Roadha Mihaaru
ކުޅުދުއްފުށީ ހޮސްޕިޓަލުން ކީމޯތެރަޕީ ދޭން ފަށައިފި

ކުޅުދުއްފުށީ ހޮސްޕިޓަލުން ކީމޯތެރަޕީ ދޭން ފަށައިފި

06 ޖުލައި 2023

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ކީމޯތެރަޕީގެ ހިދުމަތް ދޭން ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ކީމޯތެރަޕީގެ ހިދުމަތް ދޭން ފަށައިފި އެވެ.

އެ ހޮސްޕިޓަލުން ބުނީ މިދިޔަ ހޯމަ ދުވަހު ކީމޯތެރަޕީ އެންމެ ފުރަތަމަ ދިނީ އެ އަތޮޅުގެ ރަށެއްގެ އަންހެނަކަށް ކަމަށެވެ.

ކެންސަރު ބައްޔަށް ފަރުވާ ހޯދާ މީހުންނަށް މައިގަނޑު ގޮތެއްގައި ދެނީ ދެ ފަރުވާ އެކެވެ. އެއީ ކީމޯތެރަޕީ އަދި ރޭޑިއޭޝަން ތެރަޕީ އެވެ. މިހާރު ވެސް ބައެއް ރީޖަނަލް ހޮސްޕިޓަލްތަކުގައި ކީމޯތެރަޕީ ދެ އެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުން ބުނީ އެ ތަނުގައި ކީމޯތެރަޕީ ފެށުމަކީ އެ ހިދުމަތް ހޯދުމަށް މާލެއަށް ކުރާ ދަތުރުތައް މަދުކޮށް ތޮއްޖެހުން ކުޑަކުރުމަށް އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލްގައި ކީމޯތެރަޕީ ފެށުމަށް ތަމްރީނުވި ނަރުހުންތަކެއް.-- ފޮޓޯ: ކުޅުދުއްފުށީ ހޮސްޕިޓަލް

ކުޅުދުއްފުށީ ހޮސްޕިޓަލްގައި ކީމޯތެރަޕީ ފެށުމަށް ތަމްރީނުވި ނަރުހުންތަކެއް.-- ފޮޓޯ: ކުޅުދުއްފުށީ ހޮސްޕިޓަލް

އުތުރުގެ ތިން އަތޮޅުގެ 40 އަށްވުރެ ގިނަ ރަށުގައި 70،000 އަށްވުރެ ގިނަ މީހުން ދިރިއުޅެ އެވެ.

ކެންސަރު ބައްޔަށް ސީދާ ފަރުވާ ހޯދާ މީހުންގެ އަދަދު ނޭނގުނަސް، ކީމޯތެރަޕީ ދިނުމަށް ތިން މީހަކު ރަޖިސްޓްރީކޮށްފައިވާ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

ކީމޯތެރަޕީ ފެށުމަށް ރައްކާތެރި މާހައުލެއް ކަށަވަރުކުރުމަށް އެކަމަށް ހާއްސަ ދެ އެނދުގެ ޔުނިޓު ހަދާފައިވަނީ ހުޅުމާލެ ހޮސްޕިޓަލުގައި މަސައްކަތް ކުރާ ފަންނީ ތަޖުރިބާކާރުންގެ ލަފައާއެކުގަ އެވެ.

ހޮސްޕިޓަލުން ބުނީ އެ ހިދުމަތް ދިނުމުގައި ބޭނުންކުރާ ބައެއް ބޭސްތަކަކީ ސައިޓޯޓޮކްސިކްގެ މާއްދާތައް އެކުލެވޭ ބޭސްތަކަކަށް ވާތީ ފަރުވާއަށް ފަހު އުފެދޭ މެޑިކަލް ވޭސްޓް ނައްތާލުމަށް ހުޅުމާލެ ހޮސްޕިޓަލްގެ އެހީއާއެކު ތިލަފުއްޓަށް ގެންދާނެ ކަމަށެވެ.