Roadha Mihaaru
މާލޭގެ ރައްޔިތުން ދަތުރުދާނެ ރަށަކަށް ފަރުކޮޅުފުށި

މާލެ ސަރަހައްދުގެ ރައްޔިތުން ދަތުރުދާނެ ރަށަކަށް ފަރުކޮޅުފުށި

08 ޖޫން 2021

މާލޭ ސަރަހައްދުގައި ދިރިއުޅޭ މީހުން ދަތުރު ދިއުމަށް ހާއްސަ ރަށަކަށް، ހުޅުމާލެއާ ގުޅާލާފައިވާ ފަރުކޮޅުފުށި ހަމަޖައްސަން ސިޓީ ކައުންސިލުން އިއްޔެ ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މާލޭ ސަރަހައްދުގައި ދިރިއުޅޭ މީހުން ދަތުރު ދިއުމަށް ހާއްސަ ރަށަކަށް، ހުޅުމާލެއާ ގުޅާލާފައިވާ ފަރުކޮޅުފުށި ހަމަޖައްސަން ސިޓީ ކައުންސިލުން އިއްޔެ ނިންމައިފި އެވެ.

އެ ކައުންސިލުން ބޭއްވި ނިއުސް ކޮންފަރެންސެއްގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވީ، މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ދަތުރުދާނެ ހާއްސަ ތަނެއް ކަނޑައަޅާފައި ނެތުމުން، އެކަމަށް އެންމެ ރަނގަޅު ތަނަކީ މާލެ ސިޓީ ކައުންސިލްގެ އިހުތިސާސް ހިނގާ އަދި މިހާރު ފަޅު ރަށެއްގެ ގޮތުގައި ހަމަޖައްސާފައިވާ ފަރުކޮޅުފުށި ކަމަށެވެ.

މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުން ދަތުރުދާނެ ރަށެއް ކަނޑައެޅުމަކީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދެކެވެ. އެ ވައުދުގެ ތެރެއިން، އެނބޫދޫ ފަޅުގައި ހިއްކާފައިވާ ތިން ކިލޯމީޓަރުގެ ރަށެއް އެކަމަށް ހާއްސަކޮށް، އެ ޕްރޮޖެކްޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއުލާނު ވެސް ކުރެއްވި އެވެ.

އޭޕްރީލް 2، 2019 ގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވެފައި ވަނީ އެނބޫދޫ ފަޅުން ހާއްސަ ކޮށްފައިވާ ފަޅު ރަށަށް ހަތް މަސް ދުވަސް ފަހުން ދަތުރު ދެވޭނެ ކަމަށެވެ. އެކަމަކު، ދެ އަހަރު ވެގެން ދިޔައިރު ވެސް މި ސަރުކާރަށް އެކަމެއް ތަންފީޒެއް ނުވި އެވެ.

އެހެންވެ، ކޮވިޑު-19 ގެ ބަލިމަޑުކަމުގައި ހާސްކަން ފިލުވާލުމަށް މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި އުޅޭ ގިނަ ބައެއްގެ ދަތުރުދިއުމުގެ މަންޒިލަކީ ފިނޮޅުތަކެވެ.

ފަރުކޮޅުފުށީގައި އެޗްޑީސީ ނުވަަތަ އެހެން ފަރާތަކުން ވެސް ކުރާ އިންވެސްޓްމަންޓަކުން މާލޭގެ ރައްޔިތުންނަށް ލާބައާ މަންފާ ލިބެން ޖެހޭނެ ކަމަށާއި އަދި އެ އިންވެސްޓްމަންޓެއްގައި އެ ކައުންސިލްގެ ހިއްސާ އޮންނަންޖެހޭނެ ކަމަށް އާ ކައުންސިލުން ފާސްކޮށްފައި ވެ އެވެ.

"މާނައަކީ ފަރުކޮޅުފުށީގައި ކުރެވޭ ކޮންމެ އިންވެސްޓްމަންޓަކުން މާލޭގެ ލޮބުވެތި ރައްޔިތުންނަށް، މާލޭގެ ލޮބުވެތި ރައްޔިތުންގެ މުސްތަގުބަލަށްޓަކައި ސިޓީ ކައުންސިލުން ކުރަން ހުރި ކަންކަމަށް އާމްދަނީ ލިބެންޖޭހެނެއޭ. މިއީ ވަރަށް ސާފު މައްސަލައެއް،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

މާލެ ސަރަހައްދުގެ ރައްޔިތުން ދަތުރުދާނެ ރަށެއްގެ ގޮތުގައި ހަމަޖެއްސި ފަރުކޮޅުފުއްޓަކީ މީގެ ކުރިން "ކްލަބް މެޑް" ރިސޯޓު ހިންގި ތަނެވެ. އެ ތަން ހުސްކުރީ ވެސް، ހުޅުމާލޭގެ ދެ ވަނަ ފިޔަވަހި ހިއްކުމަށެވެ.

ފަރުކޮޅުފުށި އެންމެ ފަހުން ބޭނުންކުރީ ކޮވިޑު-19 ގައި ހާލު ދެރަވާ މީހުންނަށް ފަރުވާ ދޭނެ ފެސިލިޓީއެއްގެ ގޮތުގަ އެވެ. އޭގެ ފަހުން މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ޑިޓޮކްސް ފަރުވާ ދޭން ވެސް އެތަން ބޭނުންކުރި އެވެ.