Roadha Mihaaru
މި މަހު މާލޭގައި ކޮވިޑާއި އާންމު މަރުތައް އެއްވަރު

މި މަހު މާލޭގައި ކޮވިޑާއި އާންމު މަރުތަކުގެ އަދަދު އެއްވަރު

20 މެއި 2021

މާލޭގައި މި މަހު ކޮވިޑް-19 ގައި މަރުތަކާއި އާންމު މަރުތަކުގެ އަދަދު އެއްވަރު ކަމަށް ތަފާސް ހިސާބުން ދައްކައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލޭގައި މި މަހު ކޮވިޑް-19 ގައި މަރުތަކާއި އާންމު މަރުތަކުގެ އަދަދު އެއްވަރު ކަމަށް ތަފާސް ހިސާބުން ދައްކައިފި އެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރި އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، މިއީ މި ބަލީގައި އެންމެ ގިނަ މީހުން މަރުވި މަހެވެ. މި މަހު އެކަނި ވެސް މި ބަލީގައި މުޅި ރާއްޖެއިން 40 މީހުން މަރުވެއްޖެ އެވެ. އެއާ އެކު މަރުގެ ޖުމްލަ އަދަދު ވަނީ 113 އަށް އަރައިފަ އެވެ.

މާލެ ސަރަހައްދުން ކޮވިޑްގައި މަރުވާ މީހުން މިހާރު ވަޅުލަނީ ހުޅުމާލެ ސަރަހާގައި އެކަންޏެވެ.

މާލޭ ސަހަރާއިން ދިން ހިސާބުތަކުން ދައްކާ ގޮތުގައި އާދައިގެ މަރުތަކުގައި މާލެ ސަރަހައްދުން މި މަހު 39 މީހަކާއި ތުއްތު ކުއްޖަކު ވަޅުލާފައިވެ އެވެ. އަދި ބައިގެން ދިޔަ ކުއްޖަކާއި ދުވަސް ނުފުރާ ވިހޭ ކުދިންނާ އެކު ހަތް ކުއްޖަކު ވަޅުލާފައިވެ އެވެ.

ކޮވިޑްގައި މި މަހު ރާއްޖެއިން މަރުވި 40 މީހުންގެ ތެރެއިން، 33 މީހަކު ވަޅުލާފައި ވަނީ ހުޅުމާލެ ސަހަރާގަ އެވެ. ހުޅުމާލެ ސަހަރާގައި ވަޅުލި މީހުންގެ ތެރެއިން ދެ މީހެއް ފިޔަވައި އެންމެންނަކީ މާލެ ސަރަހައްދުގައި ފަރުވާދެމުން ދަނިކޮށް މަރުވި މީހުންނެވެ.

އއ.ރަސްދޫގައި މަރުވި އިންޑިއާ މީހާ އާއި ކ.މާފުށީގައި މަރުވި ބަންގުލަދޭޝްގެ މީހާ ވެސް ވަޅުލީ އެ ސަރަހާގަ އެވެ.

މި ބަލީގައި އެއް ދުވަހާ އެންމެ ގިނަ މީހުން ރާއްޖެއިން މަރުވެފައި ވަނީ އިއްޔެ އެވެ. އެއީ ހަތް މީހެކެވެ.

"[ވަޅުލާންޖެހޭ މީހުންގެ އަދަދު] އަދި ނުކަތައިގެން އުޅެން ނުޖެހުނަސް، ކޮވިޑްގައި ވަޅުލާންޖެހޭ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އެބަ އިތުރުވޭ. އިއްޔެ ވެސް ހަތަރު މީހުން ވަޅުލި،" ކޮވިޑްގައި މަރުވާ މީހުން ވަޅުލުމުގެ މަސައްކަތްކުރާ ޖަމާއަތްތެރިއެއް ކަމަށްވާ އަހުމަދު މުނައްވަރު ބުންޏެވެ.

ރާއްޖޭން އެންމެ ފުރަތަމަ ކޮވިޑް ބަލީގައި މީހަކު މަރުވީ އޭޕްރީލް 29، 2020 ގަ އެވެ. އެއީ އުމުރުން 83 އަހަރުގެ އަންހެނެކެވެ. އޭގެ ފަހުން ހަފުތާއެއްހާ ދުވަސް ފަހުން ދެ ވަނަ މަރަކީ މެއި 7، 2020 ގައި 80 އަހަރުގެ ފިރިހެނެކެވެ. މިއީ ދެމަފިރިންނެވެ.

ރާއްޖޭގައި ކޮވިޑްގެ ކޮމިއުނިޓީ ސްޕްރެޑެއް އޮތްކަން ރަސްމީކޮށް ކަނޑައެޅިތާ މިއަދަށް މިއީ 378 ވަނަ ދުވަހެވެ. އަދި މި ބަލީގައި މަރުވި މީހުންގެ އަދަދު 100 އަށް އެރީ މީގެ ތިން ދުވަސް ކުރިންނެވެ.

މި މަހު އެކަނި 40 މީހުން މަރުވެފައިވާއިރު، ތަފާސްހިސާބުތަކަށް ބަލާ ނަމަ، ކޮވިޑް ފެތުރެން ފެށި ފަހުން ރާއްޖެއިން މަރުވި މީހުންގެ ތެރެއިން ތިން ބައިކުޅަ އެއް ބަޔަށް ވުރެ ގިނަ މީހުން މަރުވެފައި ވަނީ މި މަހު އެވެ.

ބަލީގެ ހާލަތު އޮތް ގޮތް ވަޒަންކުރުމުގައި އާންމުކޮށް ބޭނުންކުރާ، ކޮންމެ މިލިއަނަކުން ބަލިޖެހޭ މީހުންގެ އަދަދާއި މަރުވާ މީހުންގެ ރޭޓުން ބަލާ ނަމަ ރާއްޖޭގައި ހުރީ ކޮންމެ މިލިއަނަކުން 177 މަރުގެ ރޭޓުގަ އެވެ. މިހާރު ބަލީގެ ހާލަތު އެންމެ ގޯސް އިންޑިއާގައި މި ރޭޓަކީ 197 އެވެ. މި ސަރަހައްދުގެ އެހެން ގައުމުތަކަށް ބަލާއިރު ސްރީ ލަންކާގައި މި ރޭޓް ހުރީ 45 އެވެ. ބަންގްލާދޭޝްގައި 73، ޕާކިސްތާނުގައި 87 އަދި ނޭޕާލްގައި 169 އެވެ.

ކޮވިޑްގައި މަރުވާ މީހުން އިތުރުވެފައިވާއިރު، ރާއްޖެ މިހާރު އޮތީ ކޮވިޑްގައި މިހާތަނަށް ރާއްޖޭން ތަޖުރިބާކުރާ އެންމެ ނުރައްކާތެރި ހާލަތުގަ އެވެ. ބަލިވާ މީހުން ގިިނަވެ ހޮސްޕިޓަލްތައް ފުރިއްޖެ އެވެ. ސިއްހީ އެހީތެރިން ވެސް އެކަށީގެންވާ ވަރަކަށް ނެތެވެ.

ރާއްޖޭގައި މިހާރު ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ އަދަދު 19،000 އާ ގާތްވެފައި ވާއިރު ކޮންމެ ދުވަހަކު އަލަށް ފެންނަ ކޭސްތަކުގެ އަދަދު އުޅެނީ ހާހުން މަތީގަ އެވެ.