Roadha Mihaaru
ފެސިލިޓީގައި ބަލިމީހާ އަށް އަނިޔާކުރުމުން ދައުވާ ކޮށްފި

މެޑިކަލް ފެސިލިޓީގައި ބަލިމީހާއަށް އަނިޔާކުރި ބިދޭސީއަށް ދައުވާކޮށްފި

29 ޖޫން 2021

ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށްފައި އޮތް ބަލިމީހަކަށް އަނިޔާކުރި ބިދޭސީމީހާއަށް މިއަދު ދައުވާކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށްފައި އޮތް ބަލިމީހަކަށް އަނިޔާކުރި ބިދޭސީމީހާއަށް މިއަދު ދައުވާކޮށްފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު ވިދާޅުވީ ކޮވިޑް ފެސިލިޓީގައި މެއި 26، 2021 ގައި ބަލިމީހާގެ ގައިގައި، އޭނާގެ އެހީތެރިއެއްގެ ގޮތުގައި އާއިލާއިން ހަމަޖެއްސި ބަންގްލަދޭޝްގެ ޝަރިފް ހާން ޖެހުމުން، އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާކޮށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ ދައުވާއާ ގުޅިގެން މިއަދު ބޭއްވި އަޑުއެހުމުގައި ޝަރީއަތް ނިމެންދެން ޝަރިފް ބަންދުކޮށްދިނުމަށް ދައުލަތުން އެދުމުން، ކޯޓުން ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފަ އެވެ.

އުމުރުން ގާތްގަނޑަކަށް 36 އަހަރުގެ އެ މީހާ އަކީ އުފަންވި އިރު ވެސް ހިނގައިބިނގާވެ އުޅުމާއި ވާހަކަ ދެއްކުމުގައި ވެސް ދަތިތަކެއް ހުރި މީހެކެވެ. މި ޒުވާނާ އުފަންވުމުގެ ކުރިން ބައްޕަ ނިއާވެެފައި ވާއިރު މަންމަ އަންނަނީ ކިޑްނީ ބައްޔަށް ފަރުވާ ހޯދަމުންނެވެ.

އެ ބަލިމީހާގެ ކަންކަން ވީހާ ވެސް ރަނގަޅަށް ކުރުމަށް، އެހީތެރިއެއްގެ ގޮތުގައި ބިދޭސީމީހާ ގެނައީ މީގެ އަހަރެއް ކުރިންނެވެ.

ފެސިލިޓީގައި ބަލިމީހާއަށް ހަމަލާދޭ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާއްމުވުމާއެކު އެ ބިދޭސީމީހާ ހައްޔަރުކުރި އެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި ބަލި މީހާގެ މޫނުމަތީގައި ބާރަށް ޖެހުމާ އެކު އެ މީހާ ރޯން ފަށަ އެވެ. އޭނާ ރޯން ފެށުމުން އޭނާއާ ދިމާލަށް ބާރަށް އެއްޗެއް ބުނެ، އިންޒާރު ދޭ ތަން ވެސް ފެނެ އެވެ.