Roadha Mihaaru
ބައި ގަރުނަށް ފަހު އިންގްލެންޑް ބޮޑު ފައިނަލަކަށް

ޔޫރޯ 2020: ބައި ގަރުނަށް ފަހު އިންގްލެންޑް ބޮޑު ފައިނަލަކަށް

08 ޖުލައި 2021

ލަންޑަން (ޖުލައ 8) - ޔޫރޯގެ ސެމީ ފައިނަލުގައި ޑެންމާކުގެ މައްޗަށް 2-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި 55 އަހަރަށް ފަހު ބޮޑު މުބާރާތެއްގެ ފައިނަލަށް އިންގްލެންޑް ދަތުރުކޮށްފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ލަންޑަން (ޖުލައ 8) - ޔޫރޯގެ ސެމީ ފައިނަލުގައި ޑެންމާކުގެ މައްޗަށް 2-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި 55 އަހަރަށް ފަހު ބޮޑު މުބާރާތެއްގެ ފައިނަލަށް އިންގްލެންޑް ދަތުރުކޮށްފި އެވެ.

ބޮޑު މުބާރާތެއްގެ ފައިނަލުގައި އިންގުލެންޑު އެންމެ ފަހުން ކުޅުނީ އަމިއްލަ ގައުމުގައި 1966 ގައި ބޭއްވި ވޯލްޑް ކަޕުގަ އެވެ. އެ ފަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން އިންގްލެންޑް ހޯދި އެވެ. މިއީ ޔޫރޯގެ ފައިނަލަށް އިންގްލެންޑް ދަތުރު ކުރި ފުރަތަމަ ފަހަރެވެ.

އަންނަ އާދިއްތަ ދުވަހުގެ ރޭ ކުޅޭ ފައިނަލުގައި އިންގްލެންޑް ނުކުންނާނީ އިޓަލީއާ ދެކޮޅަށެވެ.

މެޗުގެ ފުރިހަމަ ވަގުތު 1-1 އިން އެއްވަރުވެގެން ނިމުމުމުން ކުޅުނު އިތުރު ވަގުތުގެ 15 މިނެޓުގެ ދެ ހާފުގެ ތެރެއިން ފުރަތަމަ ހާފުގެ ފަހު ވަގުތު އިންގުލެންޑަށް ލީޑު ނަގައިދިނީ ކެޕްޓަން ހެރީ ކޭން އެވެ.

ކޭން ބޯޅަ ފޮނުވާލަނީ --- ފޮޓޯ: އޭއެފްޕީ

ކޭން ބޯޅަ ފޮނުވާލަނީ --- ފޮޓޯ: އޭއެފްޕީ

މެޗުގައި ޑެންމާކުން ޖެހި ލަނޑަކީ މިފަހަރުގެ މުބާރާތުގައި ޑައިރެކްޓް ފުރީ ކިކަކުން ޖެހި ފުރަތަމަ ލަނޑެވެ. އަދި އެއީ މިފަހަރު މުބާރާތުގައި ޖެހި އެންމެ ހިތްގައިމު އެއް ލަނޑެވެ.

މެޗުގެ 30 ވަނަ މިނެޓްގައި އިންގްލެންޑުގެ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުން، މިކެލް ޑޭމްސްގާޑް ފޮނުވާލީ ފާރެއްހެން އެތުރިގެން ތިބި އިންގުލެންޑުގެ ކުޅުންތެރިންގެ ބޯމަތިންނެވެ. އެ ބޯޅަ ސީދާ ދިޔައި އިންގްލެންޑު ޓީމުގެ އެންމެ އިސްކޮޅުން ދިގު ކުޅުންތެރިޔާ ކެޕްޓަން ހެރީ ކޭންއާ ދިމާލުންނެވެ. ފުންމައިގެން އަރައި ބޯޅައިގައި ބޮލުން ޖަހަން ދިމާ ކުރިނަމަވެސް އޭނާގެ ބޮލުގައި ބޯޅަ ލައްވައި ނުލުމުން ބެލެވުނީ ބޯޅަ ދާނީ ހުރަސް ދަނޑިމަތިން ކަމަށެވެ. ނަމަވެސް ބޯޅަ ގޯލަށް ވަނީ ހުރަސް ދަނޑިއާ އިންޗިއެއްހާ ކައިރިންނެވެ. މިރޭގެ މެޗާ އެކު ރެކޯޑް ހެދި އިނގިރޭސި ކީޕަރު ޖޯޑަން ޕިކްފޯޑަށް ބޯޅަ ދިފާއު ކުރުމަށް ކުރެވުނު އެއްވެސް ކަމެއް ނެތެވެ. އެއީ މުބާރާތުގައި އިންގުލެންޑު ކޮޅަށް ވަން ފުރަތަމަ ގޯލެވެ.

ޕިކްފޯޑް ކޮޅަށް ގޯލް ވަނުމުން، އޭނާ ވަނީ އިންގްލެންޑުގެ ގައުމީ ޓީމުގައި އޭނާ ކޮޅަށް ގޯލެއް ނުވަދެ 721 މިނިޓު ފުރިހަމަކޮށްފަ އެވެ. އެއީ އިންގުލެންޑުގެ ގައުމީ ޓީމުގައި ލަނޑެއް ނުވަދެ ކީޕަރަކު ފުރިހަމަ ކުރި އެންމެ ގިނަ ވަގުތެވެ. ކުރިން އެ ރެކޯޑު އޮންނަނީ 1996 ގެ ވޯލްޑް ކަޕުގައި އިންގުލެންޑަށް ކުޅުނު ގޯޑަން ބޭންކުސް އަތުގަ އެވެ. އޭނާ ވަނީ އެ މުބާރާތުގައި 720 މިނިޓު ވަންދެން ލަނޑެއް ވަނަ ނުދީ ގޯލް ބަލަހައްޓައިފަ އެވެ.

އިންގުލެންޑުގެ ލަނޑަކީ ބުކަޔޯ ސަކާ އޭރިއާ ތެރޭގައި ހުރި ރަހީމް ސްޓާލިން އަށް ހުރަސްކޮށްލި ބޯޅަ ޑެންމާކުގެ ކެޕްޓަން ސީމޯން ކިއާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ސަކާ އެ ބޯޅަ އޭރިއާ ތެރެއަށް ނަގައދިނުމުން ސްޓާލިން މަސައްކަތް ކުރީ ވެއްޓިގެން ފައި ގޯލްގެ ތެރެއަށް ފޮނުވާލުމަށެވެ. އޭނާ އަށް ބޯޅަ ލިބުމުގެ ކުރިން ކިއާ މާކުރިން ޓެކްލްކުރި އެވެ. ސްޓާލިން އާއި ދެ ކުޅުންތެރިން ޖެހި މުޑި އެރިއިރު ކިއާ ފައިގައި ޖެހިފައި ގޮސް ބޯޅަ ވަނީ ގޯލްގެ ތެރެއަށެވެ.

އިނގުލެންޑުގެ ފުރަތަމަ ލަނޑަށް ފަހު އުފާ ފާޅު ކުރަނީ --- ފޮޓޯ: އޭއެފްޕީ

އިނގުލެންޑުގެ ފުރަތަމަ ލަނޑަށް ފަހު އުފާ ފާޅު ކުރަނީ --- ފޮޓޯ: އޭއެފްޕީ

މެޗުގެ ފުރިހަމަ ވަގުތުގައި އެއްވެސް ޓީމެއްގެ ކޮޅަށް ނަތީޖާ ބުރަ ނުވުމުން، ކުޅުނު އިތުރު ވަގުތުގެ 15 މިނެޓުގެ ދެ ހާފުގެ ތެރެއިން ފުރަތަމަ ހާފުގައި ކޭން ވަނީ އިންގުލެންޑަށް ލަނޑު ޖަހައި ދީފަ އެވެ. ފުރަތަމަ އިންގުލެންޑަށް ލިބުނީ ޕެނަލްޓީ އެކެވެ. ސްޓާލިން އަށް ޑެންމާކުގެ އޭރިއާގެ ތެރެއިން ފައުލު ކުރުމުން ދިން ޕެނަލްޓީ ކޭން ފޮނުވާލުމުން ޑެންމާކުގެ ކީޕަރު ކެސްޕާ ޝުމައިކަލް އެ ބޯޅަ ދިފާއު ކުރި އެވެ. އޭނާ ދިފާއު ކުރި ބޯޅަ ރީބައުންސަށް ނުކުތުމުން ކޭން ވަނީ އެ ބޯޅަ ގޯލްގެ ތެރެއަށް ވައްދައިލައިފަ އެވެ.