29 ޖޫން 2021
މއ. މޯނިން ވިއުގެ ހުޅަނގަށް ހުންނަ ފަސް ބުރީގެ އިމާރާތުގައި މިދިޔަ މަހުގެ 27 ގައި ހިނގި އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުން ބެލުމަށްޓަކައި ހެދި އެސަސްމަންޓަށް ފަހު، އެ ގޭގައި ދިރިއުޅުނު އާއިލާތަކަށް އެހީގެ ގޮތުގައި ދޭން ނިންމާފައިވާ ފައިސާ އަދިވެސް ނުލިބި ލަސްވާތީ ހާލުގައި ޖެހިފައިވާ ކަމަށް ގޭގެ ވެރިފަރާތުން ބުނެފި އެވެ.
މއ. މޯނިން ވިއުގެ ހުޅަނގަށް ހުންނަ ފަސް ބުރީގެ އިމާރާތުގައި މިދިޔަ މަހުގެ 27 ގައި ހިނގި އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުން ބެލުމަށްޓަކައި ހެދި އެސަސްމަންޓަށް ފަހު، އެ ގޭގައި ދިރިއުޅުނު އާއިލާތަކަށް އެހީގެ ގޮތުގައި ދޭން ނިންމާފައިވާ ފައިސާ އަދިވެސް ނުލިބި ލަސްވާތީ ހާލުގައި ޖެހިފައިވާ ކަމަށް ގޭގެ ވެރިފަރާތުން ބުނެފި އެވެ.
އަލިފާނުގެ ހާދިސާ ހިނގި ދުވަހުން ފެށިގެން 21 ދުވަހުގެ މުއްދަތަކަށް އެ އާއިލާ ތިބީ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހަމަޖައްސައިދިން ވަގުތީ ހިޔާތަކުގަ އެވެ. އެ ތަނުގައި ތިބުމާއި ކެއުންބުއިމުގެ ހަރަދު ވެސް އެ އިދާރާ އިން ހަމަޖައްސައިދިނެވެ. އެއީ އަލިފާނުގެ ހާދިސާ ހިނގި ފަހުން، އެސަސްމަންޓް ހަދައި ނިމެން ހޭދަވި މުއްދަތުގަ އެވެ.
ގޭގެ ވެރިފަރާތުން ބުނީ އެސަސްމަންޓަށް ފަހު ދޭން ބުނި އެއްވެސް ފައިސާއެއް އަދި ނުލިބޭ ކަމަށެވެ. އެހެންވެ، އަމިއްލަ ގޮތުން އެހީވާން ބޭނުންވާ މީހުންނަށް ވެސް ފުރުސަތު ބަންދު ވެފައިވާ ކަމަށް އޭނާ ބުންޏެވެ.
"އާއިލާ އަށް އެހީގެ ގޮތުގައި މިވެނި އަދަދަކަށް ފައިސާ ދޭން ސަރުކާރުން ނިންމައިފައި އެބަ އޮތޭ ބުނުމުން އަހަރެމެންނަށް އެހީވާނެ އިތުރު ބައެއް ވެސް ނެތް،" ނަން ނުޖަހަން ޝަރުތުކޮށް ވާހަ ކަދެއްކި އެ ގޭގެ ވެރިފާރާތުން ބުންޏެވެ.
އަލިފާނުގެ ހާދިސާއާ ގުޅޭގޮތުން އެންޑީއެމްއޭ އިން ހެދި އެސަސްމަންޓުން ދައްކާ ގޮތުން، ލިބިފައި ހުރި ގެއްލުން 1.3 މިލިއަން ރުފިޔާ އަށް އަރަ އެވެ. ލިބުނު ގެއްލުމަށް ބަލައި، އެ އޮތޯރިޓީގެ އުސޫލުތަކުގެ ދަށުން އެހީގެ ގޮތުގައި ކަނޑައަޅާފައިވާ ވަކި އަދަދަކަށް ފައިސާ ދޭން ނިންމި އެވެ.
އެންޑީއެމްއޭގެ އުސޫލު އޮންނަ ގޮތުން ގޭގެ އޮނިގަނޑަށް ލިބޭ ގެއްލުންތަކަށް (ކޮންމެ ގޭބިސީއަކަށް) އެހީ ދޭނީ 150،000ރ. އަށް ވުރެ މަތި ނުވާ ނަމަ އެސަސްމަންޓުގައި ފާހަގަކޮށްފައިވާ އަދަދެކެވެ. ލިބުނު ގެއްލުން އެ އަށް ވުރެ މަތިވިޔަސް، އެހީގެ ގޮތުގައި އެންމެ ބޮޑު އަދަދަކަށް ދެވޭނީ ހަމަ 150،000ރ. އެވެ. ޒާރޫރީ، ހިފައި ގެންގުޅޭ ތަކެއްޗަށް އެހީގެ ގޮތުގައި ދޭނީ ލިބުނު ގެއްލުން ކަމަށް އެސަސްމަންޓުން ފާހަގަވާ އަދަދުގެ 20 ޕަސެންޓެވެ. އެއީ ގެއްލުން އެއް ލައްކަ ރުފިޔާ އަށް އަރާ ނަމަ އެހީގެ ގޮތުގައި 20،000ރ. އެވެ.
މި އުސޫލުގެ ދަށުން މޯނިން ވިއު ގޭގެ އޮނިގަނޑަށް ލިބުނު ގެއްލުންތަކަށް ބަލައި އެހީ ގޮތުގައި، އެ ގޭގެ ހުރިހާ ޖޭބިސީތަކެއް ހިމޭނެހެން މުޅިން ޖުމްލަ ދޭން ކަނޑައަޅައިފައި ވަނީ ހަތް ލައްކަ ރުފިޔާ އެވެ. ޒާރޫރީ ހިފައި ގެންގުޅޭ ތަކެއްޗަށް ލިބުނު ގެއްލުންތަކަށް އެހީގެ ގޮތުގައި ދޭން ނިންމައިފައި ވަނީ 46،000ރ. އެވެ.
މޯނިން ވިއު ގޭގައި ހިނގި އަލިފާނުގެ ހާދިސާގެ ގެއްލުމުގެ އެސަސްމަންޓުގެ ތަފުސީލު.
މި ފައިސާގެ އިތުރުން، އެ ގޭގައި ދިރިއުޅޭ މީހުން އާންމު ހާލަތަށް ރުޖޫއުވުމަށް ދޭ މުއްދަތުގައި ބޯހިޔާވަހިކަން ހަމަޖެއްސުމަށް ގޭގައި ކުއްޔަށް އުޅުނު އާއިލާތަކަށާއި ގޭގެ ވެރިފަރާތަށް ވެސް ފައިސާގެ އެހީ ދޭން ކަނޑައެޅި އެވެ. އަލުން ގެ މަރާމާތު ކުރެވެންދެން ބޯހިޔާވަހިކަން ހަމަޖެއްސުމަށް ގޭގެ ވެރިފަރާތަށް ދޭން ނިންމައިފައި ވަނީ 140،000ރ. އެވެ.
މިދިޔަ މަހު 16 ގައި އެސަސްމަންޓް ނިމުމުން އެންޑީއެމްއޭ އިން ގޭގެ ވެރިފަރާތައް އެންގީ، ގެ އަލުން މަރާމާތު ކުރެވެންދެން އަމިއްލަ ތަނެއް ހޯދައިގެން ބަދަލުވުމަށެވެ. ގެ މަރާމާތުކުރުމަށް ދާ މުއްދަތުގައި އެ މީހުންގެ ބޯހިޔާވަހިކަން ހަމަޖައްސަން ފައިސާ ދޭނެ ކަމަށް ބުނި ނަމަވެސް، މިހާތަނަށް ސަރުކާރުން އެ ފައިސާއެއް ނުދެ އެވެ. ކުރިއަށް އޮތް 28 ދުވަހުގެ ތެރޭގައި ގެ އަލުން މަރާމާތުކޮށްގެން ބަދަލުވާން ވެސް އެންގި ކަމަށާއި އެކަމަކު އެކަން ވެސް ކުރެވޭނީ ސަރުކާރުން ދޭން އެއްބަސްވި އެހީގެ ފައިސާ ލިބިގެން ކަމަށް ގޭގެ ވެރިފަރާތުން ބުންޏެވެ.
"ސިޓީގެ ޖަވާބުގައި އެމީހުން ބުނެފައި އޮތީ ސަރުކާރުގެ އުސޫލުތަކުގެ ތެރެއިން އެކަން ކޮށްދެވެން ނެތް ވާހަކަ ހިތާމަޔާ އެކު ދަންނަވަމޭ. އަހަރެމެން ވެސް ހިތާމައާ އެކު އެ ވާހަކަ މި ދެންނެވީ." - ގޭގެ ވެރިފަރާތް
"މިހާރު ވެސް ގެސްޓް ހައުސްގައި މި ތިބެނީ ކޮންމެ ދުވަހަކު 2،500ރ. އަމިއްލަ އަތުން ދީގެން. އެއީ ހަތަރު ކޮޓަރި އާއި ކެއުންބުއިމަށް ދާ ހަރަދު،" ކުރިމަތިވެފައިވާ ދަތިތައް ކިޔައި ދެމުން ގޭގެ ވެރިފަރާތުން ބުންޏެވެ.
"އެ މީހުން [ސަރުކާރުން] އެ ލާރި ޖަމާވާނެ ކަމަށް ބުނީ ދެ ހަފުތާގެ ތެރޭގައި. ގެ އަށް ވަންނަން ދިން މުއްދަތަކީ 28 ދުވަސް. ރަނގަޅަށް ވިސްނާލީމާ އެބަ އިނގޭ 14 ދުވަސް ތެރޭގައި އަހަރެމެންނަށް ލާރި ލިބިގެން، އަނެއް 14 ދުވަހުގެ ތެރޭގައި ގެ ހަދައިގެން ބަދަލުނުވެވޭނެ ކަން،" އޭނާ ބުންޏެވެ.
މި މުއްދަތު އިތުރުކޮށް ދިނުމަށް ވެސް އާއިލާގެ ފަރާތުން އެންޑީއެމްއޭގައި އެދުނެވެ. އެކަމަކު، އެ ކަމެއް ވެސް ކޮށް ނުދިން ކަމަށް މޯނިން ވިއުގެ ވެރިފަރާތުން ބުނެ އެވެ.
މއ. މޯނިން ވިއުގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުންވެފައި
އާއިލާ އިން އެދުނީ ކޮވިޑްގެ ސަބަބުން މި ދުވަސްވަރު އެ ގެ މަރާމާތު ކުރާނެ ފަރާތެއް ހޯދުމަށް އުނދަގޫވާ ކަމަށާއި އާއިލާގެ މާލީ ހާލަތު ވެސް ވަރަށް ބޮޑަށް ދަށްވެފައިވުމުން އަދި އިތުރު މަހެއްހާ ދުވަސް ދިނުމަށެވެ. ފައިސާ ނުލިބެނީސް، ގެ މަރާމާތު ކުރެވެން ނެތް ކަމަށާއި މުއްދަތު އިތުރުކޮށްދެއްވެން ނެތް ނަމަ ހުރުމުގެ ހަރަދު އެކަނި ނަމަވެސް ހަމަޖައްސައިދިނުމަށް އެދުނެވެ.
އެ ސިޓީގެ ޖަވާބުގައި އެންޑީއެމްއޭ އިން ބުނެފައި ވަނީ ކާރިސާތަކުގައި އަމަލުކުރާ އުސޫލުގެ ދަށުން ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައި ދޭނީ އެސަސްމަންޓް ރިޕޯޓްގައި ކަނޑައަޅާފައިވާ މުއްދަތަށް ކަމަށާއި މޯނިން ވިއުއާ ގުޅިގެން ހެދި އެސަސްމަންޓުގައި، ގެ އަލުން މަރާމާތުކުރަން ހޭދަވާނެ ކަމަށް ކަނޑައަޅާފައިވާ މުއްދަތަކީ 28 ދުވަސް ކަމަށެވެ. ހަމަ އެ އުސޫލުގައި އޮންނަ ގޮތުން ކެއުމުގެ އެލަވަންސް ވެސް ދެވޭނީ 15 ދުވަހަށް ކަމުން އެ މުއްދަތު ވެސް އިތުރުކޮށްދެވެން ނެތް ކަމަށް އެންޑީއެމްއޭ އިން ބުނެފައި ވެ އެވެ.
"ސިޓީގެ ޖަވާބުގައި އެ މީހުން ބުނެފައި އޮތީ ސަރުކާރުގެ އުސޫލުތަކުގެ ތެރެއިން އެކަން ކޮށްދެވެން ނެތް ވާހަކަ ހިތާމަޔާ އެކު ދަންނަވަމޭ. އަހަރެމެން ވެސް ހިތާމައާ އެކު އެ ވާހަކަ [މީޑިއާގައި] މި ދެންނެވީ،" އޭނާ ބުންޏެވެ.
"އަހަރެމެން ޑިޒާސްޓާ އިން ޗެކުކުރި އިރު، އެ ތަނުން ފިނޭންސަށް [ސިޓީ] ފޮނުވައިގެން އަދި ފިނޭންސުން ރައީސް އޮފީހަށް [ސިޓީ] ފޮނުވައިގެން މި އެޕްރޫވް ކުރަނީ،" ގޭގެ ވެރިފަރާތުން ބުންޏެވެ.
އޭނާ ބުނާގޮތުން މި ކަން ހުއްޓިފައި އޮތީ ރައީސް އޮފީހާ ހިސާބުންނެވެ. ރައީސް އޮފީހުން ޖަވާބެއް ހޯދުމަށް އޭނާ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެޑްރެސްކޮށް ސިޓީއެއް ވެސް ފޮނުވައިފަ އެވެ. އެ ސިޓީގެ ޖަވާބެއް އަދި ނުލިބެ އެވެ.
މިކަމާ ގުޅޭ ގޮތުން ރައީސް އޮފީހުގެ ބަހެއް ހޯދުމަށް "މިހާރު" އިން ކުރި މަސައްކަތް އަދި ކާމިޔާބެއް ނުވެ އެވެ.
"ޑިޒާސްޓާ އިން ބުނީ ތިބޭފުޅުންގެ އަތުގައި ފައިސާ ހުރި ނަމަ މަރާމާތުގެ މަސައްކަތް މިހާރު ވެސް ފަށަން. އެހެން ޑިޒާސްޓާ އަށް ބުނެވިގެން ވެސް ނުވާނެނުންތޯ. އަހަރެމެން އަތުގައި ފައިސާ ހުރި ނަމަ މިވަރުން ސަރުކާރުގައި އާދޭސްކޮށްގެން ވެސް ނޫޅެނެތާ،" ގޭގެ ވެރިފަރާތުން ބުންޏެވެ.
އެ އިމާރާތުގެ އޮނިގަނޑަށް މާ ބޮޑު ގެއްލުމެއް ލިބިފައި ނުވާ ކަމަށް އެންޑީއެމްއޭގެ އެސެސްމަންޓުން ދެއްކި ނަމަވެސް އެއީ ގާތްގަނޑަކަށް 20 އަހަރު ވެފައިވާ އިމާރާތާކަށް ވުމުން އެ ވާހަކަ ގަބޫލުކުރަން ދަތި ކަމަށް ގޭގެ ވެރިފަރާތުން ބުންޏެވެ. އެ ގެ އެއްކޮށް ތަޅާލައިގެން ނޫނީ އެތަން ރަނގަޅަށް ނެހެދޭނެ ކަމަށް ވެސް އޭނާ ބުންޏެވެ.
އޭނާ ބުނިގޮތުގައި، އިތުރު މައްސަލަތަކެއް ހުރީ ފުރަތަމަ ފްލޯ އާއި ދެ ވަނަ ފްލޯގެ އެސަސްމްންޓުގަ އެވެ. މި ވާހަކަ ވެސް އާއިލާގެ ފަރާތުން އެންޑީއެމްއޭ އަށް ސިޓީއަކުން އެންގި އެވެ.
"ބޮޑަށް ގެއްލުން ވެފައި ހުރީ ދެ ވަނަ ފްލޯ އަށް. އެކަމަކު ފުރަތަމަ ފްލޯ އަށް އެސަސްމަންޓުގައި ގިނައިން ލާރި ދޭ ކަމަށް ބުނެފައި ހުރީ،" އޭނާ ބުންޏެވެ.
އާއިލާތަކަށް އެހީގޮތުގައި ދޭން ނިންމާފައިވާ ފައިސާގެ އިތުރު އާއިލާތަކަށް ވަގުތީ ހިޔާ ހަމަޖެއްސުމަށާއި ރިލީފް އެހީ ފޯރުކޮށްދިނުމަށް 342،00ރ. ސަރުކާރުން ހަރަދުކޮށްފައިވެ އެވެ.
އެއީ ހާދިސާ ހިނގި ފަހުން 21 ދުވަހުގެ މުއްދަތަކަށް، މި މަހު 16 އާ ހަމަ އަށް ވަގުތީ ހިޔާ ހަމަޖެއްސުމަށް 155،000ރ. އާއި ޒަރޫރީ ކެއުންބުއިން ހަމަޖައްސައިދިނުމަށް 141،000ރ. އަދި ޒަރޫރީ އަންނައުނު ހޯދުމަށް ހަރަދުކުރި 46،000ރ. އެވެ.
މޯނިންވިއުގޭގައި އަލިފާން ރޯވި، އެ ގޭގެ ހުޅަނގު ފަރާތަށް ހުންނަ އިމާރާތަކީ ފަސް ބުރި އަށް، ލަކުޑިން ޑެކް އަޅައިގެން ހަދައިފައި ހުރި ތަނެކެވެ. އަދި އެންމެ މަތީ ފްލޯ ހަދައިފައި ހުރީ ޓިނުންނެވެ.
މިނިސްޓްރީތައް ހިންގާނީ ތަނެއް ކުއްޔަށް ނުނަގާ: ރައީސް
ތިން ގެއަކުން 29 މީހުން ވަގުތީ ހިޔާތަކަށް
އެހީތެރިކަން ބޭނުންވެގެން 50 ރިޕޯޓް ލިބުނު
ހާލުގައި ޖެހުނު މީހުންނަށް ދެ ލައްކައެއްހާ ރުފިޔާ
އަލިފާނުގެ ހާދިސާގައި 57 މީހަކު ހާލުގައި ޖެހިފައިވޭ
ކެފޭގެ އަލިފާން: 50 ބިދޭސީންގެ އެކޮމޮޑޭޝަނެއް
ހަންޏާމީދޫގެ ގެއެއްގައި ރޯވެ، އަނދައި އަޅިއަށް
އަލިފާނުގެ ހާދިސާތައް އާދަޔާ ހިލާފަށް އިތުރުވެއްޖެ
ނިދާފައި ތިއްބާ ގެ އަނދައި ހުލި؛ ސަލާމަތްވީ ކިރިޔާ!
ހިތަދޫގައި ގެއެއް އަނދައި އާއިލާއެއް ހާލުގައި ޖެހިއްޖެ