Roadha Mihaaru

ގައްދޫ ކައުންސިލްގެ ރައީސް ބަންދުކުރަން ހައި ކޯޓުން އަންގައިފި

ޖަލުގައި ހުއްޓާ ގދ. ގައްދޫ ކައުންސިލްގެ ރައީސްކަމަށް އިންތިޚާބުވި މުހައްމަދު އަހުމަދު އަލުން ބަންދުކުރަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ގައްދޫ ކައުންސިލްގެ ރައީސް ބަންދުކުރަން އަންގައިފި
މުއިއްޒު އިބްރާހިމް
މުއިއްޒު އިބްރާހިމް

23 މެއި 2021

ޖަލުގައި ހުއްޓާ ގދ. ގައްދޫ ކައުންސިލްގެ ރައީސްކަމަށް އިންތިޚާބުވި މުހައްމަދު އަހުމަދު އަލުން ބަންދުކުރަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

މިދިޔަ މަހުގެ 10 ގައި ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އިދިކޮޅު ޕީޕީއެމްގެ ޓިކެޓްގައި ވާދަކޮށް، ގައްދޫ ކައުންސިލްގެ ރައީސަކަށް އިންތިޚާބުވިއިރު އޭނާ ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. އެއީ އޭނާގެ މައްޗަށް އުފުލާފައިވާ ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރުމުގެ ދައުވާއަކާ ގުޅިގެންނެވެ. އެކަމަކު، ކައުންސިލްގެ ރައީސަކަށް އިންތިހާބުވި ފަހުން ގައްދޫ ކޯޓުން ވަނީ މުހައްމަދު އަހުމަދު ބަންދުން ދޫކޮށްލަން އަމުރުކޮށްފަ އެވެ. އެހެންވެ، މިދިޔަ ހަފުތާގައި އޭނާ ވަނީ މަގާމުގެ ހުވާ ވެސް ކުރައްވައިފަ އެވެ.

އެ މައްސަލަ ދައުލަތުން އިސްތިއުނާފު ކުރުމުން ހައި ކޯޓުން ވަނީ މުހައްމަދު ބަންދުން ދޫކުރަން ނެރުނު އަމުރު ބާތިލްކޮށްފަ އެވެ. އެހެންކަމުން އޭނާ އަލުން ޖަލު ބަންދަށް ބަދަލު ކުރެވޭނެ އެވެ.

ކުޑަކުދިންނަށް ޖިިންސީ ގޯނާކުރުމުގެ ދައުވާ ލިބޭ މީހަކު އިންތިހާބުގައި ވާދަކުރުމުން އިލެކްޝަންސް ކޮމިޝަނަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވި އެވެ. ނަމަވެސް އެ ކޮމިޝަނުން ބުނެފައިވަނީ ކުށެއްގެ ތުހުމަތެއް އޮތުމަކީ ކެންޑިޑެސީ ބާތިލް ކުރެވޭނެ ސަބަބެއް ނޫން ކަމަށާއި ގާނޫނު އޮތްގޮތުން ކެންޑިޑެސީ ބާތިލް ކުރެވޭނީ ކުށެއް ސާބިތުވެގެން ކަމަށެވެ.