Roadha Mihaaru
މުއްދަތު ހަމަވެ، މާރުކޭޓްގެ ގޮޅިތައް އަލުން ކުއްޔަށް

މުއްދަތު ހަމަވެ، މާރުކޭޓްގެ ގޮޅިތައް އަލުން ކުއްޔަށް ދެނީ

11 ޖުލައި 2021

ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓުން ކުއްޔަށް ދޫކޮށްފައިވާ ގޮޅިތަކުގެ މުއްދަތު މިހާރު ހަމަވެފައި ވާތީ، އެ ގޮޅިތައް އަލުން ކުއްޔަށް ނަގަން ބޭނުންވާ މީހުންނަށް މާލޭ ސިޓީ ކައުންސިލުން މިއަދު އެ ފުރުސަތު ހުޅުވާލައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓުން ކުއްޔަށް ދޫކޮށްފައިވާ ގޮޅިތަކުގެ މުއްދަތު މިހާރު ހަމަވެފައި ވާތީ، އެ ގޮޅިތައް އަލުން ކުއްޔަށް ނަގަން ބޭނުންވާ މީހުންނަށް މާލޭ ސިޓީ ކައުންސިލުން މިއަދު އެ ފުރުސަތު ހުޅުވާލައިފި އެވެ.

އެ ފުރުސަތު ހުޅުވާލައި، މާލޭ ސިޓީ ކައުންސިލުން ކުރި އިއުލާނުގައި، ކުއްޔަށް ދޭން ނިންމާފައިވާ އަގުތަކާއި ޕޮއިޓް ދިނުމުގައި ބަލާނެ މިންގަނޑުތައް ވެސް އާންމުކޮށްފައިވެ އެވެ.

މި ގޮޅިތަކަށް ކުލީގެ ގޮތުގައި ނަގަން ނިންމައިފައި ވަނީ ގޮޅިއެއްގެ ބޮޑުމިނަށް ބަލައި، އަކަފޫޓަކަށް 31.25ރ. ގެ މަގުންނެވެ. އެއީ ދެ އަހަރުގެ މުއްދަތަށެވެ.

ކޮންމެ މީހަކަށް ވެސް އެންމެ ގޮޅިއަކަށް ކުރިމަތިލެވޭ ގޮތަށް ހުޅުވާލި ފުރުސަތުގައި، ޕޮއިންޓް ދޭ އުސޫލަށް ބަލާއިރު މިހާރު ގޮޅި ލިބިފައިވާ މުއްދަތުގެ ތެރޭގައި އަމިއްލަ އަށް ގޮޅީގައި ހުރެގެން ގޮޅި ހިންގަމުން އަންނަ މީހެއް ނަމަ 30 ޕޮއިންޓް އަދި ސޭޓެއްގެ ގޮތުގައި ނުވަތަ އެހީތެރިއެއްގެ ގޮތުގައި ހުރެގެން ގޮޅި ހިންގަމުން އަންނަ މީހެއް ނަމަ، އެ މީހަކަށް 15 ޕޮއިންޓް ދޭނެ އެވެ.

ޕޮއިންޓް ދިނުމުގައި އިތުރަށް ބަލަނީ، ގޮޅި ހިންގާތާ މިހާތަނަށް ވެފައިވާ މުއްދަތަށެވެ. އެއީ އެއް އަހަރު ވެފައިވާ ނަމަ 15 ޕޮއިންޓާއި ދެ އަހަރު ވެފައިވާ ނަމަ 30 ޕޮއިންޓް އަދި 03 އަހަރު ވެފައިވާ ނަމަ 45 ޕޮއިންޓެވެ. އަދި އަހަރު ބަލަނީ 2018 އިން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް ގޮޅި ހިންގާ މީހުންނަށެވެ.

އެއްވެސް ވަރަކަށް ބިދޭސީން ނުގެންގުޅެ ގޮޅި ހިންގާ މީހެއް ނަމަ 10 ޕޮއިންޓް ދޭނެ އެވެ. މިކަން ބަލާނީ ކައުންސިލްގެ ހުރި ރެކޯޑްތަކުން ކަމަށް ބުނެފައިވެ އެވެ.

މާރުކޭޓު ގޮޅިތަކުގައި ބީދޭސީން ލައްވާ މަސައްކަތް ކުރުވުމަކީ މަނާ ކަމެކެވެ.

މާލެ: ޖުލައި 2، 2020: ކޮވިޑް-19 އާ ގުޅިގެން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން ތިން މަހަށް ވުރެ ގިނަ ދުވަހު ބަންދުކޮށްފައި ހުރި ލޯކަލް މާރުކޭޓު ހުޅުވާފައި--. ފޮޓޯ: ނިޝާން އަލީ/މިހާރު

މާލެ: ޖުލައި 2، 2020: ކޮވިޑް-19 އާ ގުޅިގެން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން ތިން މަހަށް ވުރެ ގިނަ ދުވަހު ބަންދުކޮށްފައި ހުރި ލޯކަލް މާރުކޭޓު ހުޅުވާފައި--. ފޮޓޯ: ނިޝާން އަލީ/މިހާރު

ކުއްޔަށް ދޫކުރާ ގޮޅިތައް ވަނީ ފަސް ބަޔަކަށް ބަހާލައިފަ އެވެ. އެއީ ލޯކަލް މާރުކޭޓުން ތަރުކާރީ/މޭވާ ވިއްކުމަށް 100 ގޮޅި އާއި ވަޅޯމަސް ވިއްކުމަށް 32 ގޮޅި އާއި ލުއިކާނާ އަދި ސޮފްޓް ޑްރިންކްސް އަށް 35 ގޮޅި އާއި އިމްޕޯޓް މުދާ ވިއްކާ އަދި ގަޑި ކަމަރަށް ހާއްސަ 19 ގޮޅި އެވެ. މީގެ އިތުރުން، ދަތުރުވެރިންގެ މާރުކޭޓުން ތަރުކާރީ/މޭވާ ވިއްކުމަށް 163 ގޮޅި ދޫކުރާނެ އެވެ.

ގޮޅީގެ ގުރުއަތުލަން ހަމަޖެހިފައިވާ ގޮތަކީ ގޮޅިތަކުގައި ކުރުމަށް ކަނޑައެޅިފައިވާ ވިޔަފާރިތަކަށް ކެޓަގަރީކުރުމަށް ފަހު، އެ ކަޓަގަރީއަކަށް ކުރިމަތިލީ މީހުންގެ ތެރެއިން 50 ޕޮއިންޓުން މަތި ލިބޭ މީހުންގެ މެދުގަ އެވެ. އަދި ގުރުއަތުލާނީ، ގޮޅިތައް ބެހިފައިވާ ގޮތަށް، ކުރިމަތިލީ މީހުންގެ މެދުގައި ދެ މާރުކޭޓަށް ވަކިވަކިންނެވެ.

މި ދެ މާރުކޭޓުން ގޮޅިތައް ކުއްޔަށް ހިފަން ބޭނުންވާ މީހުންނަށް އަންނަ މަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށް ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ. އަދި ގޮޅި ކުއްޔަށް ހިފުމަށް އެދޭ ފޯމު، ސިޓީ ކައުންސިލްގެ ވެބްސައިޓުންނާއި އިދާރާ އިން ލިބޭނެ އެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން، ކުރިން ހައުސިން މިނިސްޓްރީން ބަލަމުން އައި، މާލޭގެ މުނިސިޕަލްޓީގެ ކަންކަން ހިންގައި ބެލެހެއްޓުމަށް ހަދަންޖެހޭ ގަވާއިދުތަކާއި އުސޫލުތައް ހެދުމަށް ސިޓީ ކައުންސިލަށް ލިބިދީފައިވާ ބާރުގެ ދަށުން ވަނީ، މާލޭގެ ހުރި މާރުކޭޓުތައް ކުއްޔަށް ދޫކުރުމުގެ އާ އުސޫލެއް އެކުލާވަލައި އާންމުކޮށްފަ އެވެ.

މި އާ އުސޫލަށް އަމަލުކުރަން ފެށުމާ އެކު ޖޫން 4، 2015 އިން ފެށިގެން ހައުސިން މިނިސްޓްރީން ތަންފީޒުކުރަމުން އައި، "ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓުގެ ސަރަހައްދުގައި ހިމެނޭ ތަންތަނުގައި ވިޔަފާރިކުރުމަށް ގޮޅި ދޫކުރުމުގައި އަމަލުކުރާނެ އުސޫލު" ވަނީ އުވާލައިފަ އެވެ.