Roadha Mihaaru
ދަރޭގެ "އަޕްނޭ 2" ގެ މިއުޒިކް ވެސް ހިމޭޝް އަށް

ދަރުމެންދުރާގެ "އަޕްނޭ 2" ގެ މިއުޒިކް ވެސް ހިމޭޝް އަށް

25 ޖޫން 2021

ބޮލީވުޑްގެ ކުރީގެ އެކްޓަރު ދަރުމެންދުރާ އާއިލާގެ ތިން ޖީލު އެކީގައި ފެންނާނެ ފިލްމު "އަޕްނޭ 2" ގެ މިއުޒިކް ހަދަން ވެސް މަޝްހޫރު މިއުޒިިކް ޑައިރެކްޓަރު ހިމޭޝް ރޭޝަމިއާއާ ހަވާލުކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ ކުރީގެ އެކްޓަރު ދަރުމެންދުރާ އާއިލާގެ ތިން ޖީލު އެކީގައި ފެންނާނެ ފިލްމު "އަޕްނޭ 2" ގެ މިއުޒިކް ހަދަން ވެސް މަޝްހޫރު މިއުޒިިކް ޑައިރެކްޓަރު ހިމޭޝް ރޭޝަމިއާއާ ހަވާލުކޮށްފި އެވެ.

އެ ފިލްމުގެ ޑައިރެކްޓަރު އަނިލް ޝަރުމާއާ ހަވާލާދީ ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނީ އޭގެ މިއުޒިކް ހިމޭޝްއާ ހަވާލުކުރަން ނިންމީ 2007 ގައި ގެނެސްދިން "އަޕްނޭ" ކާމިޔާބު ފިލްމަކަށްވުމުގައި އޭނާގެ މިއުޒިކް ވަރަށް ބޮޑު ރޯލެއް އަދާކޮށްފައިވާތީ ކަމަށެވެ. އެހެންވެ ސީކްއެލް އިން ވެސް ހިމޭޝްގެ ޖާދޫ ގެންނަން ބޭނުންވާތި އާއި ސީދާ ދަރޭގެ އާއިލާގެ ފަރާތުން ވެސް އެކަމަށް އެދިފައިވާތީ ކަމަށް ބުންޏެވެ.

ސޮނީ ޓީވީގެ "އިންޑިއަން އައިޑޮލް 12" ގެ ޖަޖެއްގެ ގޮތުގައި މިހާރު ފެންނަ ހިމޭޝްއާ "އަޕްނޭ 2" ގެ މިއުޒިކް ހަދަން ހަވާލުކުރި އިރު، އޭނާ މިހާރު އަންނަނީ އަމިއްލަ ދެ އަލްބަމެއް ނެރުމުގެ މަސައްކަތްކުރަމުންނެވެ. އެއީ އަމިއްލަ އަށް ކިޔާފައިވާ ލަވަތައް ހިމެނޭ "ސުރޫރް 2021" ގެ އިތުރުން އެހެން ލަވަކިޔުންތެރިންގެ ލަވަތައް ހިމެނޭ "މޫޑްސް ވެތު މެލޮޑީޒް" އެވެ.

ހިމޭޝް އަކީ މިހާތަނަށް އެތައް ފިލްމަކަށް މަގުބޫލު އެތައް ލަވައެއް ހަދާފައިވާ ފަންނާނެކެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އިއުލާންކުރި "އަޕްނޭ 2" އިން ދަރޭ އާއި ދެ ދަރިން ކަމަށްވާ ސަނީ އާއި ބޮބީ ޑިއޯލްގެ އިތުރުން ކާފަ ދަރި ކަރަން ޑިއޯލް ވެސް ފެންނާނެ އެވެ. ކަރަން އަކީ ސަނީގެ ދޮށީ ދަރިފުޅެވެ.

ކުރިން މި އަހަރުގެ ނޮވެމްބަރުގައި ސިނަމާތަކަށް ގެންނަ ގޮތަށް އިއުލާންކުރި ފިލްމު މިހާރު ގެނެސްދޭން ނިންމާފައި ވަނީ އަންނަ އަހަރު އެވެ. "އަޕްނޭ 2" އާ ބެހޭ ގޮތުން ސަނީގެ "ގަދަރު: އޭކް ޕްރޭމް ޚަތާ" ވެސް ގެނެސްދިން އަނިލް ބުނީ ފިލްމުގެ ޝޫޓިން މި އަހަހަރުގެ ސެޕްޓެމްބަރު ނުވަތަ އޮކްޓޯބަރުގައި ފަށާނެ ކަމަށެވެ. މައިގަނޑު މަންޒަރުތައް ނަގާނީ އިންޑިއާގެ ޕަންޖާބާއި އިނގިރޭސިވިލާތުގެ ލަންޑަނުގަ އެވެ.

"އެކަމަކު މަސައްކަތް ބިނާވާނީ ކޮވިޑްގެ ހާލަތަށް ވެސް އަންނަ ބަދަލުތަކާ އެކީގައި. އަހަރެމެން ބޭނުން ވަނީ މަސައްކަތް ފަށާ ގޮތަށް މެދުކެނޑުމެއް ނާންނަ ގޮތަށް ޝޫޓިން ކުރިއަށް ގެންދަން." އަނިލް ބުންޏެވެ.

އޭނާ ބުނީ "އަޕްނޭ 2" އަކީ ކުރީގެ ފިލްމާ އެއްގޮތަށް ބޮކްސިން ތެޅުންތެރިންތަކެއްގެ އާއިލާއެއްގެ ވާހަކަ ކިޔައިދޭނެ އެއްޗެކެވެ.

"އެކަމަކު ކުރީގެ ފިލްމާއި އާ ފިލްމުގައި ވަރަށް ބޮޑެތި ތަފާތުތަކެއް ހުންނާނެ. އަދި ކުރިއަށް ވުރެ ޖަޒުބާތީ ފިލްމަކަށް މީތި ވާނެ،" އަނިލް ބުންޏެވެ. "އުފާވާ ކަމަކީ ދަރޭގެ އާއިލާގެ ތިން ޖީލު ފިލްމުން ގެނެސްދެވޭތީ."

"އަޕްނޭ 2" ގެ ބަތަލާއިންނަކީ ކޮބައި ކަމެއް އަދި ނޭނގެ އެވެ. ކުރީގެ ފިލްމުގެ ބަތަލާއިންނަކީ ޝިލްޕާ ޝެޓީ އާއި ކެޓްރީނާ ކައިފާއި ކިރަން ކޭރެވެ.