Roadha Mihaaru
އެހެން ކޯޗަކާއެކު ރެއާލް މާ ވަރުގަދަ ވެދާނެ: ޒިދާން

އެހެން ކޯޗަކާއެކު ރެއާލް މާ ވަރުގަދަ ވެދާނެ: ޒިދާން

22 މެއި 2021

މެޑްރިޑް (22 މެއި) - އޭނާގެ ބަދަލުގައި ރެއާލް މެޑްރިޑްގައި އެހެން ކޯޗަކު ހުރެއްޖެނަމަ، އެ ކްލަބު މާ ވަރުގަދަ ވެދާނެ ކަމަށް، ރެއާލްގެ ކޯޗް ޒައިނުއްދީން ޒިދާން ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މެޑްރިޑް (22 މެއި) - އޭނާގެ ބަދަލުގައި ރެއާލް މެޑްރިޑްގައި އެހެން ކޯޗަކު ހުރެއްޖެނަމަ، އެ ކްލަބު މާ ވަރުގަދަ ވެދާނެ ކަމަށް، ރެއާލްގެ ކޯޗް ޒައިނުއްދީން ޒިދާން ބުނެފި އެވެ.

ލަ ލީގާގެ ފަހު މެޗުގައި މިއަދު ޒިދާންގެ ޓީމު ނުކުންނާނީ، އުނައި އެމެރީގެ ވިޔަރެއާލް އާ ދެކޮޅަށެވެ. ރާއްޖޭ ގަޑިން މިރޭ 9:00 ގައި ލީގުގެ އެންމެ ފަހު މެޗުތައް ކުޅޭއިރު، ތާވަލުގެ އެއް ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑް ނުކުންނާނީ ރެއާލް ވަޔަޑޮލިޑް އާ ދެކޮޅަށެވެ. އެ މެޗުން އެތުލެޓިކޯ އަށް މޮޅު ނުވެވި، ވިޔަރެއާލްއާ ދެކޮޅަށް ކުޅޭ މެޗުން ރެއާލް މޮޅު ވެއްޖެނަމަ ލީގު ޗެމްޕިއަންކަން ލިބޭނީ ރެއާލަށެވެ.

މިރޭގެ މެޗަކީ ޒިދާން ރެއާލް އަށް ކޯޗް ކޮށްދޭ އެންމެ ފަހު މެޗަށްވުން ގާތެވެ. އޭނާގެ ކުރިމަގާ ބެހޭ ގޮތުން ވާހަކަ ދައްކަން ޒިދާން ބޭނުން ނުވިޔަސް، މި ސީޒަނަށް ފަހު ކްލަބު ދޫކޮށްލަން އޭނާ އުޅޭ ކަމުގެ އަޑުތައް ވަނީ ގަދަ ވެފަ އެވެ.

"އަހަރަމެންނަށް މިއޮތީ ލީގުގެ ފަހު މެޗު. އެއީ މިވަގުތު އަހަންނަށް އޮތް އެންމެ މުހިންމު ކަމަކީ،" އޭނާގެ ކުރިމަގާ ބެހޭ ގޮތުން ސުވާލު ކުރުމުން ޒިދާން ބުންޏެވެ.

"އެ މެޗަށް ފަހު ދެން އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކަން ވަގުތު އޮންނާނެ. މިހާރު މިއީ އެންމެ އެކަށީގެންވާ ވަގުތެއް ނޫން. ލީގުގެ 37 މެޗަށް ފަހު އަދި އެއް މެޗު ބާކީ އޮއްވައި އަންނަ ސީޒަނާ މެދު ވާހަކަ ދައްކާނެ ކަމަށް ހީކޮށްގެން ނުވާނެ. މި ކްލަބުގައި ހުންނަނީ އަހަރެންތޯ ނުވަތަ އެހެން މީހެއް ތޯ މުހިންމެއް ނޫން. މުހިންމީ ޓީމު. ކުރިއަށް މި އޮތް މެޗަކީ ޓީމަށް އެންމެ މުހިންމު ކަންތައް."

ޒިދާން ޓީމުގައި ހުންނާނަންތޯ ނުވަތަ ޓީމު ދޫކޮށްލާނެތޯ ކުރެވޭ ސުވާލަށް އޭނާ ޖަވާބެއް ނުދެ އެވެ. އިއްޔެގެ ޕްރީ މެޗު ޕްރެސްގައި އޭނާއާ ކުުރިމަތި ކުރި ސުވާލަކީ އޭނާގެ ބަދަލުގައި އެހެން ކޯޗެއް ހުރެއްޖެނަމަ ޓީމު މިއަށް ވުރެ ވަރުގަދަ ވާނެ ކަމަށް ގަބޫލު ކުރަންތޯ އެވެ.

"ވެދާނެ." އެ ސުވާލަށް ކުރު ޖަވާބެއް ޒިދާން ދިނެވެ.