Roadha Mihaaru
އެމެރިކާއިން ތާލިބާނުން ގަބޫލުކުރަންޖެހޭނެ: ޕާކިސްތާން

ކޮންމެވެސް ދުވަހަކުން، އެމެރިކާއިން ތާލިބާނުން ގަބޫލުކުރަންޖެހޭނެ: ޕާކިސްތާން

03 އޮކްޓޯބަރ 2021

މިހާރު އަފްގާނިސްތާނުގައި ވެރިކަން ކުރަމުން އަންނަ ތާލިބާން ޖަމާއަތުގެ ސަރުކާރު ބަލައިގަތުމަކީ، މިހާރު ވިޔަސް ނުވަތަ ފަހުން ވިޔަސް އެމެރިކާ އިން ކުރަންޖެހޭނެ ކަމެއް ކަމަށް، ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ވިދާޅުވެއްޖެ އެވެ.

މިހާރު އަފްގާނިސްތާނުގައި ވެރިކަން ކުރަމުން އަންނަ ތާލިބާން ޖަމާއަތުގެ ސަރުކާރު ބަލައިގަތުމަކީ، މިހާރު ވިޔަސް ނުވަތަ ފަހުން ވިޔަސް އެމެރިކާ އިން ކުރަންޖެހޭނެ ކަމެއް ކަމަށް، ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ވިދާޅުވެއްޖެ އެވެ.

ތުރުކީ ވިލާތުގެ ރަސްމީ ޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި އިމްރާން ވިދާޅުވީ، ތާލިބާނުން ކުއްލި ގޮތަކަށް އަފްގާނިސްތާނު ހިފުމާ ގުޅިގެން އެމެރިކާ އަށް ކުއްލި ސިހުމެއް ލިބިފައިވާ ކަމަށެވެ. އަދި އޮގަސްޓް 15 ވަނަ ދުވަހު، އަފްގާނިސްތާނުގެ ސަރުކާރު ވައްޓާލައި، ކުއްލި ގޮތަކަށް ވެރިރަށް ކާބުލް ވެސް ތާލިބާނުންގެ ބާރުގެ ދަށަށް ދިޔުމުން، އެމެރިކާ އަށް ހުރިހާ ކަމެއް އޮޅުންބޮޅުންވެގެން ދިޔަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އަފްގާނިސްތާނުގައި އެމެރިކާ އަށް ކުރިމަތިވި ނާކާމިޔާބީގެ ޒިންމާ އަޅުވާނެ ފަރާތަކާ މެދު، އެމެރިކާގެ އާންމު ރައްޔިތުން އަންނަނީ ވިސްނަމުންނެވެ. އަދި އަފްގާނުގައި އެމެރިކާ ސިފައިންނަށް ކުރިމަތިވި ނާކާމިޔާބަކީ، ބައިޑެންގެ ނާކިޔާބު ސިޔާސަތެއްގެ ނަތީޖާ ކަމަށް ދުށުމަކީ ބޭއިންސާފެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި އަފްގާނުގައި އޮތް ވެރިކަން ވެއްޓުނީ، އެމެރިކާ ސިފައިން އަފްގާނުން ބޭލުމަށް، ރައީސް ބައިޑެންގެ ސަރުކާރުން ނިންމުމުންނެވެ. ނަމަވެސް ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ވެރިކަމުގައި އެމެރިކާ ސަރުކާރާއި ތާލިބާންގެ ހަނގުރާމަވެރިންނާ ދެމެދު އެއްބަސްވެފައިވާ ގޮތުން، މި އަހަރުގެ ތެރޭގައި އެމެރިކާ ސިފައިން އަފްގާނުން ބާލަންޖެހެ އެވެ.

އެމެރިކާ ސިފައިން އަފްގާނުން ފޭބުމުގެ ބަދަލެއްގެ ގޮތުން، އެމެރިކާ އިން ތާލިބާނުންނަށް ޝަރުތުކޮށްފައި އޮތީ، އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކަށް ހަމަލާ ދިނުމަށް ޓެރަރިސްޓުން ބޭނުންކުރާ ބިމަކަށް އަފްގާނިސްތާނު ވިޔަ ނުދިނުމެވެ. އަދި އެއްބަސްވުމުގައި ސޮއިކުރާ ތާރީހުން ފެށިގެން، އެމެރިކާ ސިފައިންނަށް އެއްވެސް ހަމަލާއެއް ނުދިނުމާއި، އެމެރިކާ ސިފައިން ފޭބުމަށް މަގު ފަހިކޮށްދިނުމެވެ.

އެމެރިކާ ސިފައިން އަފްގާނުން ފޭބުމުގެ އެންމެ ފަހު މަރުހަލާ ފެށުނުތަނާ، ތާލިބާނުން އަފްގާނު ސަރުކާރު ވައްޓާލައި، އެ ގައުމު ހިފީ އެވެ. އެއާ އެކު ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ވަނީ އަފްގާނިސްތާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި، އަފްގާނިސްތާނަށް ދިނުމަށް ކުރިން ނިންމާފައި ހުރި އެހީތައް ވެސް ހިފަހައްޓައިފަ އެވެ.

އޭގެ އިތުރުން، އެމެރިކާގެ މަރުކަޒީ ބޭންކުގައި ހުރި އަފްގާނުގެ މަރުކަޒީ ބޭންކުގެ ނުވަ ބިލިއަން ޑޮލަރު ވެސް އެމެރިކާ އިން ވަނީ ހިފަހައްޓައިފަ އެވެ. އޭގެ ސަބަބުން، އަފްގާނިސްތާނުގެ މާލީ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، ގައުމުގެ އިގްތިސާދު ވަނީ ފުން ވަޅުގަނޑަކަށް ވެއްޓިފަ އެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ވިދާޅުވި ގޮތުގައި، އެމެރިކާ އިން ހިފަހައްޓާފައި ހުރި އަފްގާނުގެ ފައިސާތައް ދޫނުކުރާ ނަމަ، އަފްގާނަށް ވަރަށް ބޮޑު އިންސާނީ ކާރިސާއެއް ކުރިމަތިވެދާނެ އެވެ. އެހެންކަމުން މި ކަމަށް އެމެރިކާ އިން ހައްލެއް ހޯދައިދޭންޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޕާކިސްތާން އެކަނި ތާލިބާނުންގެ ސަރުކާރު ގަބޫލުކޮށްގެން، މުޅި މައްސަލަ އަށް މާބޮޑު ހައްލެއް ނުލިބޭނެ އެވެ. އޭގެ ބަދަލުގައި ސަރަހައްދީ ބާރުތަކުންނާއި އަފްގާނިސްތާނުގެ އަވައްޓެރި ގައުމުތަކުން ވެސް ތާލިބާނުންގެ ސަރުކާރު ބަލައިގެންފި ނަމަ، އަފްގާނު މައްސަލައަށް ރަނގަޅު ހައްލެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.