Roadha Mihaaru
ސަނީގެ ހަގު ދަރިފުޅު ރަޖްވީރު ވެސް ބޮލީވުޑަށް

ސަނީ ޑިއޯލްގެ ހަގު ދަރިފުޅު ރަޖްވީރު ޑިއޯލް ވެސް ބޮލީވުޑަށް

24 މާޗް 2021

ބޮލީވުޑްގެ އެކްޓަރު ސަނީ ޑިއޯލްގެ ދޮށީ ފިރިހެން ދަރިފުޅު ކަރަން ޑިއޯލް މީގެ ދެ އަހަރު ކުރިން ބޮލީވުޑަށް ނެރެފައި ވާއިރު ސަނީގެ ހަގު ފިރިހެން ދަރިފުޅު ރަޖްވީރު ޑިއޯލް ވެސް ބޮލީވުޑް ދަތުރު ފަށަން ތައްޔާރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ އެކްޓަރު ސަނީ ޑިއޯލްގެ ދޮށީ ފިރިހެން ދަރިފުޅު ކަރަން ޑިއޯލް މީގެ ދެ އަހަރު ކުރިން ބޮލީވުޑަށް ނެރެފައި ވާއިރު ސަނީގެ ހަގު ފިރިހެން ދަރިފުޅު ރަޖްވީރު ޑިއޯލް ވެސް ބޮލީވުޑް ދަތުރު ފަށަން ތައްޔާރުވެއްޖެ އެވެ.

މީޑިއާތަކުން ބުނީ 24 އަހަރުގެ ރަޖްވީރު ތައާރަފްކުރާނީ މަޝްހޫރު ޑައިރެކްޓަރު ސޫރަޖް ބަރްޖަތިއާގެ ދަރިފުޅު އަވްނިޝް ބަރްޖަތިއާގެ ފުރަތަމަ ފިލްމުން ކަމަށެވެ. މި ފިލްމުގެ ވާހަކަ ދެކެވޭތާ މިހާރު ގިނަ ދުވަސްތަކެއްވި ނަމަވެސް ސޫރަޖްގެ އާއިލީ ފިލްމު ކުންފުނި ރާޖްޝްރީ ޕްރޮޑަކްޝަނުން އެއާ ބެހޭ އެއްވެސް ވާހަކައެއް ރަސްމީކޮށް އަދި ނުދައްކަ އެވެ.

ކުރިން އަޑުތައް އަރާފައިވާ ގޮތުން އަވްނީޝް ޑައިރެކްޝަނަށް ނުކުންނަ ފިލްމު ކާތިކް އާރިޔަން އަށް ވެސް ހުށަހެޅި އެވެ. އެކަމަކު ފަހުން އޭނާގެ ބަދަލުގައި މީޒާން ޖެފްރީ އަށް ފިލްމުން ފުރުސަތު ލިބުނު ވާހަކަ ތިލަވި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން މިހާރު ބުނި ގޮތުގައި ޑެސްޓިނޭޝަން ވެޑިންއަކަށް ބިނާކޮށް އަވްނީޝް ހަދާ ރޮމޭންޓިކް ކޮމެޑީގެ ލީޑް އެކްޓަރަކަށް ރަޖްވީރު ނަގައި، އޭނާއާ އެކު ވަރަށް އާ ޒުވާން އާ ކާސްޓެއް ފިލްމުން ފެންނާނެ އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި މި ފިލްމު ވާނީ ޑައިރެކްޓަރު އަޔާން މުކަރްޖީ 2013 ގައި ރަންބީރް ކަޕޫރާއި ދީޕިކާ ޕަދްކޯނާ އެކު ގެނެސްދިން "ޔެ ޖަވާނީ ހޭ ދީވާނީ" ކަހަލަ ޒުވާނުންނާ ވަރަށް ގުޅޭ ކަހަލަ އަސަރު ލޯބީގެ ފިލްމަކަށެވެ.

ރާޖްޝްރީ އަކީ މިހާތަނަށް ކާމިޔާބު އެތައް ފިލްމެއް ގެނެސްދީފައިވާ ސްޓޫޑިއޯއަކަށްވާތީ އަވްނީޝްގެ ފިލްމާ މެދު ކުރެވޭ އުންމީދުތައް ވެސް ވަރަށް ބޮޑެވެ. އޭނާގެ ބައްޕަ ސޫރަޖް ގެނެސްދިން ފިލްމުތަކުގެ ތެރޭގައި "މޭނޭ ޕިޔާރު ކިޔާ" އާއި "ހަމް އާޕް ކޭ ހޭ ކޯން" އާއި "ހަމް ސާތު ސާތު ހޭ" އަދި "ޕްރޭމް ރަތަން ދަން ޕާޔޯ" ހިމެނެ އެވެ.

ރިޕޯޓްތައް ބުނާގޮތުން އަމީތާބް ބައްޗަނާ އެކު ސޫރަޖް ހަދަން ނިންމާފައިވާ ފިލްމު "އޫޗާއީ" ގެ މަސައްކަތް ވެސް ފަސްކޮށްފައި ވަނީ ދަރިފުޅުގެ އަވްނިޝްގެ އަލަތު ފިލްމަށް އެހީތެރިކަން ފޯރުކޮށް ދިނުމުންނެވެ. އެގޮތުން ސޫރަޖް ޑައިރެކްޓްކުރާ ފިލްމު މި އަހަރުގެ ސެޕްޓެމްބަރު ހިސާބުގައި ފެށުމުގެ ކުރިން އަވްނިޝްގެ ފިލްމުގެ މަސައްކަތް ފަށާނެ އެވެ.

ސަނީގެ ހަގު ދަރިފުޅު ރަޖްވީރު ބޮލީވުޑަށް ނުކުންނަން ތައްޔާރުވާ އިރު ބޭބެ ކަރަން ލޯންޗްކުރަން ބައްޕަ ޑައިރެކްޓްކުރި 2019 ގެ "ޕަލް ޕަލް ދިލް ކޭ ޕާސް" ގެ އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައި ރަޖްވީރު މަސައްކަތްކޮށްފައިވެ އެވެ.

ކަރަން މިހާރު ތައްޔާރުވަމުން އަންނަނީ އާއިލާގެ މީހުންނާ އެކު ކުޅޭ "އަޕްނޭ 2" އަށެވެ. އެ ފިލްމުގައި ބައްޕަ ސަނީ އާއި ބޮޑުބޭބެ ބޮބީ ޑިއޯލް އާއި ކާފަ ދަރުމެންދުރާ ހިމެނޭނެ އެވެ.