Roadha Mihaaru

އެރިކްސަނަށްޓަކައި ނުކުތް ޑެންމާކުން ރަޝިއާ ކަޓުވާލުމަށް ފަހު ދެވަނަ ބުރަށް

ކޯޕެންހޭގަން (ޖޫން 22) - ރަޝިއާގެ މައްޗަށް 4-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި ޑެންމާކު ދެ ވަނަ ބުރަށް ދަތުރު ކޮށްފި އެވެ.

އެރިކްސަނަށްޓަކައި ނުކުތް ޑެންމާކު ދެ ވަނަ ބުރަށް
ހުސެއިން ހަބީބް
ހުސެއިން ހަބީބް

22 ޖޫން 2021

ކޯޕެންހޭގަން (ޖޫން 22) - ރަޝިއާގެ މައްޗަށް 4-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި ޑެންމާކު ދެ ވަނަ ބުރަށް ދަތުރު ކޮށްފި އެވެ.

ޑެންމާކް ދެ ވަނަ ބުރަށް ދަތުރުކުރީ އާދަޔާ ހިލާފް ގޮތަކަށެވެ. މިއީ ހާޓް އެޓޭކެއް ޖެހުމުގެ ސަބަބުން ޓީމާ ވަކިވާން ޖެހުނު މިޑްފީލްޑާ ކްރިސްޓިއަން އެރިކްސަން އަށް ޓަކައި ޑެންމާކުން ހޯދި ކާމިޔާބެކެވެ.

ކުރިން ކުޅުނު ދެ މެޗުން ޑެންމާކް ބަލި ވެފައި ވުމުން، އެ ޓީމު އޮތީ މުބާރާތުން ކެޓުމުގެ ތުންފަތް މަތީގަ އެވެ. ނަމަވެސް ރަޝިއާގެ މައްޗަށް 4-1 އިން މޮޅުވުމުގެ އިތުރަށް އެ ޓީމަށް ދެ ވަނަ ބުރަށް ދިއުމަށް އެހީއަކަށްވީ ގްރޫޕްގެ އެއް ވަނައިގައި ނިންމާލި ބެލްޖިއަމުން ފިންލެންޑް ބަލި ކުރުމުންނެވެ. ޑެންމާކުން ދެ ވަނަ ބުރުގައި ވާދަކުރާނީ ވޭލްސްއާ ދެކޮޅަށެވެ.

ރަޝިއާއަށް ލިބުނީ ގުރޫޕްގެ ހަތަރު ވަނަ އެވެ. އެހެންވެ އެ ޓީމު ވަނީ މުބާރާތުން ކަޓައިފަ އެވެ. ތިން ވަނަ ލިބުނު ފިންލެންޑަށް އޮތީ އެ ޓީމަށް ވާގޮތް ބެލުމަށް، ގްރޫޕް ސްޓޭޖް ނިމެންދެން އިންތިޒާރު ކުރުމެވެ. ތިން ވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ހަތަރު ޓީމުގެ ތޭރަގައި އެ ޓީމު ހިމެނިއްޖެނަމަ ދެ ވަނަ ބުރަށް ފިންލެންޑް ވެސް ދާނެ އެވެ.

މިރޭ ގެ މެޗުގައި ޑެންމާކަށް، ރަޝިއާގެ ގޯލް ފުރަތަމަ ހުޅުވައިދިނީ، މިކެލް ޑަމްސްގާޑް އެވެ. ފުރަތަމަ ހާފުގައި ލީޑުގައި އެވޮގެން ނިންމާލި ޑެންމާކުން ވަނީ ދެ ވަނަ ހާފުގެ ކުރީ ކޮޅު ނަތީޖާ ފަރަގު ބޮޑުކޮށްފަ އެވެ. ދެ ވަނަ ލަނޑު 59 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ޔޫސުފް ޕޯލްސަން އެވެ. އޭގެ 10 މިނެޓް ފަހުން ރަޝިއާގެ ލިބުނު ޕެނަލްޓީއަކުން އާޓެމް ޒޫބާ އެ ޓީމަށް ލަނޑު ކާމިޔާބު ކޮށްދިނެވެ.

ޑެންމާކުގެ ތިން ވަނަ ލަނޑު ކާމިޔާބު ކުރީ އަންޑްރެއަސް ކްރިސްޓެންސަން އެވެ. ޑެންމާކަށް މެޗުގެ ނަތީ ޖާ ތަފާތުކޮށްދިނީ ޔޯކިމް މައިލާ އެވެ.