Roadha Mihaaru
އީރާންގެ ތެޔޮ ސާފުކުރާ ކާރުހާނާއެއްގައި ރޯވެ އަނދަނީ

އީރާންގެ ތެޔޮ ސާފުކުރާ ކާރުހާނާއެއްގައި ރޯވެ އަނދަނީ

03 ޖޫން 2021

އީރާންގެ ވެރިރަށް ތެހެރާންގެ ދެކުނުގައި ހުރި ތެޔޮ ސާފުކުރާ ކާރުހާނާއެއްގައި ރޯވެ އަނދަން ފަށައިފި އެވެ.

އީރާންގެ ވެރިރަށް ތެހެރާންގެ ދެކުނުގައި ހުރި ތެޔޮ ސާފުކުރާ ކާރުހާނާއެއްގައި ރޯވެ އަނދަން ފަށައިފި އެވެ.

އީރާން ސަރުކާރުން ބުނި ގޮތުގައި ރޯވެފައިވަނީ، ތެޔޮ ސާފުކުރާ ކާރުހާނާގެ ވަކި ހިސާބެއްގައި ހުރި، ގުދުރަތީ ގޭސް ހޮޅިއެއްގަ އެވެ. އެ ހޮޅީގައި ރޯވީ، ކާރުހާނާގައި މަސައްކަތް ހިނގަމުން ދިޔަ ވަގުތު، ގޭސް ހޮޅިން ގޭސް ލީކްވެގެންނެވެ. ނަމަވެސް ގޭސް ލީކްވީ ކީއްވެގެން ކަން އަދި ސާފުނުވާ ކަމަށް ވެއެވެ.

އީރާނުގެ ރަސްމީ ނޫސް އޭޖެންސީން ބުނި ގޮތުގައި އިއްޔެ ހަވީރު ހިނގި މި ހާދިސާގައި، ކާރުހާނާގައި މަސައްކަތްކުރާ އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ. އަދި ކާރުހާނާގައި ރޯވެފައިވާ އަލިފާންގަނޑުގެ ސަބަބުން، ތެހެރާންގެ އާންމު ރައްޔިތުންގެ ސިއްހަތަށް ނުރައްކާވާ ވަރުގެ ގެއްލުމެއް ތިމާވެއްޓަށް ނުލިބޭނެ ކަމަށް ވެސް ސަރުކާރުގެ އޮފިޝަލުންނާ ހަވާލާދީ އެ ނޫސް އޭޖެންސީން ބުނެ އެވެ.

ނަމަވެސް މިއީ ބަޔަކު ގަސްދުގައި ކުރި ކަމެއް ކަމަށް ނުބެލެވޭ ކަމަށް އީރާން ސަރުކާރުގެ އޮފިޝަލުން ވިދާޅުވެ އެވެ. މި ހާދިސާގައި، އެ ކާރުހާނާގައި ހުރި ގިނަ އަދަދެއްގެ ތެޔޮ ރައްކާކުރާ ތާނގީތަކުގައި ވަނީ ރޯވެފަ އެވެ.

އީރާންގެ ތެޔޮ ސާފުކުރާ އެންމެ މުހިންމު އެއް ކާރުހާނާގެ ގޮތުގައި ބެލެވޭ، ޝާހިދު ތޮންދުގްޔާން ރިފައިނަރީގައި ރޯވުމުގެ ސަބަބުން ލިބުނު ގެއްލުމުގެ މިންވަރެއް އަދި ނޭނގެ އެވެ. އެހެން ނަމަވެސް، އިގްތިސާދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތަކެއްގެ ތެރޭގައި އޮތް އީރާނަށް، މިއީ ވަރަށް ބޮޑު ގެއްލުމަކަށް ވާނެ އެވެ.