Roadha Mihaaru
ޗައިނާ މެޗުގެ ކުރިން ދަގަނޑޭ ޓީމާ ގުޅިއްޖެ

ޗައިނާ މެޗުގެ ކުރިން ދަގަނޑޭ ޓީމާ ގުޅިއްޖެ

09 ޖޫން 2021

ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުން، ގައުމީ ސްކޮޑުން އެކަހެރިވި އަލީ އަޝްފާގް (ދަގަނޑޭ) އާއި އަލީ ޝާމިސް (ތޮއްޕެ) ވޯލްޑް ކަޕް ކޮލިފައިންގައި ޗައިނާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ގައުމީ ޓީމާ ގުޅިއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުން، ގައުމީ ސްކޮޑުން އެކަހެރިވި އަލީ އަޝްފާގް (ދަގަނޑޭ) އާއި އަލީ ޝާމިސް (ތޮއްޕެ) ވޯލްޑް ކަޕް ކޮލިފައިންގައި ޗައިނާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ގައުމީ ޓީމާ ގުޅިއްޖެ އެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި، ރާއްޖެ ހިމެނޭ ގުރޫޕް އޭގެ މެޗުތައް ކުރިއަށް ދަނީ ދުބާއީގަ އެވެ. ރާއްޖެ ކުޅޭ ދެ ވަނަ މެޗުގައި ޗައިނާއާ ދެކޮޅަށް ނުކުންނާނީ އަންނަ ހުކުރު ދުވަހުގެ ރެ އެވެ.

ކޮވިޑުން ރަނގަޅު ވެފައިވާކަން ހާމަކުރަމުން، މިދިޔަ ހުކުރު ދުވަހު ދަގަނޑޭ ސޯޝަލް މީޑިއާގައި ބުނެފައި ވަނީ، ހޮނިހިރު ދުވަހު އޭނާ ޓީމާ ގުޅޭނެ ކަމަށެވެ. ކޮވިޑުން ރަނގަޅުވި ނަމަވެސް ފަހުން އޭނާ ސްކޮޑާ ގުޅުން ލަސްވީ ކޮވިޑާ ގުޅިގެން ޔޫއޭއީގައި އަޅައިފައިވާ ޕްރޮޓޮކޯލްއާ ހެދި އެވެ. ޔޫއޭއީގެ ޕްރޮޓޯކޯލްގައިވާ ގޮތުން ކޮވިޑުން ރަނގަޅު ވިޔަސް 10 ދުވަސް ކަރަންޓީންގައި ހޭދަ ކުރަން ޖެހެ އެވެ.

ޓީމު ކޭމްޕް ކޮށްފައިވާ ހޮޓެލަށް އެ ދެކުޅުންތެރިން ވެސް މިއަދު ވަނީ ބަދަލުވެފަ އެވެ. ގައުމީ ޓީމުގެ މޭނަޖރު ޔާމީން އިބްރާހިމް ބުނީ، ދަގަނޑޭ އާއި ތޮއްޕެގެ ކަރަންޓީން އިއްޔެ ނިމިފައިވާ ކަމަށެވެ.

ދަގަނޑޭ އާއި ތޮއްޕެ ކޮވިޑަށް ޕޮޒިޓިވްވިކަން އެނގުނީ، މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ. އެ ދެ ކުޅުންތެރިން ކޮވިޑަށް ޕޮޒިޓިވް ވުމުން، ސްކޮޑުގެ އެހެން މެންބަރުންނަށް ވެސް ޗައިނާ އަށް ދަތުރު ކުރުމުގެ ހުއްދަ ނުލިބުނެވެ. އޭއެފްސީން ފަހުން ނިންމީ ކޮލިފިކޭޝަން މެޗުތައް ޔޫއޭއީ އަށް ބަދަލު ކުރުމަށެވެ.

ދަގަނޑޭ އާއި ތޮއްޕެ ކޮވިޑުން ރަނގަޅުވެ ޓީމާ ގުޅުމަކީ ކޯޗް މާޓިން ކޫޕްމަން އަށް ލިބޭނެ ބޮޑު ހިތްހަމަ ޖެހުމކެވެ. ސީރިއާއާ ދެކޮޅަށް ކުޅުނު މެޗުގައި އެންމެ ބޮޑު މައްސަލައެއް ކުރިމަތިވީ ރާއްޖޭގެ ޓީމުގެ ޑިފެންސަށެވެ. ތޮއްޕެ ޓީމާ ގުޅުމަކީ އެކަމަށް ލިބިގެންދާނެ ހައްލެކެވެ.

ދުބާއީގައި މިދިޔަ ހުކުރު ދުވަހު ސީރިއާއާ ދެކޮޅަށް ކުޅުނު މެޗުން ރާއްޖެ ބަލިވީ 4-0 އިންނެވެ. ހުކުރު ދުވަހު ޗައިނާއާ ދެކޮޅަށް ކުޅޭ މެޗުން ދަގަނޑޭ އާއި ތޮއްޕެއަށް ފުރުސަތު ދޭނެ ކަމަށް ބެލެވެ އެވެ. ކޮލިފައިންގައި ރާއްޖެ ކުޅޭ ފަހު މެޗުގައި އަންނަ އަންގާރަ ދުވަހު ނުކުންނާނީ ފިލިޕީންސްއާ ދެކޮޅަށެވެ.

ގުރޫޕް އޭގެ އެއް ވަނަ މަގާމު ޔަގީންކޮށް ސީރިއާ އިން ވަނީ، ކޮލިފައިންގެ އަނެއް ބުރުން ޖާގަ ކަށަވަރު ކޮށްފަ އެވެ. ކޮލިފައިންގައި މިހާތަނަށް ކުޅުނު ހުރިހާ މެޗެއް ވެސް އެ ޓީމުން ވަނީ ކާމިޔާބުކޮށްފަ އެވެ.