Roadha Mihaaru
ތާލިބާނުން ބާރާއެކު އަފްގާނިސްތާނު މަސްރަހު ހޫނުވަނީ

ތާލިބާނުން ބާރާއެކު އަފްގާނިސްތާނު މަސްރަހު ހޫނުވަނީ

12 ޖުލައި 2021

އަފްގާނިސްތާނުގެ ގިނަ ސަރަހައްދުތަކެއް ތާލިބާނުންގެ ބާރުގެ ދަށަށް ދިޔުމާ ގުޅިގެން، އެ ގައުމުގައި ވަރުގަދަ ދާހިލީ ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ބޮޑުވެ، އަފްގާނިސްތާނުގައި ތިބި ބޭރުގެ ޑިޕްލޮމޭޓުން އެ ގައުމުން ފައިބަން ފަށައިފި އެވެ.

އަފްގާނިސްތާނުގެ ގިނަ ސަރަހައްދުތަކެއް ތާލިބާނުންގެ ބާރުގެ ދަށަށް ދިޔުމާ ގުޅިގެން، އެ ގައުމުގައި ވަރުގަދަ ދާހިލީ ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ބޮޑުވެ، އަފްގާނިސްތާނުގައި ތިބި ބޭރުގެ ޑިޕްލޮމޭޓުން އެ ގައުމުން ފައިބަން ފަށައިފި އެވެ.

ތާލިބާން ޖަމާއަތުން އިއްޔެ ބުނި ގޮތުގައި، އަފްގާނިސްތާނުގެ މެދުތެރޭގައި އޮންނަ ބާމިޔާން ޕްރިވިންސާއި ގޯރް ޕްރޮވިންސްގެ ޔޯރާ ކިޔާ ސިޓީގެ މައި ހަތަރު ޗެކް ޕޮއިންޓެއް މިހާރު ވަނީ އެމީހުންގެ ބާރުގެ ދަށަށް ގެނެވިފަ އެވެ. ތާލިބާނުންގެ ހަނގުރާމަވެރިން، ވެރިރަށް ކާބުލްއާ ކައިރިވަމުން އަންނަ އިރު، ސަރުކާރު ސިފައިން އަންނަނީ ދިފާއީ ގޮތުން އިތުރު ފިޔަވަޅުތައް އަޅަމުންނެވެ.

އެ ގޮތުން ކާބުލްގެ ވައިގެ ބަނދަރު ދިފާއު ކުރުމުގެ ގޮތުން އެ ސަރަހައްދުގައި މިހާރު ވަނީ މިސައިލްތައް ރުކުރުވާލައިފަ އެވެ. އަދި ތާލިބާނުން ދީފާނެ ރޮކެޓް ހަމަލާތަކަކުން ވެރިރަށް ކާބުލް ހިމާޔަތް ކުރުމުގެ ގޮތުން، ކާބުލްގެ މެދުތެރޭގައި ވެސް މިހާރު ވަނީ މިސައިލް ހަރުތައް ބަހައްޓައިފަ އެވެ.

ސަރުކާރު ސިފައިން ބުނި ގޮތުގައި ތާލިބާނުންގެ ބާރުގެ ދަށުގައި އޮތް ތިން ޕްރޮވިންސެއްގެ ހަތަރު އަވަށެއް މިހާރު ވަނީ ސަރުކާރު ސިފައިންގެ ބާރުގެ ދަށަށް ގެނެވިފަ އެވެ. އެ ސަރަހައްދުތައް ހިފުމަށް ކުރި ހަނގުރާމައިގައި، ތާލިބާނުންގެ 55 ހަނގުރާމަވެރިން މަރުވެ އިތުރު 90 މީހުން ޒަހަމްވެފައިވާ ކަމަށް ސަރުކާރު ސިފައިން ބުނެ އެވެ.

އޭގެ އިތުރުން ތަޚާރު ޕްރޮވިންސްގެ މެދުތެރޭގައި ތާލިބާންގެ ހަނގުރާމަވެރިން ގާއިމުވެ ތިބި ތަންތަނަށް، ސަރުކާރު ސިފައިންގެ މަތިންދާބޯޓުތަކުން އިއްޔެ ވަރުގަދަ ހަމަލާތަކެއް ދިން ކަމަށް ވެސް ސަރުކާރު ސިފައިން ބުނެ އެވެ.

އަފްގާނިސްތާނު ހަނގުރާމައަށް ސުލްހަވެރި ހައްލެއް ހޯދުމުގެ ގޮތުން ތާލިބާން ޖަމާއަތުގެ އިސް ވަފުދެއް އިއްޔެ ތުރުކުމެނިސްތާނަށް ޒިޔާރަތްކޮށް، އެ ގައުމުގެ އިސް ވެރިންނާ މަޝްވަރާ ކުރެއްވި ކަމަށް ތާލިބާން ޖަމާއަތުން ބުނެ އެވެ.

އަނެއްކޮޅުން ޕާކިސްތާނުގެ ހާރިޖީ ވަޒީރު ޝާހް މަހްމޫދު ގުރައިޝީ އިއްޔެ ވިދާޅުވި ގޮތުގައި އަފްގާނިސްތާނުގެ ހާލަތު ގޯސްވަމުންދާ މިންވަރަށް ބަލާއިރު، ދާހިލީ ހަނގުރާމައެއް ފެށިދާނެތީ ޕާކިސްތާން ވަރަށް ކަންބޮޑުވެ އެވެ. އޭނާ ވިދާޅުވީ ބާރުގެ ބޭނުންކޮށްގެން ގައުމު ކޮންޓްރޯލް ކުރަން އުޅެގެން އެއްވެސް ބަޔަކަށް އެކަން ހާސިލް ނުކުރެވޭނެ ކަމަށެވެ. އަދި އެއީ މައްސަލައިގެ ދާއިމީ ހައްލެއް ވެސް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.