މާލޭގެ މަސް މާރުކޭޓު ތަރައްގީ ކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް މިލިއަން ޑޮލަރުގެ ދެ ކޮންޓްރެކްޓެއް ހަދާފައިވާ ކަމަށާއި ނަމަވެސް އޭގެ ތެރެއިން ރަނގަޅީ ކޯއްޗެއް ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
20 އޯގަސްޓް 2025
މާލޭގެ މަސް މާރުކޭޓު ތަރައްގީ ކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް މިލިއަން ޑޮލަރުގެ ދެ ކޮންޓްރެކްޓެއް ހަދާފައިވާ ކަމަށާއި ނަމަވެސް އޭގެ ތެރެއިން ރަނގަޅީ ކޯއްޗެއް ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
ސިޓީ ކައުންސިލުން ބޭއްވި ރަސްމީ އާންމު ޖަލްސާގައި އާޒިމް ވިދާޅުވީ މަސް މާރުކޭޓާ ގުޅޭ ދެ ކޮންޓްރެކްޓެއް އެބައޮތް ކަމަށާއި އެ ތަނުން ރަނގަޅީ ކޮން ކޮންޓްރެކްޓެއް ކަމެއް އަދި އެނގިވަޑައިނުގަންނަވާ ކަމަށެވެ.
އާޒިމް ވިދާޅުވި ގޮތުގައި ދެވަނަ ކޮންޓްރެކްޓް ހަދާފައި އޮތީ މޭޔަރު ކަމުގެ މަގާމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހުންނެވުމަށް ފަހު އެ މަނިކުފާނު ރައީސްކަމާ ހަވާލުވެ ވަޑައިގަތުމުން އެ މަގާމު ހުސްވެފައި އޮތް ދުވަސްވަރު އެވެ. ދެވަނަ ކޮންޓްރެކްޓް ހަދާފައި އޮތީ ބިޑް ކޮމިޓީގެ ނިންމުމާ ހިލާފަށް އެފްޖޭ ޑިޒައިން ކިޔާ ކުންފުންޏަކާ އެވެ.
އާޒިމް ވިދާޅުވީ ފުރަތަމަ ކޮންޓްރެކްޓުގައި މާބޮޑު މައްސަލަތަކެއް ނެތް ނަމަވެސް ދެވަނަ ކޮންޓްރެކްޓް ހަދާފައި އޮތީ ކައުންސިލަށް ވަރަށް ބޮޑަށް ގެއްލުންވާ ގޮތަށް ކަމަށެވެ. އޭގައި ސޮއިކޮށްފައި ވަނީ ކައުންސިލުގެ ލީގަލް އޮފިސަރު އަލީ ނަސީރު ކަމަށް އޭނާ ވިދާޅުވި އެވެ.
އާޒިމް ވިދާޅުވިގޮތުގައި ފުރަތަމަ ކޮންޓްރެކްޓް ހަދާފައި އޮތީ 6.1 މިލިއަން ޑޮލަރަށް ކަމަށް ވިޔަސް ފަހުގެ ކޮންޓްރެކްޓް ހަދާފައިވަނީ 9.6 މިލިއަން ޑޮލަރަށެވެ. އެކަމަކު ދެވަނަ އެއްބަސްވުން ހަދަން ޖެހުނީ ކީއްވެކަން އަދި ނޭނގޭ ކަމަށް މޭޔަރު ވިދާޅުވި އެވެ.
"އަޅުގަނޑު ވާނީ އޭގައި ސޮއިކުރި ފަރާތަށް މެމޯއެއް ފޮނުވާފައި ދެވަނަ ކޮންޓްރެކްޓް ހެދި ސަބަބާއި ކީއްވެ ކޮން ހަމައަކުން ސޮއިކުރި އެއްޗެއްތޯ އާއި ކާކު އަންގައިގެންތޯ ބެލުމަށް،" އާޒިމް ވިދާޅުވި އެވެ.
އާޒިމް ވިދާޅުވި ގޮތުގައި ކައުންސިލުގެ އީމެއިލް ރިސެޓްވެފައި ހުރުމުން ބައެއް ޑޮކިއުމަންޓްތައް ގެއްލިގެން ރިކަވާ ކުރުމުގެ މަސައްކަތް ވެސް މިހާރު ކުރިއަށް ދެ އެވެ. އަދި މިހާރު ވެސް ގިނަ ލިޔުންތަކެއް ރިކަވާ ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މަސް މާރުކޭޓުގެ އެއްބަސްވުމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި، އާޒިމް ވިދާޅުވީ 9.6 މިލިއަން ޑޮލަރަކީ އެ ތަން ހެދުމަށް ދޭންޖެހޭ ފައިސާ ކަމަށާއި އެ ފައިސާއަކީ ކައުންސިލަށް ދެއްކޭނެ އެއްޗެއް ނޫން ކަމަށެވެ. އަދި ފައިސާ ނުދެއްކިއްޖެ ހާލަތެއްގައި އެ ބިން އެއްކޮށް ލިބޭ ގޮތަށް ވެސް އޮތީ އެތަން ނެގި މީހުންނަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު ފައިސާ ނުދެއްކިއްުޖެއްޔާ އެ ކޮންޓްކެޓް އޮތް ގޮތުން މުޅި އިމާރާތް އެއްކޮށް އެމީހުންނަށް ލިބެނީ. އެތަނުގައި މަސް މާރުކޭޓެއް ލޯކަލް މަރުކޭޓެއް ނޭޅޭނެ. މިއީ ވަރަށް ދެރަކޮށް ގޮސްފައި އޮތް ކަމެއް،"
ދެވަނަ ކަންބޮޑުވުމެއްގެ ގޮތުގައި އާޒިމް ފާހަގަ ކުރެއްވީ ދެވަނަ ކޮންޓްރެކްޓް ހެދި ގޮތް އެނގެން ނެތުމެވެ. އެތަނުގެ ރައިޓްސް ޓްރާންސްފާވީ ގޮތް ނޭނގޭ ކަމަށާއި ކުރީގެ ކޮންޓްރެކްޓާއި ފަހުގެ ކޮންޓްރެކްޓުގައި އޮތީ ވެސް އެއް ނަމްބަރެއް ކަމަށް އާޒިމް ވިދާޅުވި އެވެ.
އެހެންވެ، މުޅި ޕްރޮޖެކްޓް އޮތީ އޮޅުންބޮޅުމެއްގެ ތެރޭގައި ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ވަރަށް މި އޮޅުންބޮޅުން އަރާފައި އޮއްވާ މި ޕްރޮޖެކްޓް ފަށައިގެން ގޮސް މި ފައިސާ ދެއްކޭނެ ގޮތެއް ވެސް މި ޕްރޮޖެކްޓުގައި ފާހަގަ ނުކޮށް އޮއްވާ ފަށައިގަނެގެން ގޮސްފިއްޔާ މިއީ ވަރަށް ބޮޑު ގެއްލުމެއް ލިބިދާނެ ކަމެއް،"
އާޒިމް ވިދާޅުވި ގޮތުގައި އެ ތަނުގެ ގޮޅިތައް އެހެން ތަނަކަށް ބަދަލު ކުރުމަށް ފަހު މަސައްކަތް ފަށާ ގޮތަށް އޮތް ކަމަށް ހީވި ނަމަވެސް މިހާރު އެނގޭ ގޮތުގައި އެއީ ކޮންޓްރެކްޓްގެ ދަށުން ކުރަންޖެހޭ ކަމެއް ނޫނެވެ. އެކަމަށް ވެސް ވަކިން އަގެއް ހޯދައިގެން ކުރަން އޮތް އިރު އޭގެ ބިޑު ޑޮކިއުމަންޓްތައް ނުފެންނަ ކަމަށް ވިދާޅުވި އެވެ.
އެކަން ހަވާލުކުރީ 2.1 މިލިއަން ރުފިޔާއަށެވެ.
"200 ކޮންމެވެސް ވަރަކަށް ހުރި ގޮޅި އެހެން ތަނަކަށް ޓްރާންސްފާކޮށްފައި އެ މަސައްކަތްކުރަން އޮންނަނީ. އެކަމަކު މިހާރު މި އެނގެނީ އެއީ އެ ކޮންޓްރެކްޓުގެ ދަށުން ކުރަންޖެހޭ ކަމެއް ނޫންކަން،. އެކަމަށް ވެސް ވަކިން އަގެއް ހޯދައިގެން ކުރަން މިއޮތީ... އެ ލިބުނު ފަރާތަށް 2.1 މިލިއަން ރުފިޔާއަށް އެކަން ދީ އެކަން ކުރަން ފަށާފައި މިއޮތީ،"
އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި، ކައުންސިލުގެ މެމްބަރު ސައިފް ފާތިހު ވަނީ އެގޮތަށް އަމަލުކުރި މީހުން މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކުރަންޖެހޭ ކަމަށް ވިދާޅުވެފަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެމީހުން ބައިތިއްބައިގެން ކުރިއަށް ދިއުމަކީ ވަރަށް ބޮޑު ރިސްކެކެވެ.
"ހާދަ ބޮޑު ރިސްކެކޭ ތިއީ. އަޅުގަނޑުމެންނަށް ނޭނގި މިތާނގެ މޭޔަރަށް ނޭނގި މިތަނުގައި ހަދާފައި ހުންނަ ވެލިޑް ކޮންޓްރެކްޓްސް އެހެން މީހުންނަށް ޓްރާންސްފާކޮށް އޭގެ އަގު އިންފްލޭޓްކޮށް އޭގެ ޓާމްސް އެންޑް ކޮންޑިޝަންސްތަކަށް ބަދަލު ގެނެސް އޭގެ ޕެރިމީޓާސް ބަދަލުކޮށް، މިތަނުގެ އެތެރެ ފޫގޮސްފައެއް ނޫންތޯ މިއޮތީ." އޭނާ ވިދާޅުވި އެވެ.
ސައިފް ވަނީ އެތަނުގެ އެެހެން ކޮންޓްރެކްޓްތައް ވެސް ބަލަންޖެހޭ ކަމަށާއި ކައުންސިލުން ހަދާފައިވާ އެއްބަސްވުންތައް ވެސް އާންމުކުރަންޖެހޭ ކަމަށް ވިދާޅުވެފަ އެވެ.
މާރުކޭޓު އެއްބަސްވުމުގެ މައްސަލަ އޭސީސީއަށް
މަސްމާރުކޭޓުގައި ހިންގާ މަނާ ވިޔަފާރިތައް ހުއްޓުވަނީ
މަސްމާރުކޭޓުގެ އެއްބަސްވުން އުވާލަން ނިންމަނީ
ބޭނުންނުކޮށް ފަޅުގައި އަޅާފައިވާ ދޯނިތައް ނަގަނީ
ސަރުކާރާއެކު ކޯޅެން ފުރުސަތު ނުދޭނަން: އާޒިމް
ޕްރޮޖެކްޓުތައް މިނިސްޓްރީއަށް ދިނީ މެނޭޖުކުރަން:އާޒިމް
ސިޔާސީ ކުޅިސަމާސާ ވައްދަން ފުރުސަތު ނުދޭނަން:ރައީސް
ރަސްމާލެ-މާލެ ގުޅުވާލާނީ އަންޑަ ވޯޓާ ޓަނަލަކުން:ރައީސް
"ސަރުކާރުން ކައުންސިލްގެ މަސައްކަތަށް އަތެއްނުބާނާ"
މާރުކޭޓްތައް ހިންގަން އާ އިމާރާތެއްގެ މަސައްކަތް ފަށަނީ