Roadha Mihaaru
ކާފިއު ނޫން ވަގުތު ހުރިހާ ޓެކްސީއަކުން ހިދުމަތް ދެވޭނެ

ކާފިއު ނޯންނަ ވަގުތު ހުރިހާ ޓެކްސީއަކުން ހިދުމަތް ދެވޭނެ: ޕޮލިސް

25 މެއި 2021

މާލޭގައި ކާފިއު ނޯންނަ ވަގުތު ހިދުމަތް ދިނުމުގެ ހުއްދަ ހުރިހާ ޓެކްސީއަކަށް ވެސް އޮންޏާނެ ކަމަށް ފުލުހުން ބުނެފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

މާލޭގައި ކާފިއު ނޯންނަ ވަގުތު ހިދުމަތް ދިނުމުގެ ހުއްދަ ހުރިހާ ޓެކްސީއަކަށް ވެސް އޮންޏާނެ ކަމަށް ފުލުހުން ބުނެފި އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ހަވީރު 4:00 އިން ހެނދުނު 8:00 އަށް މާލެ ސަރަހައްދުގައި ކާފިއު ހިންގަން ސަރުކާރުން ވަނީ ނިންމާފަ އެވެ. އަދި ކާފިއު ނޯންނަ ގަޑިތަކުގައި ވެސް ބޭރަށް ނުކުމެ އުޅެވޭނީ ހާއްސަ ހުއްދައެއްގެ ދަށުންނެވެ.

ނަމަވެސް ފުލުހުންގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އުސޫލަށް ކުޑަ ބަދަލެއް ގެނެސްފައިވާ ކަމަށާއި ހެނދުނު 8:00 އިން ހަވީރު 4:00 އަށް ހުރިހާ ޓެކްސީއަކުން ވެސް ހިދުމަތް ދެވޭނެ ކަމަށެވެ.

ނަމަވެސް ކާފިއު ވަގުތު ހިދުމަތް ދެވޭނީ ކޮންމެ ސެންޓަރަކުން ހުއްދަ ދީފައިވާ 10 ޓެކްސީއަށް ކަމަށް ފުލުހުން ބުންޏެވެ.

"ކާފިއު ވަގުތުތަކުގައި ކޮންމެ ސެންޓަރަކުން އެއްފަހަރާ 10 ޓެކްސީއަކަށް ނުކުމެވޭނީ. އެ ނޫން ވަގުތުތަކުގައި ހުރިހާ ޓެކްސީއަކަށް ވެސް ހުއްދަ އޮންނާނެ،" އޮފިޝަލް ވިދާޅުވި އެވެ.

މިހާރު ހަމަޖައްސާފައިވާ ގޮތުން، ކާފިއު ނޯންނަ ވަގުތު ވެސް ކޮންމެ ގޭބިސީއަކުން ބޭރަށް ދާން ހުއްދަ ލިބޭނީ ދެ މީހަކަށް ދެ ވަގުތަކަށެވެ. ހޮޓާ، ރެސްޓޯރަންޓް އަދި ކެފޭ ފަދަ ތަންތަނުން ޑެލިވަރީ އަދި ޓޭކްއަވޭ ފިޔަވައި އެހެން ހިދުމަތެއް ވެސް އެ ވަގުތު ދިނުން ވަނީ މަނާކޮށްފަ އެވެ.