Roadha Mihaaru
މިސްކިތް ހުޅުވުމުގެ މަޝްވަރާއަށް ސައޫދީގެ ވަފުދެއް

ސަލްމާން މިސްކިތް ހުޅުވުމުގެ މަޝްވަރާއަށް ސައުދީގެ ވަފުދެއް ރާއްޖެ އަންނަނީ

30 ޖޫން 2021

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސައޫދީ ސަރުކާރުގެ އެހީއާ އެކު ކާނިވާ ސަރަހައްދުގައި އިމާރާތްކޮށްފައިވާ ކިންގް ސަލްމާން މިސްކިތް ހުޅުވުމުގެ މަޝްވަރާ ކުރުމަށް ސައޫދީގެ ވަފްދެއް ރާއްޖެއަށް އަންނަ ގޮތަށް ހަމަޖެހިއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސައޫދީ ސަރުކާރުގެ އެހީއާ އެކު ކާނިވާ ސަރަހައްދުގައި އިމާރާތްކޮށްފައިވާ ކިންގް ސަލްމާން މިސްކިތް ހުޅުވުމުގެ މަޝްވަރާ ކުރުމަށް ސައޫދީގެ ވަފްދެއް ރާއްޖެއަށް އަންނަ ގޮތަށް ހަމަޖެހިއްޖެ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވި ގޮތުގައި މިސްކިތް ހުޅުވުމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ސައުދީގެ ވަފްދެއް ރާއްޖެ އައުމަށް ހަމަޖެހިފައި ވާތީ އެކަމާ ގުޅޭ ކަންކަން ކުރިއަށްދާ ކަމަށެވެ. އެކަމުގެ އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

ތުރުކީގެ ކުންފުންޏަކާ ހަވާލު ކޮށްގެން އިމާރާތްކޮށްފައިވާ އެ ބޮޑު މިސްކިތުގެ އަމަލީ މަސައްކަތްތައް ނިންމިތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ. މިސްކިތް ހުޅުވަން ތައްޔާރުވަމުން އަންނަ ކަމަށް މީގެ ކުރިން އެތައް ފަހަރަކު ސަރުކާރުން ބުންޏެވެ.

އެންމެ ފަހުން އެތަން ހުޅުވާނެ ކަމަށް ސަރުކާރުން ބުނީ މިދިޔަ ރޯދަ މަހާ ދިމާކޮށެވެ. އެކަމަކު ރޯދަ މަހު ވެސް އެތަން ހުޅުވިފައެއް ނުވެ އެވެ. މިސްކިތުގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވިއަސް ރަސްމީކޮށް ނުހުޅުވި ލަސްވަނީ ސައުދީ އަރަބިޔާގެ އިސް ބޭފުޅުންނަށް ވަޑައިނުގެންނެވިގެން ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

މިހާތަނަށް މިސްކިތް ހުޅުވާފައި ނުވި ނަމަވެސް އިސްލާމިކް މިނިސްޓްރީން ވަނީ މިސްކިތުގެ 12 މަގާމަކަށް މީހުން ހޯދަން ވެސް އިއުލާންކޮށްފަ އެވެ.

މިސްކިތުގެ އިމާރާތުގައި، ނަމާދުކުރާ ތަނުގެ އިތުރުން ކުއްޔަށްދޭ ހޯލުތަކާއި މީޓިން ރޫމުތަކެއް ހަދާފައި ވެ އެވެ.

މިއީ ގާތްގަނޑަކަށް 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) ހަރަދުކޮށްގެން އެޅި މިސްކިތެކެވެ.