Roadha Mihaaru

އީރާނު ބަނދަރުގައި ބާރުގަދަ ގޮވުމަކަށް ފަހު އަލިފާން ރޯވެ 14 މީހުން މަރު

އީރާނުގެ އެންމެ ބޮޑު ވިޔަފާރި ބަނދަރުގައި ހޮނިހިރު ދުވަހު ބާރުގަދަ ގޮވުމެއް ގޮވައި ބޮޑު ސަރަހައްދަކަށް އަލިފާން ފެތުރި އަނދަމުން ދާއިރު މިހާތަނަށް 14 މީހުން މަރުވެ 750 މީހުން ޒަހަމްވެފައިވާ ކަމަށް ބުނެފި އެވެ.

ގޮވުމަކަށް ފަހު އީރާން ބަނދަރުގައި ރޯވެ އަނދަނީ

އީރާނުގެ އެންމެ ބޮޑު ވިޔަފާރި ބަނދަރުގައި ހޮނިހިރު ދުވަހު ބާރުގަދަ ގޮވުމެއް ގޮވައި ބޮޑު ސަރަހައްދަކަށް އަލިފާން ފެތުރި އަނދަމުން ދާއިރު މިހާތަނަށް 14 މީހުން މަރުވެ 750 މީހުން ޒަހަމްވެފައިވާ ކަމަށް ބުނެފި އެވެ.

ސަބަބު އަދި އެނގިފައިނުވާ ގޮވުން ގޮވީ އީރާނުގެ ދެކުނުގައި އޮންނަ ޝަހީދު ރަޖާއީ ބަނދަރުގަ އެވެ. އެއީ ދުނިޔޭގައި އުފައްދާ ހުރިހާ ތެލެއްގެ ފަސްބައިކުޅަ އެއްބައި އުފުލާ ހޮރްމޫޒް ކަނޑުއޮޅި ކައިރީގައި އޮންނަ ތަނެކެވެ.

މުޅި ސަރަހައްދަށް ވިހަ ދުން ފެތުރެމުންދާތީ، ހޮރްމޯޒްގަން ޕްރޮވިންސްގެ ވެރިރަށް ބަންދަރު އައްބާސްގެ 23 ކިލޯމީޓަރު ދުރުގައިވާ ހުރިހާ ސްކޫލްތަކާއި އޮފީސްތައް ބަންދުކުރަން އަންގާފައިވާކަމަށް ދައުލަތުގެ ޓީވީން ވަނީ ބުނެފަ އެވެ. އީރާންގެ މީޑިއާއިން ބުނެފައިވާ ގޮތުގައި، ގޮވުމުގެ ބާރު ގަދަކަމުން 50 ކިލޯމީޓަރު ދުރަށް ވެސް އެ އަޑު އިވިފައިވެ އެވެ.

އިންޓީރިއާ މިނިސްޓަރު އެސްކަންދަރު މޮމެނީ އާދީއްތަ ދުވަހުގެ ހެނދުނު ޓެލެގްރާމްގައި ވިދާޅުވީ މި ގޮވުމުގައި މިހާތަނަށް 14 މީހުން މަރުވެ 750 މީހުން ޒަހަމްވެފައިވާ ކަމަށެވެ.

އީރާންގެ ޝަހީދު ރަޖާއީ ބަނދަރުގައި އިއްޔެ ހިނގި ގޮވުމުގެ ހާދިސާއަށް ފަހު އަލިފާން ރޯވެ ދުން އަރަނީ. -- ފޮޓޯ: އޭއެފްޕީ

އީރާންގެ ޝަހީދު ރަޖާއީ ބަނދަރުގައި އިއްޔެ ހިނގި ގޮވުމުގެ ހާދިސާއަށް ފަހު އަލިފާން ރޯވެ ދުން އަރަނީ. -- ފޮޓޯ: އޭއެފްޕީ

ގޮވުމުގެ ސަބަބު ނޭނގުނަސް ބަނދަރުގެ ކަސްޓަމްސް އިން ނެރުނު ބަޔާނަކާ ހަވާލާދީ ދައުލަތުގެ ޓީވީން ބުނީ އެއީ ނުރައްކާތެރި ކެމިކަލް ރައްކާކުރާ ސްޓޯރޭޖްގައި ހިނގި އަލިފާނުގެ ހާދިސާއެއްގެ ސަބަބުން ކަމަށް ބެލެވޭ ކަމަށެވެ.

"ޝަހީދު ރަޖާއީ ބަނދަރުގައި ރޯވި އަލިފާން އިތުރަށް ވަނީ ވަރުގަދަވެފައި. އަލިފާންގަނޑު އެހެން ސަރަހައްދުތަކަށާއި ކޮންޓެއިނަރުތަކަށް ފެތުރުމަކީ އެކަށީގެންވާ ކަމެއް،" ދައުލަތުގެ ޓީވީން ހޮނިހިރު ދުވަހުގެ ރޭ ބުނެފައިވެ އެވެ.

ވައި ގަދަވުމުގެ ސަބަބުން ވަނީ، އަލިފާން ނިއްވަން ކުރަމުން އަންނަ މަސައްކަތަށް ގޮންޖެހުންތައް ކުރިމަތިވެފަ އެވެ.

ވެރިރަށް ތެހެރާންގެ ދެކުނުން 1،000 ކިލޯމީޓަރަށްވުރެ ދުރުގައި އޮންނަ ޝާހިދު ރަޖާއީ އަކީ އީރާނުގެ އެންމެ ޒަމާނީ ކޮންޓެއިނަރު ބަނދަރު ކަމަށް އީރާންގެ ރަސްމީ ނިއުސް އެޖެންސީ އިރްނާ އިން ބުނެފައިވެ އެވެ.