Roadha Mihaaru
ޔޫކޭ މީހެއްގެ ކިޑްނީ އާދަޔާ ހިލާފަށް ބޮޑުވެ ނަގަނީ

ޔޫކޭ މީހެއްގެ ކިޑްނީ އާދަޔާ ހިލާފަށް ބޮޑުވެ ނަގަން ޖެހިއްޖެ

19 ޖޫން 2021

އިނގިރޭސިވިލާތުގެ ދުވަސްވީ ފިރިހެނެއްގެ ކިޑްނީ އާދަޔާހިލާފަށް ބޮޑުވަމުންދާތީ އެ ނަގަން އޮޕަރޭޝަނެއް ކުރަން ތައްޔާރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިނގިރޭސިވިލާތުގެ ދުވަސްވީ ފިރިހެނެއްގެ ކިޑްނީ އާދަޔާހިލާފަށް ބޮޑުވަމުންދާތީ އެ ނަގަން އޮޕަރޭޝަނެއް ކުރަން ތައްޔާރުވެއްޖެ އެވެ.

ވިންޑްޒާ އަށް ނިސްބަތްވާ ވޮރެން ހިގްސް، 54، ގެ ބައްޔަކީ ޕޮލިސިސްޓިކް ކިޑްނީ ޑިޒީޒް (ޕީކޭޑީ) އެވެ. މިއީ ކިޑްނީގެ ތެރޭގައި ދިޔާކޮށް ލޮނދި ހެދި، ކުދިކުދި ސިސްޓިކް އުފެދެން ދިމާ ބައްޔެކެވެ. މީގެ ސަބަބުން ހިގްސްގެ އާންމު ދިރިއުޅުމަށް ބުރޫއަރައި، އޭނާގެ ފުރާނަ އަށް ވެސް ނުރައްކާވުމުގެ ބިރު އެބަ އޮތެވެ.

އޭނާގެ ދެ ކިޑްނީ ވެސް ނަގަން ބޮޑު އޮޕަރޭޝަނަކަށް ތައްޔާރުވަމުން އަންނަ އިރު، އޮޕަރޭޝަނަށް ފަހު އޭނާ ބޭނުންކުރާނެ އިލެކްޓްރިކް ރިކިއުބެންޓް ޓްރައިސައިކަލެއް ގަންނަން ބޭނުންވާ ފައިސާ ހޯދަން ވެސް މިހާރު އަންނަނީ މަސައްކަތްކުރަމުންނެވެ. މިކަމަށް އެހީތެރުވުމުގެ ގޮތުން ވިންޑްޒާގެ ޓެކްސީ ކުންފުނި ކާސް އާއި ޗެރިޓީ، ޑްރިވެން ފޯވާޑް އިން މިހާރު ވަނީ ގޯފަންޑްމީގައި ފަންޑު ހޯދަން ކެމްޕޭނެއް ފަށައިފި އެވެ.

ހިގްސް ކިޔައި ދިން ގޮތުގައި އޭނާގެ ދެ ކިޑްނީ ވެސް ހުއްޓުމެއް ނެތި ބޮޑުވަމުންދާ ދާއިރު، އެކަމުގެ ސަބަބުން ބަނޑު ވެސް ފުފިފައިވެ އެވެ. އެހެންވެ ފުއްމާމެ އަށް މައްސަލަތައް ދިމާވެ، ނޭވާލާން އުނދަގޫވުމުގެ އިތުރަށް ހިތަށް ވެސް މިހާރު ވަނީ މިކަމުގެ ނޭދެވޭ އަސަރުކުރަން ފަށައިފަ އެވެ.

"އުމުރުން ތިރީސް ފަސް އަހަރުވި ފަހުން މި މައްސަލަ ދިމާވާން ފެށީ. އޭގެ ފަހުން ކިޑްނީ ދަނީ ހުއްޓުމެއް ނެތި ބޮޑުވަމުން،" ކުރިން އެކައުންޓެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ އެންމެ ދަރިޔަކު ހުރި ހިގްސް ބުންޏެވެ. "މިއީ ބައްޕަގެ ފަރާތުން ވާރުވަތީ ބައްޔެއް. މި ބައްޔާ އަކު އަހަންނަށް ސްޓްރޯކެއް ޖެހި ހަށިގަނޑުގެ ކަނާތް ފަރާތުން ވަނީ ވާގި ވެސް ނެތިފައި."

ފާއިތުވި ފަސް އަހަރުގެ ތެރޭގައި އޭނާގެ ކިޑްނީގެ ބޮޑުވަމުން ދިޔަ ނިސްބަތަށް ބަލާ އިރު ޑޮކްޓަރުން ވިދާޅުވެފައި ވަނީ ކިޑްނީ މިހާރު އިނީ އަސްލު އިންނަން ޖެހޭ ސައިޒަށް ވުރެ ފަސް ގުނަ ބޮޑުކޮށް ކަމަށެވެ. އެންމެ ފަހުން ހެދި ސްކޭންތަކުން ދައްކާ ގޮތުގައި ހިގްސްގެ ދެ ކިޑްނީގެ ތެރެއިން ވާތު ކިޑްނީގެ ދިގުމިނުގައި 42 ސެންޓި މީޓަރު ހުރި އިރު ފުޅާމިނަކީ 27 ސެންޓި މީޓަރެވެ. އަދި ކަނާތުގެ ކިޑްނީގެ ދިގުމިނުގައި 49 ސެންޓި މީޓަރު ހުރި އިރު ފުޅާމިނަކީ 28 ސެންޓި މީޓަރެވެ.

ހިގްސްގެ ކިޑްނީގެ މި ސައިޒަށް ބަލާއިރު މިއީ އެންމެ ބޮޑު ކިޑްނީގެ ގޮތުގައި މިހާރު ރެކޯޑްކުރެވިފައިވާ ކިޑްނީ އަށް ވުރެ ތިން ގުނަ ބަރު ކިޑްނީއެކެވެ. އެންމެ ބަރު ކިޑްނީގެ ގޮތުގައި ރެކޯޑްކޮށްފައިވާ ކިޑްނީގެ ބަރުދަނަކީ 7.4 ކިލޯ އެވެ. އެއީ އިންޑިއާގެ 2019 ގައި ކުރި އޮޕަރޭޝަނަކަށް ފަހު ނެގި ކިޑްނީއެކެވެ.

ހިގްސް ބުނި ގޮތުގައި އޮޕަރޭޝަނަށް ފަހު އޭނާ އަށް އާންމު ދިރިއުޅުމަށް އާދެވޭނެކަމުގެ އުންމީދު ވަރަށް ބޮޑެވެ.

"މިހާރު ވަރަށް ހާލުގައި މި އުޅެނީ. ކިރިޔަކިރިޔާ ނޭވާލެވޭކަން." އޭނާ ބުންޏެވެ.