Roadha Mihaaru
ރާއްޖޭގެ ހަމައެކަނި ޖަންގަލި މަރުވެ ނެތިދަނީ!

ރާއްޖޭގެ ހަމައެކަނި ޖަންގަލި މަރުވެ ނެތިދަނީ!

27 ޖޫން 2021

ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމާ ބެހޭ ގާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާ ހދ. ކޭލަކުނުގެ ކަނޑޫފާ މަރުވެ، އެ ރަށުގެ ފެހިކަން ގެއްލެން ފަށައިފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމާ ބެހޭ ގާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާ ހދ. ކޭލަކުނުގެ ކަނޑޫފާ މަރުވެ، އެ ރަށުގެ ފެހިކަން ގެއްލެން ފަށައިފި އެވެ.

މިދިޔަ އަހަރުގެ ކުރީކޮޅުން ފެށިގެން އުތުރުގެ ގިނަ އަދަދެއްގެ ކަނޑޫފާތަކެއް ވަނީ އެއްފަހަރާ މަރުވާން ފަށައިފަ އެވެ. ރާއްޖޭގެ އެންމެ ބޮޑު ކަނޑޫފާތަކުގެ ތެރޭގައި ހިމެނޭ ނޭކުރެންދޫ ކަނޑޫފަލާއި ކެލާގެ ކަނޑޫފާ ހިމެނޭހެން 11 ރަށެއްގެ ކަނޑޫފަލަށް މި މައްސަލަ ދިމާވި އެވެ. އޭރު ކޭލަކުނުގައި މިކަން ފާހަގަކުރެވުނީ ވަރަށް ކުޑަކޮށެވެ.

ނަމަވެސް، މިހާރު ކޭލަކުނުގެ ކަނޑޫފަލަށް ވެސް އެ މައްސަލަ ދިމާވެ، ކަނޑޫފަލުން ބޮޑު ސަރަހައްދެއް ވަނީ މަރުވެފަ އެވެ.

މިދިޔަ ހަފްތާގެ ބަންދުގައި ޗުއްޓީ ދަތުރެއްގައި ކޭލަކުނަށް ވަޑައިގެންނެވި ހދ. ނެއްލައިދޫ ކައުންސިލުގެ ޒިންމާދާރު ވެރިޔާ މުހައްމަދު ސާމީ ކިޔައިދެއްވި ގޮތުގައި، ކޭލަކުނު ކަނޑޫފަލުގެ ވަރަށް ބޮޑު ސަރަހައްދެއް މިހާރު ވަނީ މަރުވެފަ އެވެ. މީގެ ދެ ވަރަކަށް އަހަރު ކުރިން އޭނާ އެ ރަށަށް ވަޑައިގެންނެވި އިރު އޮތް ފެހިކަން ކަނޑޫފަލުގައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"ފެންނަން އޮތް އެންމެ ދުރަކާ ޖެހެންދެން މަރުވެފައި މިހާރު އެ އޮތީ. ހަމަ ނޭކުރެންދޫގައި ވެސް ޖެހުނު ބަލި ޖެހިފައި އޮތް ކަމަށް ބެލެވެނީ،" ސާމީ ވިދާޅުވި އެވެ.

ހދ. ކޭލަކުނު މިހާރު އޮތް ގޮތް: އެ ރަށުގެ ކަނޑޫފަލުގެ ބޮޑު ސަރަހައްދެއް ވަނީ މަރުވެފައި -- ފޮޓޯ/ މުހައްމަދު ސާމީ

ހދ. ކޭލަކުނު މިހާރު އޮތް ގޮތް: އެ ރަށުގެ ކަނޑޫފަލުގެ ބޮޑު ސަރަހައްދެއް ވަނީ މަރުވެފައި -- ފޮޓޯ/ މުހައްމަދު ސާމީ

ހދ. އަތޮޅު ކައުންސިލުގެ ރައީސް މުހައްމަދު ސިރާޖު "މިހާރު" އަށް ވިދާޅުވީ، ކޭލަކުނުގެ ކަނޑޫފާ މަރުވަމުން ދާކަން ފެށިކަން ފާހަގަ ކުރެވުނީ މި އަހަރުގެ ކުރީކޮޅު ކަމަށެވެ. އެއީ އެ ސަރަހައްދުގެ ކަނޑޫފާތައް މަރުވާން ފެށިތާ މާ ފަހުގެ ތާރީހެކެެވެ.

"މި އަހަރުގެ ކުރީކޮޅު، އިރުވައި މޫސުމުގައި [މަރުވާ ކަމުގެ ހަބަރު ފުރަތަމަ ލިބުނީ]،" ސިރާޖު ވިދާޅުވި އެވެ.

ސިރާޖު ވިދާޅުވީ، ސަރަހައްދުގެ އެހެން ކަނޑޫފާތަކޭ އެއްގޮތަށް ކޭލަކުނުގެ ކަނޑޫފަލުގެ ކަންކަން ބަލަމުންދާ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުނެފައިވާ ކަމަށެވެ.

"އެންވަޔަރަމެންޓް މިނިސްޓްރީން އެކަން ބައްލަވަމުންދާ ކަމަށް އަޅުގަނޑަށް އެންމެ ފަހުން މައުލޫމާތު ލިބިފައި އޮތީ." ސިރާޖު ވިދާޅުވި އެވެ.

ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުނީ ކޭލަކުނުގެ ކަނޑޫފާ މަރުވާ މައްސަލަ އެ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެ މިނިސްޓްރީން ކަނޑޫފަލުގެ އެސެސްމެންޓެއް ދެން ހަދާއިރު ކޭލަކުނު ވެސް އޭގައި ހިމެނޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ވަރަށް ހާއްސަ ރަށެއް

ބްލޫޕީސް މޯލްޑިވްސްއިން ހަދާފައިވާ ދިރާސާއެއްގައިވާ ގޮތުން ބޮޑުމިނުގައި 110 ހެކްޓަރު ހުންނަ ކޭލަކުނުގެ ކަނޑޫފާ ހެދޭ ޗަކަބިން ސަރަހައްދުގައި ހުންނަނީ 10.8 ހެކްޓަރެވެ. އެއީ ރަށުގެ 9.8 ޕަސެންޓެވެ. ކޭލަކުނުގައި ގާތްގާތުގައި ދެ ކުޅިއެއް ވެސް އޮވެ އެވެ. ދެ ކުޅީގެ ތެރެއިން ކުޑަ ކުޅީގައި 0.07 ހެކްޓަރު ހުރެ އެވެ. ބޮޑު ކުޅީގައި ހުންނަނީ 0.09 ހެކްޓަރެވެ.

ބައިނަލްއަގުވާމީ މިންގަނޑުތަކުން ބަލާއިރު، ރާއްޖޭގައި ހުރި ހަމައެކަނި "ފޮރެސްޓް" ނުވަތަ ޖަންގަލި ހުރީ ކޭލަކުނުގަ އެވެ. އެ ރަށުގެ ޗަކަބިން ސަރަހައްދުގައި ހެދިފައިވާ އެ ޖަންގައްޔަކީ މެންގްރޫވް ޖަންގައްޔެކެވެ.

ހދ. ކޭލަކުނު: އެ ރަށަކީ ރާއްޖޭގައި ހުރި ހަމައެކަނި ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ޖަންގަލި -- މިހާރު ފޮޓޯ/ ނަޖާހު މަސްއޫދު

ހދ. ކޭލަކުނު: އެ ރަށަކީ ރާއްޖޭގައި ހުރި ހަމައެކަނި ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ޖަންގަލި -- މިހާރު ފޮޓޯ/ ނަޖާހު މަސްއޫދު

މި ސަރުކާރުން އެންމެ ފުރަތަމަ ހިމާޔަތް ކުރި، ތިމާވެށީގެ ގޮތުން ނާޒުކު ތަންތަނުގެ ތެރޭގައި ހިމެނޭ ކޭލަކުނުގައި ކަނޑުލުގެ އިތުރުން މެންގްރޫވްގެ އެހެން ގިނަ ބާވަތްތަކުގެ ގަސްތައް ހެދެ އެވެ.

އޭގެ ތެރޭގައި، ތަކަފައްޗާއި، ތެލައިގެ އިތުރުން، ބިޔަކޮށް ހެދޭ، އަވިސެނިއާ މެރީނާ، ނުވަތަ ބަރު ގަސް ހިމެނެ އެވެ. އެއީ ރާއްޖޭގައި މަދުން ނޫނީ ނުފެންނަ މެެންގްރޫވްގެ ބާވަތެކެވެ.

ކޭލަކުނު ހިމާޔަތް ކުރި ފަހުން އެ ރަށް ބަލަހައްޓާނެ ފަރާތެއް ހޯދަން ދެތިން ފަހަރަކު އިއުލާނުކޮށްފައިވެ އެވެ. ނަމަވެސް، އަދިވެސް އެ ރަށް ބަލަހައްޓާނެ މީހެއް ނުހުރެ އެވެ.

ތާރީހު ދިރާސާ ކުރާ މީހުން ބުނާ ގޮތުގައި ކޭލަކުނަކީ ކުރިން މީހުން ދިރިއުޅުނު ރަށެކެވެ. އެ ރަށުން މީހުން ފޭބީ ބޮޑު ވިއްސާރައެއްގައި އެ ރަށުގެ މީހުން ދިރިއުޅުނު ސަރަހައްދު ސުންނާފަތިވުމުންނެވެ. އެޗްސީޕީ ބެލް ލިޔުއްވާފައިވާ ގޮތުގައި އެކަން ހިނގީ ހިޖުރައިން 1235 ވަނަ އަހަރު ރަބީއުލްއައްވަލް މަހުގެ ތެރޭގަ އެވެ. އެއީ މީލާދީ ގޮތުން 1820 ވަނަ އަހަރުގެ ތެރޭގަ އެވެ.

އަލިމަގެއް ފެންނާނެތަ؟

ކަނޑޫފާތައް މަަރުވެ، ނެތިދާތީ އާންމުން ޕްރެޝަރު ކުރަމުން ދަނިކޮށް މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ފިޝަރީޒް މިނިސްޓްރީން ވަނީ ކަނޑޫފާތަކުގެ ދިރާސާއެއް ހަދައިފަ އެވެ.

އެ މިނިސްޓްރީން ބެލި ބެލުމުން ކެލާގެ ކަނޑޫފަލުން ވަނީ ފަންގަސްގެ ބާވަތަކުން ޖެހޭ މޫ ފީވާ ބައްޔެއް ފެނިފަ އެވެ. އޭގެ އިތުރުން ގަހަށް ގެއްލުންދޭ ބާވަތުގެ ފަނިފަކްސަ ފެނިފައިވެ އެވެ. ނޭކުރެންދޫ ކަނޑޫފަލުން މޫ ފީވުން ފާހަގަ ނުކުރެވުނަސް، ފަނިފަކްސާތައް ފެނިފައިވެ އެވެ.

ހދ. ކޭލަކުނު މިހާރު: އެ ރަށުގެ ކަނޑޫފަލުގެ ބޮޑު ސަރަހައްދެއް ވަނީ މަރުވެފައި -- ފޮޓޯ/ މުހައްމަދު ސާމީ

ހދ. ކޭލަކުނު މިހާރު: އެ ރަށުގެ ކަނޑޫފަލުގެ ބޮޑު ސަރަހައްދެއް ވަނީ މަރުވެފައި -- ފޮޓޯ/ މުހައްމަދު ސާމީ

އޭގެ އިތުރުން، މިކަމުގައި އިންޑިއާގެ އެހީ ވެސް ސަރުކާރުން ހޯދި އެވެ. ހަތް ކަނޑޫފަލަކުން ނެގި ސާމްޕަލް މިދިޔަ އަހަރުގެ ފަހުކޮޅު ވަނީ އިންޑިއާގެ ކޮޗިން ޔުނިވާސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ އަށް ފޮނުވައިފަ އެވެ. އެ ސާމްޕަލްތަކުގެ ތަހުލީލުތައް ހެދުމުން ކަނޑޫފާތައް މަރުވާ ސަބަބު ދެނެގަނެވުމުގެ ފުރުސަތު އޮތް ކަމަށް އީޕީއޭއިން ކުރިން ބުންޏެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން މިއަދު ބުނީ ދިރާސާގެ އަލީގައި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށާއި، އެ ކުރިއެރުންތަކުގެ މައުލޫމާތު އާންމު ކުރާނީ މި ހަފްތާގެ ތެރޭގައި ކަމަށެވެ.