Roadha Mihaaru
ކުއްޖާގެ ބަޔާން ބަދަލު ކުރިޔަސް، ސަލާމަތެއް ނުވި

ކުޑަކުއްޖަކާ ބެހުނު މައްސަލައެއްގައި ކުއްޖާގެ ވާހަކަ ބަދަލު ކުރިޔަސް، ސަލާމަތެއް ނުވި

25 ޑިސެމްބަރ 2021

ކުޑަކުއްޖަކާ ލޯބީގެ ގޮތުން އުޅުމުގެ ތެރޭގައި އެ ކުއްޖާއަށް ޖިންސީ ގޯނާކޮށްގެން ޖަލަށްލި މީހަކު ސަލާމަތް ކުރަން އެ ކުއްޖާ އަލުން ހެކިބަސް ދޭން އެދުނަސް، އެ ފުރުސަތު ދިނުމެއް ނެތި އެ މީހާގެ ޖަލު ހުކުމް ހައި ކޯޓުން ދަމަހައްޓައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުޑަކުއްޖަކާ ލޯބީގެ ގޮތުން އުޅުމުގެ ތެރޭގައި އެ ކުއްޖާއަށް ޖިންސީ ގޯނާކޮށްގެން ޖަލަށްލި މީހަކު ސަލާމަތް ކުރަން އެ ކުއްޖާ އަލުން ހެކިބަސް ދޭން އެދުނަސް، އެ ފުރުސަތު ދިނުމެއް ނެތި އެ މީހާގެ ޖަލު ހުކުމް ހައި ކޯޓުން ދަމަހައްޓައިފި އެވެ.

މީގެ ފަސް އަހަރު ކުރިން ދެކުނު އަތޮޅުގެ ރަށެއްގައި އުމުރުން 14 އަހަރުގެ ކުއްޖަކާ ލޯބީގެ ގޮތުން އުޅުމުގެ ތެރޭގައި އެ ކުއްޖާއަށް ޖިންސީ ގޯނާކުރި މީހަކު 10 އަހަރަށް ޖަލަށްލާން އެރަށު ކޯޓުން ހުކުމްކުރީ މިއަހަރު އެވެ. އެ ހާދިސާ ހިނގި ދުވަސްވަރު އެ ކުއްޖާ ފުލުހުންނަށް ދިން ބަޔާނުގައި އެ މީހާ ޖިންސީ ގޯނާކުރި ކަމަށް ބުނެފައި ވިޔަސް، މިއަހަރު އޭނާ ކޯޓަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ އޭރު އެގޮތަށް ބަޔާންދިނީ އާއިލާ މީހުން ބިރުދެއްކުމުން ކަމަށާއި އަދި އެ މީހާ އޭނާއަށް ޖިންސީ ގޯނާ ކޮށްފައިނުވާ ކަމަށެވެ. އަދި މިހާރު އުމުރުން 20 އަހަރު ވެފައިވާ އެ ކުއްޖާ ހައި ކޯޓަށް ފޮނުވި ސިޓީއެއްގައި ވެސް އެދުނީ އޭނާގެ ހެކިބަސް ނަގައި ދިނުމަށެވެ.

ޖަލަށްލި މީހާގެ ފަރާތުން އެ މައްސަލަ އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމުގައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކުގައި އަނިޔާލިބޭ ކުދިންގެ ހެކިބަސް ކޯޓުތަކުން ނުނަގާނެ ކަމަށާއި އަދި ކޯޓުތަކުން ބަލާނީ ކުއްޖާ ތަހުގީގަށް ކިޔައިދޭ ކިޔައިދިނުމަށް ކަމަށެވެ. އަދި އެ މައްސަލާގައި ކުއްޖާ ތަހުގީގަށް ބަޔާން ދީފައި ވަނިކޮށް އޭގެ އަހަރުތަކެއް ފަހުން ހެކިބަސް ދިނުމުގެ ފުރުސަތު އެ ކުއްޖާއަށް ދިނުމަކީ އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅޭނެ ކަމެއް ކަމަށް އެ ހުކުމުގައިވެ އެވެ.

"ކުޑަކުއްޖާގެ ހެކިބަސް އަލުން ނެގުމަކީ ކުރިން ކިޔައިދިން ކިޔައިދިނުމާ ތައާރަޒްވާ ގޮތަށް ހެކިބަސް ދީ މައްސަލާގެ ހަގީގަތްތަކާ މެދު ސުވާލު އުފައްދައި، އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅިދާނެ ކަމެއް ކަމަށް ފެނެއެވެ. އެހެންކަމުން މި މައްސަލާގައި ކުޑަކުއްޖާ ހެކިބަސް އަލުން ނެގުމުގެ ބޭނުމެއް އޮތް ކަމަކަށް ނުފެނެ އެވެ." އެ ހުކުމުގައިވެ އެވެ.

ހުކުމުގައިވާ ގޮތުން އެ ކުއްޖާ ތަހުގީގަށް ދިން ބަޔާނުގައި އެ މީހާއާ އެކު އުޅުނު ގޮތާއި އޭނާ ޖިންސީ ގޯނާކުރި ގޮތް އޭރު ތަފްސީލުކޮށް ކިޔައިދީފައި ވާއިރު، ޑޮކްޓަރުގެ މެޑިކަލް ރިޕޯޓްތަކުން ހާމަވާ ކަންކަމާއި ދެން ހުރި ހެކިތައް ވެސް އެ ކުއްޖާގެ ތަހުގީގު ބަޔާނާ ދިމާވާ ކަމަށެވެ. އަދި އޭރު އެފަދަ ވާހަކައެއް އެ ކުއްޖާ ހަދައިގެން ދައްކަންޖެހޭ ސަބަބެއް ފެންނަން ނެތުމުން އެ މީހާގެ މައްޗަށް ކުށް ސާބިތުވާ މިންވަރުގެ ހެކި އެބަހުރި ކަމަށް އެ ހުކުމުގައިވެ އެވެ.

އެކަންކަން ފާހަގަކޮށް، ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ އެ މީހާ 10 އަހަރަށް ޖަލަށްލާން ކުރި ހުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ހައި ކޯޓުން އެ މައްސަލަ ބެއްލެވީ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމާއި ފަނޑިޔާރު މުހައްމަދު ފައިސަލްގެ އިތުރުން އިސް ފަނޑިޔާރު ހާތިފް ހިލްމީ އެވެ. ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ރައޫފެވެ.