Roadha Mihaaru
ޝާހިދުގެ ޗީފް އޮފް ސްޓާފަކަށް އިންޑިއާގެ ޑިޕްލޮމެޓެއް

ޝާހިދުގެ ޗީފް އޮފް ސްޓާފަކަށް އިންޑިއާގެ ޑިޕްލޮމެޓެއް

10 ޖޫން 2021

އދ. ގެ އާއްމު މަޖިލީހުގެ ރައީސަކަށް އިންތިހާބުވެވަޑައިގެންފައިވާ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲގެ ޝާހިދު ޗީފް އޮފް ސްޓާފްގެ މަގާމަށް އިންޑިއާއިން އދ. އަށް ކަނޑައަޅާފައިވާ ސަފީރުގެ ނައިބު ނަގަރާޖް ނައިޑޫ ކުމާރު ހަމަޖައްސައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އދ. ގެ އާއްމު މަޖިލީހުގެ ރައީސަކަށް އިންތިހާބުވެވަޑައިގެންފައިވާ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲގެ ޝާހިދު ޗީފް އޮފް ސްޓާފްގެ މަގާމަށް އިންޑިއާއިން އދ. އަށް ކަނޑައަޅާފައިވާ ސަފީރުގެ ނައިބު ނަގަރާޖް ނައިޑޫ ކުމާރު ހަމަޖައްސައިފި އެވެ.

އެ ޖަމާއަތުގެ 76 ވަނަ އާއްމު މަޖިލީހުގެ ރައީސަކު ހޮވުމަށް މިދިޔަ ހޯމަ ދުވަހު ބޭއްވި އިންތިހާބުން ޝާހިދު ވަނީ ބޮޑު ކާމިޔާބީއެއް ހޯއްދަވައިފަ އެވެ. މިއީ ތާރީހުގައި ވެސް އދ. ގެ މިހާ އިސް މަގާމަކަށް ދިވެއްސަކު އިންތިހާބުކުރި ފުރަތަމަ ފަހަރެވެ.

ފޮރިން މިނިސްޓްރީން ބުނީ އާއްމު މަޖިލީހުގެ ރައީސްގެ ޗެފް ޑި ކެބިނެޓްގެ މަގާމަށް އެމްބެސެޑާ ނަގަރާޖް ނައިޑޫ ކުމާރު ހަމަޖައްސާފައިވާ ކަމަށެވެ.

އެ ކާމިޔާބީ އަށް ފަހު، އާއްމު މަޖިލީހުގައި ތަގުރީރުކުރައްވަމުން ޝާހިދު ވިދާޅުވީ އޭނާގެ ޓީމަކީ ހަމަހަމަކަން ގާއިމްކުރަން ހުރިހާ ސަރަހައްދެއް ތަމްސީލުކުރެވޭ ޓީމަކަށް ހަދާނެ ކަމަށެވެ. އަދި އެކި ގައުމުތަކުގެ މައްޗަށް ބަހާލެވޭ ޓީމަކަށް ހަދާނެ ކަމަށް ވިދާޅުވެފައި ވެ އެވެ.

ތަރައްގީވެފައިވާ އަދި ތަރައްގީވަމުން އަންނަ ގައުމުތައް ވެސް ހިމަނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޭގެ އިތުރުން އދ. ގެ އާއްމު މަޖިލީހުގެ ރައީސްގެ ހާއްސަ މަންދޫބަކަށް ރާއްޖެއިން އދ. އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ތިލްމީޒާ ހުސެއިން ހަމަޖައްސަވާފައި ވެ އެވެ.

ރާއްޖެ އަށް ލިބުނު ކާމިޔާބީއާ އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މަރުހަބާ ވިދާޅުވެ ޓްވީޓް ކުރައްވައިފަ އެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި މިއީ ރާއްޖެ އަށް ލިބުނު ވަރަށް ބޮޑު ޝަރަފެކެވެ. އަދި އދ.ގެ އާންމު މަޖިލީހުގައި ރާއްޖެ ފަހުރުވެރިވާނެ ފަދަ މަސައްކަތްތަކެއް ޝާހިދު ކުރައްވާނެކަން ޔަގީންކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.