Roadha Mihaaru
ގާޒީ ސަލާމުގައި؛ އީސަގެ ޝަރީއަތް ކެންސަލް

ގާޒީ ސަލާމުގައި ހުންނެވުމުން އީސަގެ ޝަރީއަތް ކެންސަލް

21 ޖޫން 2021

ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާގެ މައްޗަށް ތުހުމަތު ކުރެވޭ ގެވެށި އަނިޔާގެ މައްސަލައިގައި މިއަދަށް ކްރިމިނަލް ކޯޓުގައި ތާވަލުކުރި އަޑުއެހުން، ގާޒީ ސަލާމުގައި ހުންނެވުމުން ކެންސަލްކޮށްފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާގެ މައްޗަށް ތުހުމަތު ކުރެވޭ ގެވެށި އަނިޔާގެ މައްސަލައިގައި މިއަދަށް ކްރިމިނަލް ކޯޓުގައި ތާވަލުކުރި އަޑުއެހުން، ގާޒީ ސަލާމުގައި ހުންނެވުމުން ކެންސަލްކޮށްފި އެވެ.

އީސަ އޭނާގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމަށް އަނިޔާ ކުރި ކަމަށް ބުނާ މައްސަލައިގައި އޭނާގެ މައްޗަށް ވަނީ، އަނިޔާއެއް ދިނުމުގެ ދައުވާކޮށްފަ އެވެ.

އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ތާވަލްކުރީ މިއަދު 11:00 އަށެވެ. ކްރިމިނަލް ކޯޓުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، އަޑުއެހުން ކެންސަލް ކުރީ މައްސަލަ ބައްލަވާ ގާޒީ ހުސެއިން ފާއިޒު ރަޝާދު ސަލާމުގައި ހުންނެވުމުންނެވެ.

އީސަގެ މައްސަލަ ފުލުހަށް ހުށަހެޅީ މިދިޔަ މަހު އެވެ. ފުލުހުން އެ މައްސަލަ ބަލައި ދައުވާކުރަން ފޮނުވުމުން އީސަގެ މައްޗަށް ދައުވާކުރީ މި މަހުގެ ތިން ވަނަ ދުވަހު އެވެ.

އަނިޔާކުރި ކަމަށް ބުނެ ބަޔާން ދެއްވުމަށް ފަހު، އަސްރާ ވަނީ ފަހުން އީސަގެ މައްސަލަ އިތުރަށް ކުރިއަށް ގެންދަން ބޭނުންނުވާ ކަމަށް ވިދާޅުވެފަ އެވެ. އޭނާ އެގޮތަށް އެދިވަޑައިގަތަސް ފުލުހުން އެ މައްސަލަ ބެލުން ހުއްޓައެއް ނުލަ އެވެ.

ފަހުން އަސްރާ ވިދާޅުވެފައި ވަނީ އީސަގެ މައްސަލައިގައި އޭނާ ބަޔާން ދީފައި ވަނީ ޖަޒުބާތުގައި ޖެހިގެން ކަމަށެވެ. އަދި އީސަގެ ޝަރީއަތް ކެންސަލް ކުރަން ވެސް އެދުނެވެ.

އެ ދައުވާ ސާބިތުވެއްޖެ ނަމަ އޭނާ އަށް ލިބޭނެ އެންމެ ބޮޑު އަދަބަކީ ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ.

އެ ހުކުމް ސާބިތުވި ވިޔަސް އޭނާގެ ގޮނޑި ނުގެއްލޭނެ އެވެ. ގޮނޑި ގެއްލޭނީ 12 މަސް ދުވަހަށް ވުރެ ބޮޑު ހުކުމެއް އައިސްފި ނަމަ އެވެ.