Roadha Mihaaru
ކޮވިޑް ވެކްސިން ޕާސްޕޯޓެއް ވަރަށް މުހިންމު: ބޮރިސް

ކޮވިޑް ވެކްސިން ޕާސްޕޯޓެއް ވަރަށް މުހިންމު: ބޮރިސް ޖޯންސަން

31 މެއި 2021

ކުރިއަށް އޮތް ޖީ-7ގެ މަހާސިންތާގައި، ކޮވިޑް-19 ވެކްސިން ޕާސްޕޯޓެއް ތައާރަފްކުރުމާ ބެހޭ ގޮތުން އެއްބަސްވުމެއް ގާއިމުކުރެވޭ ވަރަށް ކަންކަން ފުރިހަމަވުން ވަރަށް ބޭނުންތެރި ކަމަށް، އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން އިއްޔެ ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް ޖީ-7ގެ މަހާސިންތާގައި، ކޮވިޑް-19 ވެކްސިން ޕާސްޕޯޓެއް ތައާރަފްކުރުމާ ބެހޭ ގޮތުން އެއްބަސްވުމެއް ގާއިމުކުރެވޭ ވަރަށް ކަންކަން ފުރިހަމަވުން ވަރަށް ބޭނުންތެރި ކަމަށް، އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން އިއްޔެ ވިދާޅުވެއްޖެ އެވެ.

ކެނެޑާގެ ސީބީސީ ޗެނަލްއަށް ދެއްވި އިންޓަވިއުއެއްގައި ބޮރިސް ވިދާޅުވީ ކޮވިޑް ފަދައިން، ކުރިމަގުގައި ވަބާއެއް ފެތުރެން ފަށައިފި ނަމަ އަމަލުކުރާނެ ގޮތުގެ މުއާހަދާއަކަށް ބެހޭ ގޮތުންވެސް، ޖީ-7ގެ މަހާސިންތާގައި މަޝްވަރާ ކުރުން ވަރަށް މުހިންމު ކަމަށެވެ.

"ވެކްސިން ޕާސްޕޯޓަކާއި، އެމީހެއްގެ ކޮވިޑް ހާލަތު ބަޔާންކޮށްދޭ ސެޓްފިކެޓަކާއި އަދި މިނޫން ކަންތަކާ ބެހޭ ގޮތުން ވެސް އަހަރެމެންގެ ތެރޭގައި އެއްބަސްވުމެއް އޮންނަން ވަރަށް ބޭނުން. ޖީ-7ގެ މަހާސިންތާ ފެށޭއިރު، ކޮވިޑްގެ ތެރޭގައި ދަތުރުކުރެވޭނެ ގޮތަކާއި، ޕާސްޕޯޓްތައް ބޭނުންކުރެވޭނެ ގޮތަކާ، މިކަހަލަ ކަންކަމާ މެދު އެއްބަސްވެވޭ ގޮތެއް ހަމަޖެހިފައި އޮންނަންވާނެ."

އިނގިރޭސި ވިލާތުގެ ކޯންވޯލްގައި ޖީ-7ގެ މަހާސިންތާ ބޭއްވުމަށް ހަމަޖެހިފައިވަނީ، އަންނަ ޖޫން މަހުގެ 11 އިން 13 އަށެވެ. ޖީ-7ގެ ގައުމުތަކަކީ، އެމެރިކާ، ކެނެޑާ، ޖަޕާން، އިނގިރޭސި ވިލާތް، ފަރަންސޭސި ވިލާތް، ޖަރުމަން ވިލާތް އަދި އިޓަލީ ވިލާތެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި، ދުނިޔެއަށް މިހާރު ބޭނުންވަނީ، ވަބާތަކަށް ތައްޔާރުވުމާ ގުޅޭ މުއާހަދާއެއް. މިދިޔަ 2020 ވަނަ އަހަރަކީ މުޅި އިންސާނިއްޔަތަށް ވެސް ވަރަށް ބިރުވެރި އަހަރެއް،" ބޮރިސް ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ކުރީ ކޮޅުން ފެށިގެން މުޅި ދުނިޔެއަށް ފެތުރެމުން އަންނަ ކޮވިޑް-19ގެ ބަލިމަޑުކަމުގައި މިހާތަނަށް 3.5 މިލިއަން މީހުން މަރުވެއްޖެ އެވެ. މި ބަލި އެންމެ ހަލުވިކޮށް ފެތުރުނު ގައުމުތަކުގެ ތެރޭގައި އިނގިރޭސި ވިލާތް ހިމެނެ އެވެ. ނަމަވެސް އެ ގައުމުގެ ރައްޔިތުންނަށް ވެކްސިން ދިނުމަށް ފެށި ޕްރޮގްރާމަށް ބޮޑު ތަރުހީބެއް ލިބެން ފެށި ފަހުން، އެ ގައުމުން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އަންނަނީ ދަށްވަމުންނެވެ.

ބޮރިސް ވިދާޅުވި ގޮތުގައި ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައިވެސް ބައެއް ގައުމުތަކުން އަމަލުކުރަނީ، ބައިނަލްއަގްވާމީ އެއްބާރުލުމަށް އެއްވެސް ބެލުމެއް ނެތި އެވެ. އެ ގޮތުން ބައެއް ގައުމުތަކުން، މިވަބާއިން ރައްކާތެރިވުމަށް ބޭނުންކުރާ ސާމާނާއި، ބޭހާއި ވެކްސިން ފަދަ ތަކެތި އެހެން ގައުމުތަކާ ހިއްސާކުރަން ބޭނުން ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.