Roadha Mihaaru
ތުރުކީގެ ބަޔަކަށް 328 މިލިއަން ޑޮލަރުގެ ގެރެންޓީއެއް

ހުޅުމާލޭގައި ފްލެޓް އެޅުމަށް ތުރުކީގެ ކުންފުންޏަކަށް 328 މިލިއަން ޑޮލަރުގެ ގެރެންޓީއެއް ދީފި

23 ނޮވެމްބަރ 2016

ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އެޅުމަށް ހުށަހަޅާފައިވާ ތުރުކީގެ ކުންފުންޏަށް 328 މިލިއަން ޑޮލަރުގެ ސޮވެރިން ގެރެންޓީއެއް ސަރުކާރުން މިއަދު ދީފި އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އެޅުމަށް ހުށަހަޅާފައިވާ ތުރުކީގެ ކުންފުންޏަށް 328 މިލިއަން ޑޮލަރުގެ ސޮވެރިން ގެރެންޓީއެއް ސަރުކާރުން މިއަދު ދީފި އެވެ.

ހެނދުނު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީ އަށް ފިނޭންސް މިނިސްޓްރީން ވަނީ އެކަމާ ގުޅޭ ކަރުދާސްތައް ހުށަހަޅައިފަ އެވެ. ކޮމިޓީގެ މުގައްރިރު އަހުމަދު ނިހާން ވިދާޅުވި ގޮތުގައި އެއީ ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އެޅުމަށް ހުށަހަޅާފައިވާ ތުރުކީގެ އޮޒްޓާކް ހޯލްޑިންސް އަށް ދީފައިވާ ގެރެންޓީއެެކެވެ. އެކަމަކު، އެ ގެރެންޓީގެ އަަދަދެއް ކޮމިޓީގެ ބައްދަލުވުމުގައި އޭނާ ވިދާޅެއް ނުވެ އެވެ.

ކޮމިޓީގެ ބައްދަލުވުމަށް ފަހު "މިހާރު"ން ދެންނެވި ސުވާލެއްގެ ޖަވާބުގައި ނިހާން ވިދާޅުވީ އޮޒްޓާކަށް ދީފައި ވަނީ 252.5 މިލިއަން ޑޮލަރުގެ ގެރެންޓީއެއް ކަމަށެވެ.

އެކަމަކު، "މިހާރު" އަށް އެނގިފައިވާ ގޮތުގައި އޮޒްޓާކުން ނަގާ ލޯނުގެ އިންޓަރެސްޓާއި އެހެން ހަރަދުތައް އެއްކޮށްލުމުން އެ ކުންފުންޏަށް ދީފައިވާ ގެރެންޓީގެ ޖުމްލަ އަދަދު ގާތްގަނޑަކަށް 328 މިލިއަން ޑޮލަރަށް އަރަ އެވެ.

ތުރުކީގެ ކުންފުންޏަކަށް އެހާ ބޮޑު ގެރެންޓީއެއް ދިން އިރު، އެކަމާ ގުޅޭ ގޮތުން މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މެމްބަރުން މާ ގިނަ ވާހަކަތަކެއް ނުދައްކަވަ އެވެ. އިދިކޮޅު އެމްޑީޕީ ތަމްސީލުކުރައްވާ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު ވިދާޅުވީ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމާ އެމްޑީޕީން އެއްވެސް އިރަކު ދެކޮޅު ނުހަދާ ކަމަށެވެ.

މާލިއްޔާތު ގާނޫނު މިހާރު އޮތް ގޮތުން ސޮވެރިން ގެރެންޓީ ދޫކުރުމުގެ ކުރިން މަޖިލީހަށް ހުށަހަޅައި ފާސްކުރާކަށް ނުޖެހެ އެވެ. އެހެންވެ، އޮޒްޓާކަށް ދިން ގެރެންޓީގެ ލިޔެކިއުންތައް ވެސް މަޖިލީހަށް ފޮނުވީ މެމްބަރުންގެ މައުލޫމާތަށެވެ.

އޮޒްޓާކުން ހިންގާ ހައުސިން ޔުނިޓްތަކުގެ މަޝްރޫއާ ގުޅޭ މައުލޫމާތެއް އަދި ނުލިބެ އެވެ. އެކަމަކު، ހުޅުމާލޭގައި 15،000 ހައުސިން ޔުނިޓު އެޅުމަށް މިދިޔަ އޭޕްރީލް މަހު ފެށި މަޝްރޫއުގެ ތެރޭގައި ތުރުކީގެ ކުންފުންޏަކުން އަޅާ ތަންތަން ވެސް ހިމެނެ އެވެ. އެކަމަކު، އެއީ އޮޒްޓާކް ކަމެއް އަދި ސާފެއް ނުވެ އެވެ.