Roadha Mihaaru
އަގްސާ މިސްކިތަށް ވަދެގަންނަން ޔަހޫދީން ތައްޔާރުވަނީ

އަގްސާ މިސްކިތަށް ވަދެގަންނަން ޔަހޫދީން ތައްޔާރުވަނީ

11 ޖުލައި 2021

އަހަރަކު އެއް ފަހަރު ފާހަގަކުރާ ޔަހޫދީންގެ ދީނީ މުނާސަބަތެއް ކަމަށްވާ ގޮތުގައި "ހައިކަލް ސުންނާފަތިކުރުން" ފާހަގަކުރުމުގެ ގޮތުން، ކުރިއަށް އޮތް ހަފުތާތަކުގައި، ގިނަ އަދަދެއްގެ ޔަހޫދީން އަގްސާ މިސްކިތަށް ވަންނާނެކަން، ޔަހޫދީންގެ ބައެއް ޖަމާއަތްތަކުން އިއުލާންކޮށްފި އެވެ.

އަހަރަކު އެއް ފަހަރު ފާހަގަކުރާ ޔަހޫދީންގެ ދީނީ މުނާސަބަތެއް ކަމަށްވާ ގޮތުގައި "ހައިކަލް ސުންނާފަތިކުރުން" ފާހަގަކުރުމުގެ ގޮތުން، ކުރިއަށް އޮތް ހަފުތާތަކުގައި، ގިނަ އަދަދެއްގެ ޔަހޫދީން އަގްސާ މިސްކިތަށް ވަންނާނެކަން، ޔަހޫދީންގެ ބައެއް ޖަމާއަތްތަކުން އިއުލާންކޮށްފި އެވެ.

ޔަހޫދީ ޖަމާއަތްތަކުގެ މި ނިންމުމާ ވިދިގެން، އަގްސާ މިސްކިތުގެ ހުރުމަތް ކެނޑުމަށް ޔަހޫދީން ކުރާ ކަންތަކަށް ހުރަސް އެޅުމަށް، ފަލަސްތީނުގެ ޖަމާއަތްތަކުން މިހާރު އަންނަނީ ފަލަސްތީނުގެ އާންމު ރައްޔިތުންނަށް ގޮވާލަމުންނެވެ. ޔަހޫދީންގެ މި ނިންމުމާ ގުޅިގެން، އަގްސާ މިސްކިތާ ކައިރީގައި ފަލަސްތީނު ރައްޔިތުން ދިރިއުޅޭ އަވަށްތަކުގައި މިހާރު ވަނީ ނުތަނަވަސްކަން އިތުރުވެފަ އެވެ.

އަގްސާ މިސްކިތާ ކައިރީގައި އޮންނަ ޝައިޚް ޖައްރާހް އަވަށުގަ އާއި ސިލްވާން އަވަށުގެ ނުތަނަވަސްކަން ވަކިން ބޮޑެވެ. އެއީ، އެ ދެ އަވަށުގެ ބައެއް ގެތަކުން ފަލަސްތީނު މީހުން ނެރުމަށް، ޔަހޫދީ ވަޒަންވެރިންނާއި އިޒްރޭލު ސިފައިން ހިންގާ ހަރުކަށި އަމަލުތައް އިތުރުވެފައިވާ ދުވަސްވަރެއްގައި، ޔަހޫދީން އަގްސާ މިސްކިތުގެ ހުރުމަތް ކެނޑުމަށް ރާވަމުން ދާތީ އެވެ.

"ހައިކަލް ސުންނާފަތިކުރުން" ފާހަގަކުރަނީ، ސަލާމްލެއްވި ސުލައިމާންގެފާނުގެ ހައިކަލް (ފައްޅި ނުވަތަ އަޅުކަން ކުރެއްވި ތަން) އަށް ބާބިލުން ހަމަލާދީ ބިމާ ހަމަކޮށްލި ދުވަހާއި ރޯމަނުންގެ ހަމަލާތަކުގައި ހީރޯދޯސްގެ ހައިކަލް (ދެ ވަނަ ފައްޅި) ސުންނާތި ކުރި ދުވަހުގެ ހަނދާން އާ ކުރުމުގެ ގޮތުންނެވެ. އެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރާ ކަމަކީ، ގާތްގަނޑަކަށް 25 ގަޑިއިރު ވަންދެން ހިފާ ރޯދައެއް ހިފުމާއި، އެ ހާދިސާގެ ހިތާމަ ފާޅުކުރުމެވެ.

އެ ދުވަސް ފާހަގަކުރަނީ ޔަހޫދީ ކަލަންޑަރުން އޮގަސްޓް 9 ވަނަ ދުވަހު އެވެ. މީލާދީ ގޮތުން އެ ދުވަސް ދިމާވާނީ މީލާދީ ކަލަންޑަރުގެ ޖުލައި މަހުގެ ފަހުކޮޅު ނުވަތަ އޮގަސްޓް މަހުގެ ކުރީކޮޅުގެ ދުވަހަކާ އެވެ. ޔަހޫދީ ޖަމާއަތްތަކުން މިހާރު އިއުލާން ކޮށްފައިވާ ގޮތުން، މިއަހަރުގެ "ހައިކަލް ސުންނާފަތިކުރުން" ފާހަގަކުރުން އޮންނާނީ މި ޖުލައި މަހުގެ 18 ވަނަ ދުވަހު އެވެ. އެ ދުވަހު ޔަހޫދީން ބައިބަޔަށް އެކި ވަގުތުތަކުގައި އަގްސާ މިސްކިތަށާއި މިސްކިތުގެ ގޯތި ތެރެއަށް ވަންނާނެ ކަމަށާއި، މިސްކިތުގެ ގޯތި ތެރޭގައި ދީނީ އަޅުކަން ކުރުން އޮންނާނެ ކަމަށް ވަނީ އިއުލާން ކޮށްފަ އެވެ.

ޔަހޫދީން އެ ދުވަހަށް އެ ކަންތައް ހަމަޖެއްސި އިރު، މި ޖުލައި މަހުގެ 19 ވަނަ ދުވަހަކީ މުސްލިމުންގެ އެންމެ މުގައްދަސް ދުވަސް ކަމަށްވާ މިއަހަރުގެ އަރަފާތު ދުވަހެވެ. އަރަފާތު ދުވަހުގެ ދަރުމަ އާއި ސަވާބު ހޯދުމުގެ ގޮތުން، އަރަފާތު ވިލޭރޭ (18 ވަނަ ދުވަހުގެ ރޭ) އިން ފެށިގެން އަގްސާ މިސްކިތުގައި އިއުތިކާފަށް ތިބުމަކީ، ކޮންމެ އަހަރަކު ވެސް ފަލަސްތީނުގެ މުސްލިމުން ކުރާ ކަމެކެވެ. އަދި އެކަމުގައި ބައިވެރިވުމަށް ބާރުއެޅުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ކޮންމެ އަހަރެއްގެ ވެސް މިދުވަސްކޮޅު ހިންގަ އެވެ.

މިދިޔަ ރޯދަ މަހުގެ ފަހު ދިހައިގެ ދުވަސްތަކުގައި ވެސް، އަގްސާ މިސްކިތުގެ ހުރުމަތް ކެނޑުމަށް، ޔަހޫދީ ޖަމާއަތްތަކުން ވަރަށް ބޮޑަށް ރޭވި އެވެ. ނަމަވެސް އެ ދުވަސްވަރު އަގްސާ މިސްކިތަށް ޖަމާވި މުސްލިމުންގެ އަދަދު ގިނަކަމާ އެކު، ޔަހޫދީންނަށް އެފަހަރު ކާމިޔާބު ނުވީ އެވެ. ފަހު ދިހައިގެ ދުވަސްތައް ނިމިގެން ދިޔައީ، ޔަހޫދީ ސިފައިންނާއި ފަލަސްތީނުގެ މުސްލިމުންނާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ހިނގުމާ އެކުގަ އެވެ.