Roadha Mihaaru
ކޮވިޑްގެ ހާލަތު ބަލަން ކޮންމެ އަތޮޅަކަށް ބޭފުޅަކު

ކޮވިޑްގެ ހާލަތު ބަލަން ކޮންމެ އަތޮޅަކަށް ސަރުކާރުން ބޭފުޅަކު ކަނޑައަޅުއްވައިފި

29 މެއި 2021

ރާއްޖޭގައި ހަލުވިކަމާ އެކު ކޮވިޑް-19 ފެތުރެމުން ދާތީ ރަށްރަށުގެ ހާލަތު ބެލުން އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކޮންމެ އަތޮޅަކަށް ސަރުކާރުގެ އިސް ބޭފުޅަކު ހާއްސަކުރައްވައިފަ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ރާއްޖޭގައި ހަލުވިކަމާ އެކު ކޮވިޑް-19 ފެތުރެމުން ދާތީ ރަށްރަށުގެ ހާލަތު ބެލުން އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކޮންމެ އަތޮޅަކަށް ސަރުކާރުގެ އިސް ބޭފުޅަކު ހާއްސަކުރައްވައިފަ އެވެ.

ހެލްތު މިނިސްޓްރީން ބުނި ގޮތުގައި އެކި މިނިސްޓްރީތަކުން ސްޓޭޓް މިނިސްޓަރެއް ނުވަތަ ޑެޕިއުޓީ މިނިސްޓަރެއް ކޮންމެ އަތޮޅަކަށް މިހާރު ވަނީ ކަނޑައަޅުއްވައިފަ އެވެ. އެ ބޭފުޅުން މަސައްކަތް ކުރައްވާނީ، ކައުންސިލްތަކާއި ޓާސްކްފޯސްތަކާ ގުޅިގެން އެ އަތޮޅެއްގެ ކޮވިޑް ކޮންޓްރޯލްކޮށް ހުއްޓުވުމަށް ކުރަމުންދާ މަސައްކަތުގައި ހުރި މައްސަލަތަކާއި، ދަތިތައް ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އާއި ކަމާ ގުޅޭ އިދާރާތަކުގެ ސަމާލުކަމަށް ގެނައުމަށެވެ.

ކުރިން މާލެ ސަރަހައްދުގައި ކޮވިޑް ފެތުރި ނުރައްކާ ހާލަތެއްގައި އޮތް ނަމަވެސް ރަށްރަށަށް ކޮވިޑް ފެތުރި ނުރައްކާ ހާލަތަކަށް ދިޔައީ ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ދިން ބޮޑެތި ލުއިތަކަށް ފަހު ކުއްލިއަކަށެވެ. އޭގެ ފަހުން ރާއްޖޭގެ ހާލަތު ވަރަށް ގޯސްވެ މަރުވާ މީހުންގެ އަދަދު ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

މީހުން ދިރިއުޅޭ 72 ރަށެއްގައި ކޮވިޑްގެ ހާލަތު ގޯސްކަމުން އެ ރަށްރަށަށް އަރައި ފޭބުން މަނާކޮށްފައި އޮތްއިރު، މިއީ ރާއްޖޭގައި މި ބަލި ފެތުރެން ފެށި ފަހުން އެއް ފަހަރާ މިހާ ގިނަ ރަށްރަށް މި ހާލަތަށް ގެނައި ފަހަރެވެ.

އަރައި ފޭބުން މަނާ ރަށްރަށުގައި ވަކި ވަގުތުތަކެއްގައި ކާފިއު ވެސް ހިންގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފަ އެވެ.