ ސަރަހައްދުތަކެއް ބަންދުކުރަން ޕާކިސްތާނުން ނިންމައިފި އެވެ.

ޕާކިސްތާން އަސްކަރިއްޔާގެ ތަރުޖަމާނު ބާބާރް އިފްތިޚާރު ވިދާޅުވި ގޮތުގައި، ބޯޑަރު ބަންދުކުރަން ނިންމީ، އަފްގާނިސްތާނުގައި ތިބި އެމެރިކާ އާއި ނޭޓޯގެ ސިފައިން އެ ގައުމުން ފޭބުމާ އެކު، ތާލިބާން ޖަމާއަތުގެ ހަނގުރާމަވެރިންގެ ބާރު އިތުރަށް ގަދަކުރަމުން އަންނާތީ އެވެ. އަދި ތާލިބާނުންގެ ހަމަލާތައް ވަރުގަދަވެގެން އެ ގައުމުން ރެފިއުޖީންގެ ގޮތުގައި ނުކުންނަ މީހުންނަށް ވެސް ޕާކިސްތާނަށް ވަނުމުގެ ފުރުސަތު ނުދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދެ ގައުމު ގުޅޭ ސަރަހައްދީ ރޮނގުގެ 90 ޕަސެންޓް އޮތީ ފުރިހަމަ ރައްކާތެރިކަމާ އެކުގަ އެވެ. އަދި ޕާކިސްތާނުގެ އިމާ ގާތުގައި ހުރި އަފްގާނިސްތާނުގެ ރަށްތަކުގައި ތާލިބާނުންގެ ހަމަލާތައް އިތުރުވަމުން އަންނަ އިރު، ޕާކިސްތާން ސިފައިން ތިބީ ފުރިހަމަ ތައްޔާރީ ހާލަތުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަނެއްކޮޅުން ތާލިބާންގެ ހަނގުރާމަވެރިން ބުނާ ގޮތުގައި ކަންދަހާރު ޕްރޮވިންސާއި ޕާކިސްތާން ގުޅުވައިދޭ މައި މަގު މިހާރު އޮތީ ތާލިބާނުންގެ ބާރުގެ ދަށުގަ އެވެ. މިދިޔަ ދެ ހަފުތާގައި ކުރި ހަނގުރާމައިގައި، ތާލިބާންގެ ހަނގުރާވެރިން ވަނީ، އަފްގާނިސްތާނާއި އީރާން ގުޅުވައިދޭ މައި ދޮރޯއްޓާއި، ތުރުކުމަނިސްތާނާއި އަފްގާނިސްތާން ގުޅުވައިދޭ މައި ދޮރޯށި، އެ ޖަމާއަތުގެ ބާރުގެ ދަށަށް ގެންގޮސްފަ އެވެ.

ތާލިބާންގެ ހަނގުރާމަވެރިން ބުނާ ގޮތުން، އެ ގައުމުގެ ވަރަށް ބޮޑު ބައެއް މިހާރު އޮތީ އެ ޖަމާއަތުގެ ބާރުގެ ދަށުގަ އެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި މުޅި ގައުމު އެ ޖަމާއަތުގެ ބާރުގެ ދަށަށް ގެނެވޭނެ އެވެ.

ވެރިރަށް ކާބުލްގެ މައި 14 ސަރަހައްދުގެ ތެރެއިން ފަސް ސަރަހައްދަކަށް މިހާރު ވަނީ ތާލިބާނުންގެ ނުރައްކާތައް ފޯރަން ފަށާފައި ކަމަށް، އެ ގައުމުގެ ބައެއް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. ކާބުލްގެ ބޮޑު ބައި އަދިވެސް އޮތީ ސަރުކާރު ސިފައިންގެ ބާރުގެ ދަށުގަ އެވެ.

ތަޖިކިސްތާނުގެ އިމާ ކައިރި ސަރަހައްދުގައި، މީގެ ދެ ހަފުތާ ކުރިން ހިނގި ވަރުގަދަ ކުރިމަތިލުންތަކުގައި، އަފްގާނިސްތާނު ސިފައިންގެ ހާހަކަށް ވުރެ ގިނަ މީހުން ވަނީ، ތާލިބާނުންގެ ހަމަލާތަކުގެ ކުރިމަތީގައި ހިފަހައްޓައިނުލެވިގެން، އަފްގާނިސްތާން ދޫކޮށް ތަޖިކިސްތާނަށް ވަދެފަ އެވެ.

ތާލިބާނުންގެ ހަމަލާތައް ވަރުގަދަވެ، ރެފިއުޖީންގެ ބިރު ބޮޑުވުމާ ގުޅިގެން ތަޖިކިސްތާނުން ވެސް މިހާރު ވަނީ އަފްގާނިސްތާނާ ގުޅޭ ސަރަހައްދީ ރޮނގު ކައިރި އަށް އިތުރު 2،000 ސިފައިން ނެރެފަ އެވެ.