Roadha Mihaaru
ބެލުނީ ދޮންމާމަ ހެމާގެ ދެތިން ފިލްމެއް: ކަރަން

ދޮންމާމަ ހެމާ ވަރަށް މޮޅު، އެކަމަކު މާގިނަ ފިލްމެއް ނުބަލަން: ކަރަން

31 މެއި 2021

ބައްޕަ ސަނީ ޑިއޯލްގެ ދޮންމަންމަ ކުރީގެ މަޝްހޫރު ބަތަލާ ހެމާ މާލިނީ ކުޅުނު ފިލްމުތަކުގެ ތެރެއިން މިހާތަނަށް ބެލުނީ އެންމެ ދެތިން ފިލްމު ކަމަށް ސަނީގެ ދޮށީ ދަރިފުޅު ކަރަން ޑިއޯލް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބައްޕަ ސަނީ ޑިއޯލްގެ ދޮންމަންމަ ކުރީގެ މަޝްހޫރު ބަތަލާ ހެމާ މާލިނީ ކުޅުނު ފިލްމުތަކުގެ ތެރެއިން މިހާތަނަށް ބެލުނީ އެންމެ ދެތިން ފިލްމު ކަމަށް ސަނީގެ ދޮށީ ދަރިފުޅު ކަރަން ޑިއޯލް ބުނެފި އެވެ.

ދެހާސް ނަވާރައިގައި ބައްޕަ ޑައިރެކްޓްކުރި "ޕަލް ޕަލް ދިލް ކޭ ޕާސް" އިން ބޮލީވުޑަށް ނުކުތް 30 އަހަރުގެ އެކްޓަރު ޓައިމްސް އޮފް އިންޑިއާ އަށް ދިން އިންޓަވިއުއެއްގައި ބުނީ ހެމާގެ ގިނަ ފިލްމުތަކެއް ބެލިފައި ނެތަސް އެއީ ވަރަށް މޮޅު ބަތަލާއެއްކަން ޔަގީން ކަމަށެވެ.

"ވަރަށް ހެޕެނިން ކެރިއާއެއް ބިނާކުރި ބަަތަލާއެއް އެއީ. މިހާތަނަށް އަހަންނަށް ބެލުނު ފިލްމުތަކަށް ބަލާ އިރު ހެމާ އަކީ ވަރަށް މޮޅު ބަތަލާއެއް،" ކަރަން ބުންޏެވެ.

ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ހެމާ، 72، އަކީ 1970 ގެ އަހަރުތަކުގައި ހިންދީ ސިނަމާގައި އެންމެ ގަދައަށް ފިޔަ ޖެހި އެއް ބަތަލާ އެވެ. ސަތޭކައެއްހާ ފިލްމު ކެރިއަރުގައި މިހާތަނަށް ކުޅުނު ހެމާގެ ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކުގެ ތެރޭގައި "ސީތާ އޯރް ގީތާ" އާއި "ޝޯލޭ" އާއި "އަންދާޒު" އާއި "ރާޒިއާ ސުލްތާން" އާއި "ސައްތޭ ޕޭ ސައްތާ" އާއި "އަންދާ ގާނޫނު" އަދި "ބާގްބާން" ފަދަ އެތައް ފިލްމެއް ހިމެނެ އެވެ. މިހާރު ސިޔާސީ ދާއިރާގައި އުޅޭ ހެމާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ރިލީޒްކުރި "ޝިމްލާ މިރުޗީ" އެވެ.

ކަރަންގެ ކާފަ ދަރުމެންދުރާ އާއި ހެމާ އަކީ ހިންދީ ސިނަމާގެ އެންމެ މަގުބޫލު އެއް ޖޯޑު ވެސް މެ އެވެ. ހެމާ އާއި ދަރޭ އަށް ދެ އަންހެން ކުދިން ލިބިފައިވެ އެވެ. އެއީ ކުރީގެ ބަތަލާ އީޝާ ޑިއޯލް އާއި ފިލްމީ ދާއިރާގައި ދުރުގައި އުޅޭ އަހާނާ ޑިއޯލް އެވެ.

"ޕަލް ޕަލް ދިލް ކޭ ޕާސް" އަށް ފަހު ކަރަން ކުޅެން އޮތް ފިލްމަކީ ކޮވިޑް-19 އާ ހެދި އަންނަ އަހަރަށް ފަސްކޮށްފައިވާ އާއިލާގެ ފިލްމު "އަޕްނޭ 2" އެވެ. އެ ފިލްމުގައި އޭނާއާ އެކު ބައްޕަ ސަނީ އާއި ބޮޑުބޭބެ ބޮބީ ޑިއޯލް އާއި ކާފަ ވެސް ހިމެނޭނެ އެވެ.

އަނިލް ޝަރުމާ ޑައިރެކްޓްކުރާ "އަޕްނޭ 2" އަކީ ދަރޭ ދެ ފިރިހެން ދަރިންނާ އެކު 2007 ގައި ކުޅުނު "އަޕްނޭ" ގެ ސީކްއެލް އެވެ.

ސަނީގެ ހަގު ދަރިފުޅު ރަޖްވީރު ޑިއޯލް ވެސް ވަރަށް އަވަހަށް ބޮލީވުޑަށް ނުކުންނާނެ އެވެ.

އޭނާގެ އަލަތު ފިލްމަކީ "މޭނޭ ޕިޔާރު ކިޔާ" ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު ސޫރަޖް ބަރްޖަތިއާގެ ދަރިފުޅު އަވްނިޝް ބަރްޖަތިއާގެ އަލަތު ފިލްމުންނެވެ. ނަން އިއުލާން ނުކުރާ އެ ފިލްމުގެ ލީޑް އެކްޓަރުގެ ގޮތުގައި މިދިޔަ މަހު ރަޖްވީރު ދައްކައިލި ނަމަވެސް ފިލްމާ ބެހޭ އެއްވެސް މައުލޫމާތެއް ފަހުން ހާމައެއްނުކުރެ އެވެ.