Roadha Mihaaru
ދެވަނައަށް އެންމެ ދުވަސްވީ މީހާ ކޮވިޑުން ރަނގަޅުވެއްޖެ

ކޮވިޑުން ރަނގަޅުވި 106 އަހަރުގެ މީހާ އަކީ ރާއްޖޭގައި ހުރި ދެ ވަނަ އަށް އެންމެ ދުވަސްވީ މީހާ

13 ޖޫން 2021

ލ. އިސްދޫން ކޮވިޑަށް ޕޮޒިޓިވްވެ ފަރުވާ އަށް ފަހު މިދިޔަ ހަފުތާގައި ދޫކޮށްލާފައިވާ އުމުރުން އެންމެ ދުވަސްވީ މީހާ އަކީ ރާއްޖޭގައި މި ވަގުތު ތިބި މީހުންގެ ތެރެއިން ދެ ވަނަ އަށް އެންމެ ދުވަސްވީ މީހާ ކަމަށް "މިހާރު" އިން ހޯދި މައުލޫމާތުން އެނގިއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ލ. އިސްދޫން ކޮވިޑަށް ޕޮޒިޓިވްވެ ފަރުވާ އަށް ފަހު މިދިޔަ ހަފުތާގައި ދޫކޮށްލާފައިވާ އުމުރުން އެންމެ ދުވަސްވީ މީހާ އަކީ ރާއްޖޭގައި މި ވަގުތު ތިބި މީހުންގެ ތެރެއިން ދެ ވަނަ އަށް އެންމެ ދުވަސްވީ މީހާ ކަމަށް "މިހާރު" އިން ހޯދި މައުލޫމާތުން އެނގިއްޖެ އެވެ.

ކޮވިޑް ފެތުރެމުން އަންނަ އިސްދޫން އެ ބަލި ޖެހުނު މީހުންގެ ތެރޭގައި ހިމެނޭ ހައްވާ މުހައްމަދުގެ އުމުރަކީ 107 ކަމަށް މީޑިއާގައި ރިޕޯޓްކޮށްފައި ވިޔަސް އޭނާގެ އުމުރަކީ 106 އަހަރު ކަމަށް ރަސްމީ މައުލޫމާތުން އެނގެ އެވެ. ހައްވަގެ އުފަން ތާރީހުގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވަނީ ޖެނުއަރީ 1، 1915 އެވެ.

ރާއްޖޭގައި މިވަގުތު ހުރި އުމުރުން އެންމެ ދުވަސްވީ މީހާގެ އުމުން މިހާރު 107 އަހަރެވެ. އެ ފިރިހެން މީހާގެ އުފަންދުވަހަކީ ޖޫން 14، 1913 އެވެ. އެހެންވެ އޭނާ އަށް މާދަމާ 108 އަހަރު ފުރޭނެ އެވެ.

އިސްދޫ ހެލްތު ސެންޓަރުގެ މެނޭޖަރު އަހުމަދު އާސިމް "މިހާރު" އަށް ވިދާޅުވި ގޮތުގައި ހައްވަ ކޮވިޑަށް ޕޮޒިޓިވްކަން އެނގުނީ މިދިޔަ މަހުގެ 19 ވަނަ ދުވަހު ނެގި ސާމްޕަލަކުން، 23 ވަނަ ދުވަހު އެވެ. ބައްޔަށް ޕޮޒިޓިވްވިކަން އެނގުނުތާ ހަފުތާއެއް ފަހުން، ނޭވާލާން އުނދަގޫވާތީ ރަށު ހެލްތު ސެންޓަރަށް ބަދަލުކޮށް ފަރުވާދޭން ޖެހުނު ކަމަށް އާސިމް ވިދާޅުވި އެވެ.

އާސިމް ވިދާޅުވި ގޮތުގައި އެތަނުގައި ފަރުވާދިނުމަށް ފަހު ދެ ދުވަސް ފަހުން ބަދަލުކުރީ ގަމުގައި ހުންނަ އެ އަތޮޅު ކޮވިޑް ފެސިލިޓީއަށެެވެ. އެތަނުގައި ފަރުވާ ދިނުމަށް ފަހު މިދިޔަ ހުކުރު ދުވަހު ހައްވަ ވަނީ ބަލިން މުޅިން ރަނގަޅުވެ ދޫކޮށްލައިފަ އެވެ.

މިއީ ކޮވިޑް ބައްޔަށް ރާއްޖެއިން ފަރުވާދިން އެންމެ ދުވަސްވީ މީހާ އެވެ. އޭނާ އަކީ މުސްކުޅި ބަލި ފިޔަވައި އިތުރު ބޮޑު ބައްޔެއް ނެތް މީހެއް ކަމަށް، އޭނާ ދަންނަ ބައެއް މީހުން ބުންޏެވެ.

މީގެ ކުރިން 100 އަހަރުގެ ދިވެއްސަކަށް ކޮވިޑް ޖެހި ފަރުވާ ހޯދި އެވެ. އޭނާ ވަނީ ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް މީގެ ހަ ދުވަސް ކުރިން ނިއާވެފަ އެވެ.

ކޮވިޑް ބަލީގެ ނުރައްކާ އުމުރުން ދުވަސްވީ މީހުންނަށް ބޮޑެވެ. މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ ތެރޭގައި ވެސް ގިނައީ 60 އަހަރުން މަތީގެ އަދި ދާއިމީ ބަލިތައް ހުރި މީހުންނެވެ.