Roadha Mihaaru
މަރުވި ޒުވާނާ އިން ސައިކަލު ދުއްވި މީހާ ނުފެނޭ

އެކްސިޑެންޓުގައި މަރުވި ޒުވާނާ އިން ސައިކަލު ދުއްވި މީހާ އަދިވެސް ނުފެނޭ

27 މެއި 2021

ދުއްވާފައި ދިޔަ ސައިކަލަކުން ގާޑިޔަލެއްގައި ޖެހި ރޭ އެކްސިޑެންޓުވެ، ސައިކަލްގެ ފަހަތުގައި އިން ޒުވާނާ މަރުވެފައިވާއިރު، އެ ސައިކަލު ދުއްވަން އިން މީހާ އަދިވެސް ނުފެންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ދުއްވާފައި ދިޔަ ސައިކަލަކުން ގާޑިޔަލެއްގައި ޖެހި ރޭ އެކްސިޑެންޓުވެ، ސައިކަލްގެ ފަހަތުގައި އިން ޒުވާނާ މަރުވެފައިވާއިރު، އެ ސައިކަލު ދުއްވަން އިން މީހާ އަދިވެސް ނުފެންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ގަލޮޅު ހުވަފެނީ ގޯޅީގައި ބާއްވާފައި އޮތް ގާޑިޔަލެއްގައި، ސައިކަލަކުން ޖެހި، އެކްސިޑެންޓު ވެގެން ފުލުހުންނަށް ރިޕޯޓްކުރީ ރޭ 10 ޖަހަނިކޮށެވެ. އެ ހާދިސާ ހިނގިއިރު ސަައިކަލު ދުއްވި މީހާގެ އިތުރުން އޭގެ ފަހަތުގައި ޒުވާނަކު އިނެވެ.

ސައިކަލުގެ ފަހަތުގައި އިން އުމުރުން 21 އަހަރުގެ އިސްމާއިލް ޔަޒީދު އަލީ އަށް އަނިޔާވެ އެ ސަރަހައްދުގައި އެތައް އިރަކު އޮތް ކަމަށްވެ އެވެ. އެ ގާޑިޔަލުގެ މުއްގަނޑުގައި ޖެހި ކަރަށް ލިބުނު ޒަހަމްތަކާ އެކު އެތަނުގައި ލޭގެ ކޯރެއް ހެދިފައި އޮތެވެ. އޭނާ މަރުވީ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދަނިކޮށެވެ.

އެކަމަކު ހާދިސާ ހިނގުމާ އެކު، ސައިކަލް ދުއްވި މީހާ އެތަނުގައި މަޑުނުކޮށް ފިލީ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "މިހާރު" އަށް ވިދާޅުވި ގޮތުގައި ސައިކަލު ދުއްވި މީހާ އަދިވެސް ނުފެނެ އެވެ.

މީގެ ކުރިން ވެސް މިފަދަ މަގުމަތީ އެކްސިޑެންޓުތައް ހިނގައި މީހުންނަށް އަނިޔާ ލިބުމުން، އެކަމުގައި ޝާމިލުވާ މީހުން ފިލި މައްސަލަތައް ފެންމަތިވެފައިވެ އެވެ.