Roadha Mihaaru
މާރުކޭޓްތައް ހިންގަން އާ އިމާރާތެއްގެ މަސައްކަތް ފަށަނީ

ހުރިހާ މާރުކޭޓެއް އެއްތަނަކަށް ގެންދަން އާ އިމާރާތެއްގެ މަސައްކަތް ފަށަނީ

21 ޑިސެމްބަރ 2023

ލޯކަލް މާރުކޭޓު، ހައި ކޯޓު ކައިރިއަށް ވަގުތީ ގޮތުން ބަދަލުކޮށް، މިހާރު ލޯކަލް މާރުކޭޓް ހުރި ބިމުގައި މަސް މާރުކޭޓް ވެސް ހިމެނޭ ގޮތަށް ޒަމާނީ ފެންވަރަށް އިމާރާތެއް ހަދަން އަންނަ ހޮނިހިރު ދުވަހު ފަށާނެ ކަމަށް މާލެ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ލޯކަލް މާރުކޭޓު، ހައި ކޯޓު ކައިރިއަށް ވަގުތީ ގޮތުން ބަދަލުކޮށް، މިހާރު ލޯކަލް މާރުކޭޓް ހުރި ބިމުގައި މަސް މާރުކޭޓް ވެސް ހިމެނޭ ގޮތަށް ޒަމާނީ ފެންވަރަށް އިމާރާތެއް ހަދަން އަންނަ ހޮނިހިރު ދުވަހު ފަށާނެ ކަމަށް މާލެ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.

މާލޭގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވީ، ލޯކަލް މާރުކޭޓުގައި މިހާރު ހިންގާ ބިން ހުސްކޮށް، އެ ތަނުގައި ހަތަރު ބުރީގެ އިމާރާތެއް އަޅާނެ ކަމަށެވެ. އެއަށްފަހު، ދަތުރުވެރިންގެ މާރުކޭޓާއި މަސްމާރުކޭޓު ވެސް އާ އިމާރާތަށް ބަދަލުކޮށް، އެ ދެ މާރުކޭޓު ހުސްކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި މަސައްކަތަކީ، ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރަކަށް ހުންނެވިއިރު ޕްލޭން ކުރި ކަމެކެވެ. ކޮންޓްރެކްޓް ފައިނޭންސް އުސޫލުން މާރުކޭޓް ހަދަން ބަޔަކާ އެކު ސޮއި ވެސް ކުރި އެވެ. ނަމަވެސް، އޭރުގެ ޕްލޭނިން މިނިސްޓްރީން ލޭންޑު ޔޫސް ޕްލޭން ފާސް ނުކުރުމުން އެކަން ފެށޭގޮތް ނުވީ އެވެ.

މި ފަހަރު މާރުކޭޓް ހަދަނީ، ކުރިން ވެސް ހަވާލުކުރި ކުންފުނިން ކަމެއް އަދި ސާފެއް ނުވެ އެވެ.

ސިޓީ ކައުންސިލުން ޕްލޭން ކޮށްފައިވަނީ އަލަށް ހަދާ އިމާރާތުގެ ބޭސްމަންޓުގައި ޕާކިން ޒޯނެއް ވެސް ހަދާށެވެ. ގްރައުންޑު ފްލޯގައި މަސް މާރުކޭޓު ހަދާއިރު، 1،2 އަދި 3 ވަނަ ފްލޯގައި ހަދަން ނިންމާފައިވާނީ ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓެވެ. އެންމެ މަތީ ފްލޯ ދޫކުރާނީ، ނަރީޝް ވިދާޅުވި ގޮތުގައި، ފުޑް ކޯޓް ހިންގާށެވެ.

އެ މަސައްކަތް ހަވާލުކުރީ 8 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ކަމަށް ނަރީޝް ވިދާޅުވި އެވެ.

"އަލަށް ތަރައްގީކުރާ ތަނަށް މަސްމާރުކޭޓަށް ބަދަލުކުރީމާ އެތަން ހުސްވާނެ. އޭރުން، އެތަން އެއްކޮށް ތަޅާލާފައި މަސްމާރުކޭޓު ހުރި ބިމަށް އަންނާނެ އާ ޑިވެލޮޕްމަންޓެއް. ދަތުރުވެރިންގެ މާރުކޭޓު އިން ތަން އެއްކޮށް ނަގާފައި އެތަނަށް އާ ޑިވެލޮޕްމަންޓެއް. އެ އެއްޗެހީގެ ތަފްސީލު ފަހުން ހާމަކުރާނަން." އޭނާ ވިދާޅުވި އެވެ.