Roadha Mihaaru
ކަރަންޓީން ނިމުމުން ދެން ލިޔުމެއް ނުދޭނެ: އެޗްޕީއޭ

ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުން ކަރަންޓީން ނިމުނުކަމުގެ ލިޔުން ދިނުން ހުއްޓާލައިފި

26 މެއި 2021

ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންނަށް، އެ މީހުންގެ ކަރަންޓީން މުއްދަތު ހަމަވުމުން ދޫކުރަމުން އަންނަ ރިލީޒް ޑޮކިއުމެންޓް ދިނުން ހުއްޓާލައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންނަށް، އެ މީހުންގެ ކަރަންޓީން މުއްދަތު ހަމަވުމުން ދޫކުރަމުން އަންނަ ރިލީޒް ޑޮކިއުމެންޓް ދިނުން ހުއްޓާލައިފި އެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުން ކަރަންޓީން ކުރާއިރު ލިޔުމެއް ދިނުމުގެ އިތުރުން ކަރަންޓީން މުއްދަތު ނިމުމުން ވެސް ރިލީޒް ޑޮކިއުމެންޓެއް އައީ ދޫކުރަމުންނެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ ކަރަންޓީން ވުމަށް އަންގާ ލިޔުމުގައި ބަޔާންކުރާ މުއްދަތު ހަމަވުމުން ކަރަންޓީން މުއްދަތު ނިމުމަކަށް އަންނާނެ ކަމަށެވެ. އެހެންވެ، ކަރަންޓީން ނިމުމަކަށް އައިކަމުގެ އިތުރު ލިޔުމެއް ދޫނުކުރަން މިހާރު ނިންމާފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

އެޗްޕީއޭގެ އިއުލާނެއްގައި ބުނީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ ބަލި ހާލަތަށް ބަލައި، އެކަހެރިވެ ހުންނަންޖެހޭ މުއްދަތު ތަފާތުވާނެ ކަމަށެވެ. ކަރަންޓީނުގެ އާންމު މުއްދަތަކީ 14 ދުވަސް ކަމަށް ވިޔަސް އޭގެ ފަހުން ވެސް ހުން އައުމާއި ނޭވާލާން ދަތިވުމާއި ކެއްސުން ފަދަ ކަންކަން ހުންނަ ނަމަ ކަރަންޓީނު މުއްދަތަކީ 21 ދުވަސް ކަމުގައި ބަލާނެ އެވެ. އަދި ފަރުވާ ދޭ މެޑިކަލް ފެސިލިޓީއަކަށް ގެންދާ މީހެއް ނަމަ އެ މީހަކު ދޫކޮށްލާނީ ޑޮކްޓަރުގެ އިރުޝާދަށް ކަމަށާއި އެ މީހުންގެ މުއްދަތު ވެސް 14 ދުވަހަށް ވުރެ އިތުރުވެދާނެ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވާ މީހުންގެ އަދަދު އަނެއްކާވެސް އިތުރުވާން ފެށުމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް ދަނީ ވަރުގަދަ ކުރަމުންނެވެ. އެ ބަލީގައި ރާއްޖެއިން މިހާތަނަށް 144 މީހަކު ވަނީ މަރުވެފަ އެވެ. އަދި މި ވަގުތު ބައްޔަށް ޕޮޒިޓިވް ވެފައި ތިބި މީހުންގެ އަދަދު 24،000 އަށް ވުރެ ގިނަ އެވެ.