Roadha Mihaaru
އެއްބާރުލުމަށް އެދިވަޑައިގެން ރައީސް ކީރިތި ކުރައްވައިފި

ރައީސް ކީރިތިކުރައްވަމުން ރައްޔިތުންގެ އެއްބާރުލުމަށް އެދިވަޑައިގެންފި

15 އެޕްރީލް 2020

ކޮވިޑް-19 އަށް ޕޮޒިޓިވް މީހަކު މާލެއިން ފުރަތަމަ ފަހަރަށް ފެނުމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގައުމާ މުހާތަބުކުރައްވަމުން ކީރިތިކުރައްވައި، ކަމާބެހޭ އިދާރާތަކަށް ރައްޔިތުން އެއްބާރުލުން ދިނުމަށް އެދިވަޑައިގެންފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކޮވިޑް-19 އަށް ޕޮޒިޓިވް މީހަކު މާލެއިން ފުރަތަމަ ފަހަރަށް ފެނުމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގައުމާ މުހާތަބުކުރައްވަމުން ކީރިތިކުރައްވައި، ކަމާބެހޭ އިދާރާތަކަށް ރައްޔިތުން އެއްބާރުލުން ދިނުމަށް އެދިވަޑައިގެންފި އެވެ.

ގައުމާ މުހާތަބުކުރައްވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި ކޮވިޑް-19 ފެތުރިދާނެ ހާލަތަކަށް މިދިޔަ ޖެނުއަރީ މަހުގެ ފުރަތަމަ ހަފުތާއިން ފެށިގެން އައީ ތައްޔާރުވަމުން ކަމަށެވެ. ހާއްސަކޮށް، ރާއްޖޭގައި އެ ބަލި ފެތުރިދާނެ ކަމަށް ވިސްނައި ދިޔައީ ފުރިހަމައަށް ތައްޔާރުވަމުން ކަމަށް ވިދާޅުވި އެވެ.

މާލެއިން ޕޮޒިޓިވްވި މީހާ ބަލީގެ އަލާމާތްތައް ހުރުމުން ފްލޫ ކުލިނިކަށް ޓެސްޓް ކުރަން ދިޔައީ އިއްޔެ އެވެ. އޭނާއާ ކޮންޓެކްޓްވި 11 މީހެއްގެ ސާމްޕަލް މިހާރު ނަގާފައިވާ ކަމަށާއި އެ މީހައާ އެކި ގޮތްގޮތުން ބައްދަލުވި އެހެން މީހުން ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަކަމަަށް ރައީސް ވިދާޅުވި އެވެ. އެކަމުގެ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާލެ ސަރަހައްދު އަދި ގުޅިފަޅު 24 ގަޑިއިރަށް ލޮކްޑައުންކޮށް، ކ. ކާށިދޫ ވެސް ވަނީ މޮނިޓަރިންގެ ހާލަތަށް ގެންގޮސްފަ އެވެ.

ރައީސް ވަނީ އެ ދެ ސަރަހައްދަށް ކަމާބެހޭ ފަރާތްތަކުން ނެރެފައިވާ އަމުރު ތަންފީޒުކުރުމުގައި، ރައްޔިތުން ކެތްތެރިވެ، ކަމާބެހޭ ފަރާތްތަކަށް އެއްބާރުލުން ދެއްވުމަށް އެދިވަޑައިގެންފަ އެވެ. ލޮކްޑައުން ކުރުމާ ގުޅިގެން އާއްމު ދިރިއުޅުމުގައި ދަތިތަކާ ދިމާވާނެކަން އެނގިވަޑައިގަންނަވާ ކަމަށާއި ނަމަވެސް މުޅި މުޖުތަމައުގެ ރައްކާތެރިކަމަށް އެކުގައި މަސައްކަތްކުރުން ވަރަށް މުހިއްމު ކަމަށް އަސަރާ އެކު ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު ހުރިހާ ރައްޔިތުންނަށް ވެސް ޔަގީންކަން އަރުވަނީ ސަރުކާރުގެ އެންމެ މުހިއްމު އަމާޒަކީ ދިވެހި ރައްޔިތުންނަށް ސިއްހީ ރައްކާތެރިކަން ފޯރުކޮށްދިނުންކަން. އެގޮތުން މި ބަލި ފެތުރޭ މިންވަރު ވީހާ ވެސް ކުޑަ ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް އަޅުގަނޑުމެން ކުރަމުން ގެންދާނެ ވާހަކަ ދަންނަވަން،" ރައީސް ވިދާޅުވި އެވެ.

"ކެތްތެރިކަމާއި ހިކުމަތްތެރިކަމާއެކު، އެންމެން އެކުގައި މަސައްކަތް ކުރުމުން މިކަމުން އަރައިގަނެވޭނެ،" ކީރިތިކުރެއްވި، ވާހަކަފުޅު ކޮންމެވެސް ވަރަކަށް މެދުކެނޑުނު ހިތާބުގައި ހިތްވަރު ދެއްވަމުން ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ކާބޯތަކެއްޗާއި ޒަރޫރީ އެހެން ބޭނުންތަކަށް ބޭނުންވާ ސާމާނު އެކަށިގެންވާ ވަރަށް އެބަހުރި ކަމަށެވެ. އެ ކަންކަމުގެ ތަފްސީލްތައް އިދާރާތަކުން ހާމަކުރަމުން ގެންދާނެކަން ފާހަަގަކުރެއްވި އެވެ. "އަޅުގަނޑު ނިންމާލަމުން އަދި ވެސް އެއްފަހަރު، ހުރިހާ ރައްޔިތުންގެ ކިބައިން މި އެދެނީ، އެކަކު އަނެކަކާމެދު އޯގާތެރިކަމާއި އެކުވެރިކަމާއެކު މުއާމަލާތް ކުރުމަށް. އަދި ކެތްތެރިކަން އިސްކުރައްވައި އިސްލާމްދީނުގެ މަތިވެރި އުސޫލުތަކުގެ ތެރެއިން އެކަކު އަނެކަކަށް އެހީތެރިވުމަށް،" ކީރިތި ކުރައްވަމުން ރައީސް އެދިވަޑައިގަތެވެ.

ރާއްޖޭން މިހާތަނަށް ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވަނީ 21 މީހެކެވެ. އޭގެ ތެރެއިން ހަ މީހުންނަކީ ދިވެހިންނެވެ. މާލެއިން މިއަދު ފެނުނު ކޮވިޑް-19 ގެ ޕޮޒިޓިވް މީހާ ފިޔަވައި ބާކީ ތިބި އެންމެންނަކީ ވެސް ރާއްޖެއިން ބޭރުން އައި ފަހުން ޕޮޒިޓިވްވި ބައެކެވެެ. އެ މީހުންގެ ތެރެއިން ދެ ދިވެހިން ވަނީ ރަނގަޅުވެފަ އެވެ. އެހެންވެ މިހާރު ފަރުވާ ދެމުން އަންނަނީ ތިން ދިވެހިންނަށެވެ.