Roadha Mihaaru
ސިއްހީ ހިދުމަތްދޭން ހާއްސަ މުއައްސަސާއެއް އަންނަ މަހު

ސިއްހީ ހިދުމަތްދޭ ތަންތަން ހިންގަން އަންނަ މަހު އާ އިދާރާއެއް އުފައްދަނީ

30 ޖޫން 2021

ހެލްތު މިނިސްޓްރީގެ ފަރާތުން ދެމުން އަންނަ ޕްރައިމަރީ ހެލްތު ކެއާ ހިދުމަތްތައް ހަރުދަނާކުރުމަށް މޯލްޑިވްސް ހެލްތު ސާވިސް (އެމްއެޗްއެސް) ގެ ނަމުގައި ހާއްސަ މުއައްސަސާއެއް އުފައްދައި، އަންނަ މަހު އިފްތިތާހުކުރާނެ ކަމަށް މިނިސްޓަރު އަހްމަދު ނަސީމް އިއްޔެ ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ހެލްތު މިނިސްޓްރީގެ ފަރާތުން ދެމުން އަންނަ ޕްރައިމަރީ ހެލްތު ކެއާ ހިދުމަތްތައް ހަރުދަނާކުރުމަށް މޯލްޑިވްސް ހެލްތު ސާވިސް (އެމްއެޗްއެސް) ގެ ނަމުގައި ހާއްސަ މުއައްސަސާއެއް އުފައްދައި، އަންނަ މަހު އިފްތިތާހުކުރާނެ ކަމަށް މިނިސްޓަރު އަހްމަދު ނަސީމް އިއްޔެ ވިދާޅުވެއްޖެ އެވެ.

ކޮވިޑް ކޮންޓްރޯލްކުރަން ސަރުކާރުން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަލަށް ދޭން ނިންމި ލުއިތައް އިއުލާންކުރުމަށް ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ސިއްހީ ހިދުމަތް ދޭ ފަރާތްތަކާއި އެ ހިދުމަތް ދެމުންދާ ގޮތް ބަލަހައްޓަން ވަކި އިދާރާއެއްގެ ދަށަށް އެ މަސައްކަތް ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ.

މި އިދާރާ ހުޅުވުމާ އެކު ހެލްތު މިނިސްޓްރީގެ ހަމައެކަނި މަސައްކަތަކަށް ވާނީ ކޮލިޓީ ކޮންޓްރޯލްކުރުން ނުވަތަ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުތޯ ބެލުމެވެ.

"ހެލްތު މިނިސްޓްރީގެ ދަށުން ވަކި އިދާރާއެއް ނެތި، މި ތަންތަން ހިންގަން ވެއްޖެ ނަމަ އަޅުގަނޑުމެންނަށް އެ ތަންތަން މޮނީޓާކޮށް، ކޮންޓްރޯލްކޮށް ކުރުމަކީ ދަތި ކަމަކަށް ވާތީ އެމްއެޗްއެސް ގާއިމްކުރަނީ،" މި އިދާރާ އުފައްދަން ޖެހުނު ސަބަބު ނަސީމް ވިދާޅުވި އެވެ.

މި ބަދަލާ އެކު، ރަށްރަށުގެ ހެލްތު ސެންޓަރުތަކާއި ރީޖަނަލް ހޮސްޕިޓަލުތައް ވެސް ހިމެނޭހެން ރާއްޖޭގެ ހުރިހާ ރަށެއްގައި ސިއްހީ ހިދުމަތް ދެމުން ގެންދާނީ މި އިދާރާގެ ދަށުންނެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނިއުސް ކޮންފަރެންސްގައި ހެލްތު މިނިސްޓަރު ނަސީމް ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނިއުސް ކޮންފަރެންސްގައި ހެލްތު މިނިސްޓަރު ނަސީމް ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

"އަތޮޅު ތެރޭ ފަސް ސަރަހައްދެއްގައި ރީޖަނަލް ހޮސްޕިޓަލުތަކުން ދޭ ހިދުމަތްތައް ފުޅާކޮށް، ފެންވަރު ރަނގަޅު ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުން. މީގެ އިތުރުން އެހެން ސަރަހައްދުތަކުގައި ދެވެމުން އަންނަ ހިދުމަތްތައް ވެސް ފުޅާކުރާނެ،" ނަސީމް ވިދާޅުވި އެވެ.

ހިދުމަތްތައް ފުޅާކުރުމުގެ މަސައްކަތުގެ ދަށުން ރަށްރަށުގައި 60 ޕްރޮޖެކްޓެއް ވަނީ ފަށައިފަ އެވެ. މި އަހަރު ނިމެންވާއިރަށް މި ޕްރޮޖެކްޓުތައް ނިމި، އެ ތަންތަނުގެ ބޭނުން ކުރެވި، ރަނގަޅު ފެންވަރުގެ ހިދުމަތްތަކެއް ލިބިގެންދާނެ ކަމަށް ނަސީމް ވިދާޅުވި އެވެ.

މާލޭގެ އިތުރުން ރަށްރަށުގެ ސިއްހީ ނިޒާމު ތަރައްގީކުރުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރައްވާކަން ނަސީމް ފާހަގަކުރެއްވި އެވެ. އެގޮތުން އިމަޖެންސީ އެމްބިއުލެންސްގެ ހިދުމަތް ދިނުމަށް އިމަޖެންސީ މެޑިކަލް ސާވިސް (އީއެމްއެސް) ގެ ނަމުގައިި ވަކި އިދާރާއެއް އުފައްދާ، ހުރިހާ ރަށަކަށް ބޭނުންވާ އެމްބިއުލެންސް ހޯދުމުގެ މަސައްކަތް ވަނީ ފައްޓަވައިފަ އެވެ.

މި މަސައްކަތުގެ ދަށުން 96 އެމްބިއުލެންސް އާއި 15 ސީ އެމްބިއުލެންސް ގަންނަން ސަރުކާރުން ވަނީ އެސްޓީއޯއާ އެކު އެއްބަސްވެފަ އެވެ. ނަމަވެސް، ނަސީމް ވިދާޅުވީ ޖަޕާނު ސަރުކާރުގެ ފަރާތުން ހިލޭ އެހީ ގޮތުގައި 10 އެމްބިއުލެންސް އާއި 9 ސީ އެމްބިއުލެންސް ދޭން މިހާރު އެއްބަސްވެފައިވާ ކަމަށެވެ.

މާލޭގައި އީއެމްއެސްގެ ހިދުމަތް ދޭން މިހާރު ވަނީ ފަށައިފަ އެވެ. އީއެމްއެސް މެދުވެރިކޮށް އެމްބިއުލެންސް ހޯދުމަށް، 100 އަށް ގުޅުމުން މި ހިދުމަތް ލިބޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސައިފަ އެވެ.