Roadha Mihaaru
ތަރުހީބު ނުލިބުމުން ވަގުތީ މާރުކޭޓުތަކެއް ނުހުޅުވުނު

ތަރުހީބު ނުލިބުމުން ވަގުތީ މާރުކޭޓުތަކެއް ނުހުޅުވުނު

25 އެޕްރީލް 2022

މި ރޯދައަށް މާލެ އާއި ވިލިމާލޭގައި ހުޅުވާނެ ކަމަށް އިއުލާނުކުރި ވަގުތީ މާރުކޭޓުތައް ނުހުޅުވީ އެ ތަންތަނަށް އެކަށީގެންވާ ތަރުހީބެއް ނުލިބުމުން ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މި ރޯދައަށް މާލެ އާއި ވިލިމާލޭގައި ހުޅުވާނެ ކަމަށް އިއުލާނުކުރި ވަގުތީ މާރުކޭޓުތައް ނުހުޅުވީ އެ ތަންތަނަށް އެކަށީގެންވާ ތަރުހީބެއް ނުލިބުމުން ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މި މަހުގެ ދެ ވަނަ ފެށި މި އަހަރުގެ ރޯދަމަހާ ދިމާކޮށް ވަގުތީ މާރުކޭޓުތަކެއް ހަދަން ކައުންސިލުން ނިންމައި، އޭގެ އަމަލީ މަސައްކަތްތައް ވެސް ފެށި އެވެ. ނަމަވެސް ރޯދަ މަސް ނިމެން ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު ވެސް އެ މާރުކޭޓުތަކެއް ނުހުޅެވެ އެވެ.

މާލޭގެ ދެ ސަރަހައްދެއްގައި އަދި ވިލިމާލޭގައި ވެސް ވަގުތީ ދެ މާރުކޭޓު ހަދަން ކުރިން ނިންމި އެވެ. އެއީ ދަރުބާރުގެ ކައިރީގައި އޮންނަ ހުސް ބިމާއި އައިޖީއެމްއެޗުގެ ފުރަގަހުގައި އޮންނަ ބިމުގަ އެވެ. އެކަމަކު، އައިޖީއެމްއެޗު ކައިރިން ބޮޑުތަކުރުފާނު މަގުގައި އޮންނަ ޕާކިން ޒޯންގައި ވަގުތީ މާރުކޭޓު ހަދައިފި ނަމަ ޕާކްކުރަން ދަތިވާނެ ކަމުގެ ޝަކުވާ ލިބުމުން ކައުންސިލްގެ އެ ނިންމުމަށް ބަދަލުތަކެއް ގެނައީ އެވެ.

ވިލިމާލޭގައި މާރުކޭޓު ހަދަން ނިންމީ ފުޓްސަލް ދަނޑު ކައިރީގަ އެވެ.

ނަމަވެސް މާރުކޭޓު އަޅަން ނިންމި ސަރަހައްދުތަކުގައި ޓެންޓުތައް ބެހެއްޓުން ފިޔަވައި އިތުރު ކަމެއް ނުކުރެ އެވެ.

މޭޔަރު "މިހާރު" އަށް ވިދާޅުވީ ލޯކަލް މާރުކޭޓުތަކަށް ޑިމާންޑު ބޮޑުވުމުން މީގެ ކުރީ އަހަރުތަކުގައި ވެސް ވަގުތީ މާރުކޭޓު ހަދާފައި ހުންނަ ކަމަށެވެ.

މި ފަހަރު ވެސް މާލެ ސަރަހައްދުގައި ވަގުތީ ލޯކަލް މާރުކޭޓު ހަދަން ނިންމީ ދަތުރުވެރިން އަދި ލޯކަލް މާރުކޭޓުން ގޮޅި ހޯދަން މި ފަހުން ކުރި އިއުލާނަށް ވަރަށް ބޮޑު ޑިމާންޑެއް ލިބުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކި މި ފަހަރު ތަރުހީބެއް ނުލިބުނީމަ ނިންމީ މާރުކޭޓުތައް ނުހަދަން. މިހާރު މާލޭގައި ބަހައްޓާފައި ހުރި ޓެންޓު ވެސް ނަގާފައިވާނީ، ވިލިމާލޭގައި ބެހެއްޓި ދެ ޓެންޓު ނެގުމުގެ މަސައްކަތް ކުރަމުން އަންނަނީ،" މޭޔަރު ވިދާޅުވި އެވެ.

އޭނާ ލަފާކުރައްވާ ގޮތުގައި ވަގުތީ މާރުކޭޓުތަކަށް ތަރުހީބު ކުޑަވީ މާލޭގެ އެކި ހިސާބުތަކުގައި އެކި މާރުކޭޓުތައް ހުޅުވާފައި ހުރުމުންނެވެ.

ރޯދައަށް ހާއްސަ ވިލިމާލޭގެ މާރުކޭޓުގެ 12 ގޮޅިއަށް ކުރިމަތިލާން ހުޅުވާލުމުން 60 އަށްވުރެ ގިނަ މީހުން ކުރިމަތިލި ކަމަށާއި ނަމަވެސް އެ މީހުން ވެސް އެ ގޮޅިތަކަށް ހުށަހެޅީ ދާއިމީ މާރުކޭޓުތައް ކަމަށް ހީކޮށްގެން ކަމަށް މޭޔަރު ވިދާޅުވި އެވެ.

ކައުންސިލުން އަންނަނީ ވިލިމާލޭގައި ދާއިމީ ލޯކަލް މާރުކޭޓެއް ހެދުމުގެ މަސައްކަތް ކުރަމުންނެވެ.

"މި ގޮޅިތަކުގެ ކުއްޔަށް ނަގަން ނިންމީ 1،000ރ. އެ ވަރު ބޮޑުކަމުގެ ޝަކުވީ ލިބުނީމަ 500ރ. އަށް ވެސް ކުޑަ ކުރަން ނިންމިން. އެކަމަކު ވެސް ގޮޅިތައް ގެންދެވޭ ގޮތެއް ނުވި،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

ކޮންމެ އަހަރަކު ވެސް ރޯދައާ ދިމާކޮށް ލޯކަލް މާރުކޭޓުތަކުން އާންމުން ތަކެތި ގަންނަ މިންވަރު ވަރަށް ބޮޑަށް އިތުރުވެ އެވެ. ވަގުތީ މާރުކޭޓުތައް ހަދަނީ އާންމުންނަށް ތަކެތި ގެނައުމުގައި އިތުރަށް ލުއިފަސޭހަކޮށްދިނުމަށް ކަމަށް ކައުންސިލުން ބުންޏެވެ.