07 ޖުލައި 2021
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)ގައި ފުރަތަމަ ފަހަރަށް އާޓިފިޝަލް ސާފެކްޓެންޓްގެ ހިދުމަތް ދީ، ދުވަސް ނުފުރާ ވިހެއި އެއްމާބަނޑު ދެ ކުދިންގެ ފުރާނަ ސަލާމަތްކޮށްފި އެވެ.
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)ގައި ފުރަތަމަ ފަހަރަށް އާޓިފިޝަލް ސާފެކްޓެންޓްގެ ހިދުމަތް ދީ، ދުވަސް ނުފުރާ ވިހެއި އެއްމާބަނޑު ދެ ކުދިންގެ ފުރާނަ ސަލާމަތްކޮށްފި އެވެ.
އެ ހޮސްޕިޓަލުން ބުނީ، މިއީ މާލެއިން ބޭރުން ރަށެއްގައި އާޓިފިޝަލް ސާފެކްޓެންޓްގެ ހިދުމަތް ދިން ފުރަތަމަ ފަހަރު ކަމަށެވެ. އާޓިފިޝަލް ސާފެކްޓެންޓަކީ ދުވަސް ނުފުރާ ވިހާ، ނޭވާލާ ނިޒާމު ފުރިހަމަ ނުވެ ހުންނަ ކުދިންގެ ފުއްޕާ މޭ ހުޅުވައިލަދޭ ފަރުވާއެކެވެ.
މައިމީހާގެ ބަނޑަށް 29 ހަފްތާގައި އިމަޖެންސީ ސިޒޭރިއަނެއް ހަދައިގެން ނެގި އެއްމާބަނޑު ދެ ކުދިންނަށް އެ ފަރުވާ ދީފައި ވަނީ މޭ މަހުގެ 27 ވަނަ ދުވަހު އެވެ. އެ ދެ ކުދިން ނެގި އިރު އެ ކުދިންގެ ބަރުދަން އާދަޔާ ހިލާފަށް ލުއި ކަމަށް ކުދިންގެ ޑޮކްޓަރުންނާ ހަވާލާދީ، އެ ހޮސްޕިޓަލުން ބުނެ އެވެ.
ކުއްޖަކު ވިހާއިރު އެ ކުއްޖެއްގެ ބަރުދަން 1.5 ކިލޯ އަށް ވުރެ ދަށް ވެއްޖެ ނަމަ ބަލަނީ އާދަޔާ ހިލާފަށް ލުއި ކަމަށެވެ. އެގޮތުން މި އެއްމާބަނޑު ދެބެންގެ ބަރުދަން ވެސް އެއަށް ވުރެ ލުއި ކަމަށާއި، އެއް ކުއްޖެއްގެ ބަރުދަން ހުރީ 1.3 ކިލޯ އަދި އަނެއް ކުއްޖާގެ ބަރުދަން ހުރީ 1.4 ކިލޯގައި ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.
ކުދިންގެ ބަރުދަން ލުއި ވުމުގެ އިތުރުން ދުވަސް ނުފުރާ ވިހެއުމުގެ ސަބަބުން ކުދިންނަށް ދިމާވެފައިވާ އެކި ސިއްހީ މައްސަލަތަކަށް ފަރުވާ ދިނުމަށް ފަހު، 40 ދުވަސް ފަހުން އިއްޔެ އެ ދެ ކުދިން ދޫކޮށްލި އިރު ދެ ކުދިންގެ ބަރުދަނުގައި ވެސް 1.9 ކިލޯ ހުރި ކަމަށް ކުދިންގެ ޑޮކްޓަރާއި ހަވާލާދީ އެ ހޮސްޕިޓަލުން ބުނެ އެވެ.
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގެ ކުޑަކުދިންގެ ޑިޕާޓްމަންޓާ މިވަގުތު ހަވާލުވެ ހުރި ޑރ. މުހައްމަދު ފައިސަލް ވިދާޅުވީ މިއީ ހޮސްޕިޓަލަށް ލިބުނު ވަރަށް ބޮޑު ކާމިޔާބެއް ކަމަށެވެ.
ފައިސަލް ވިދާޅުވީ، މިކަން ކުރިއަށް ގެންދިޔައީ ކުދިންގެ ބެލެނިވެރިންނަށް އޭގެ ރިސްކުތައް ކިޔައިދިނުމަށް ފަހު، ބެލެނިވެރިންގެ ފުރިހަމަ އިތުބާރާ އެކު ކަމަށެވެ. އަދި މިފަދަ ކޭސްތަކުގައި އެންމެ އުނދަގޫ ވަނީ ބެލެނިވެރިންގެ އިތުބާރު ހޮސްޕިޓަލާ މެދު ނެތުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
ހޮސްޕިޓަލުގެ މަސައްކަތްތައް މިހާރު ހުރި ގޮތުން، ފަރުވާ އަށް އަބަދު މާލެ އަންނަން ޖެހުން ނިމުމަކަށް އަންނާނެ ކަމަށް ފައިސަލް ވިދާޅުވި އެވެ. އަދި މިހާރު ކުޅުދުއްފުށި ހޮސްޕިޓަލުގެ ކުޑަކުދިންގެ ޑިޕާޓްމަންޓުން އާންމު ގޮތެއްގައި ކުދިން މާލެ އަށް ދެއްކުމަށް ރިފާ ނުކުރާ ކަމަށާއި، މާލެ އަށް އިތުރު ފަރުވާ އަށް ކުދިން ފޮނުވާނީ ވަރަށް މަދު ހާލަތެއްގައި ކަމަށް ވިދާޅުވި އެވެ.
މިހާރު އެ ހޮސްޕިޓަލުން ވެސް މާލެއިން ލިބޭ ހިދުމަތާ ގާތް ކުރެވޭ ފެންވަރަކަށް ހުރިހާ ހިދުމަތެއް ދެވެން ހުރުމަކީ އެ ސަރަހައްދުގައި ދިރިއުޅޭ މީހުން ސިއްހީ ފަރުވާ ހޯދުމަށް މާލެ އަށް ބަރޯސާވާ މިންވަރު ކުޑަވެގެންދާނެ ކަމަށް ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.
400 ގްރާމް ހަމަނުވާ ކުއްޖަކު ސަލާމަތްކުރެވިއްޖެ
އުފަންވީ މާ އަވަހަށް: އުއްމީދު އަދި އެތައް ފިލާވަޅެއް
ވިހާފައި މަރު؛ މި ވޭނާއި ހިތްދަތިކަން ކިޔައިނުދެވޭނެ
މާބަނޑު މުވައްޒަފުންނަށް ދިން ލުއިތައް އިޔާދަކޮށްފި
8 މަހުގެ ކުއްޖެއްގެ ހާލު ގޯސްވި މައްސަލަ ބަލަނީ
ކޭއާރްއެޗްގައި އެޑްމިޓްކުރާ މީހުންނަށް ބޭސް ނަގައިދޭނެ
ކުޅުދުއްފުށީ ހޮސްޕިޓަލުން ކީމޯތެރަޕީ ދޭން ފަށައިފި
ބްރެޒިލްގެ މަޔަކަށް އާދަޔާ ޚިލާފު މާ ކުއްޖެއް
ގައިޑްލައިން ފުރިހަމަވުމުން އައިވީއެފަށް ހުއްދަ ދެނީ
ދުވަސް ނުފުރާ އުފަންވާ ކުދިން ރާއްޖޭގައި އިތުރުވަނީ