Roadha Mihaaru
ގެސްޓް ހައުސްތަކަށް އަނެއްކާ ވެސް ހިމޭންކަން

ގެސްޓް ހައުސްތަކަށް އަނެއްކާ ވެސް ހިމޭންކަން

17 މެއި 2021

ރާއްޖޭގައި އެންމެ ބާރު ސްޕީޑުގައި ފުޅާވަމުން އަންނަ ޓޫރިޒަމް ވިޔަފާރި ގެސްޓްހައުސްތަކަށް އަނެއްކާ ވެސް މިވަނީ މާޔޫސްކަމާ ކުރިމަތިވެފަ އެވެ. ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވެ، ދެކުނު އޭޝިއާއިން ޓޫރިސްޓުން ގެނައުން ހުއްޓާލާފައިވާ އިރު ޔޫރަޕްގެ ގިނަ ގައުމުތަކަކުން ރާއްޖެ ވަނީ މިވަގުތު ދަތުރު ކުރަން ރައްކާތެރި ގައުމުތަކުގެ ލިސްޓުން ވެސް ނަގައިފަ އެވެ. އެހެންވެ ރާއްޖެ އަންނަ މެދުފަންތީގެ ޓޫރިސްޓުން ވަނީ އެފަރާތްތަކުގެ ދަތުރުތައް މަޑު ޖައްސާލައިފަ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖޭގައި އެންމެ ބާރު ސްޕީޑުގައި ފުޅާވަމުން އަންނަ ޓޫރިޒަމް ވިޔަފާރި ގެސްޓްހައުސްތަކަށް އަނެއްކާ ވެސް މިވަނީ މާޔޫސްކަމާ ކުރިމަތިވެފަ އެވެ. ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވެ، ދެކުނު އޭޝިއާއިން ޓޫރިސްޓުން ގެނައުން ހުއްޓާލާފައިވާ އިރު ޔޫރަޕްގެ ގިނަ ގައުމުތަކަކުން ރާއްޖެ ވަނީ މިވަގުތު ދަތުރު ކުރަން ރައްކާތެރި ގައުމުތަކުގެ ލިސްޓުން ވެސް ނަގައިފަ އެވެ. އެހެންވެ ރާއްޖެ އަންނަ މެދުފަންތީގެ ޓޫރިސްޓުން ވަނީ އެފަރާތްތަކުގެ ދަތުރުތައް މަޑު ޖައްސާލައިފަ އެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ގެސްޓްހައުސް ވިޔަފާރި ކުރަމުން އަންނަނީ މާފުށީގަ އެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ގެސްޓްހައުސްތައް ހުޅުވާލިފަހުން މިދިޔަ މަހާ ހަމައަށް ވެސް އެ ރަށުގެ ގިނަ ގެސްޓްހައުސްތައް އޮތީ 80 ޕަސެންޓާއި 90 ޕަސެންޓާ ދެމެދުގެ އޮކިއުޕެންސީގަ އެވެ. އެންމެ ގިނައިން އެރަށަށް ގޮސް އުޅުނީ އިންޑިއާ އާއި ރަޝިއާގެ ޓޫރިސްޓުންނެވެ. އެ ރަށުގެ "ސަންރައިޒް ބީޗް އެންޑް ސްޕާ" ގެސްޓްހައުސްގެ އިސްވެރިއަކު ވިދާޅުވީ، މި ވަގުތު ގެސްޓްހައުސްގައި ތިބީ ދެތިން ޓޫރިސްޓުން ކަމަށެވެ.

ހަނިމާދޫގައި ހިންގަމުން އަންނަ ގެސްޓް ހައުސެއް-- ފޮޓޯ: ދި އެޑިޝަން

ހަނިމާދޫގައި ހިންގަމުން އަންނަ ގެސްޓް ހައުސެއް-- ފޮޓޯ: ދި އެޑިޝަން

"މި ދުވަސްވަރު ބުކިންތައް ވެސް އަންނަނީ ކެންސަލް ވަމުން. ހީވަނީ ރާއްޖޭގެ ހާލަތު އެނގޭތީހެން. ވިޔަފާރި އޮތީ ވަރަށް ބޮޑަށް ހުއްޓިފައި،" އޭނާ ވިދާޅުވި އެވެ.

މާފުށީގައި އަދި ރާއްޖޭގައި ވެސް ހިންގާ އެންމެ ބޮޑު ގެސްޓްހައުސްގެ ސީއީއޯ އަބްދުﷲ ނާޝިދު ވިދާޅުވީ، މިވަގުތު ދެކުނު އޭޝިއާގެ ގައުމުތަކުން ކެންސަލޭޝަން އެބަ އުޅޭ ކަމަށެވެ. އެގޮތުން އިންޑިއާ އިން ހަނީމޫނަށް އަންނަން ބުކިން ހަދާފައިވާ ފަރާތްތައް ވެސް ކެންސަލްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ނާޝިދަކީ ގެސްޓްހައުސް އެސޯސިއޭޝަންގެ ރައީސެވެ. އޭނާ ވިދާޅުވީ، އިންޑިއާ ސަރަހައްދުން ޓޫރިސްޓުން އައުން ހުއްޓާލުމުން އެންމެ ބޮޑު އަސަރެއް ކުރާނީ ކުދި ގެސްޓްހައުސްތަކަށް ކަމަށެވެ.

ހއ. ކެލާ އަތިރިމަތީގައި ޓުއަރިސްޓުންތަކެއް ހަރަކާތްތެރިވަނީ:

ހއ. ކެލާ އަތިރިމަތީގައި ޓުއަރިސްޓުންތަކެއް ހަރަކާތްތެރިވަނީ:

"އިންޑިއާ ޓޫރިސްޓުން އައުން ހުއްޓާލުމުން އެންމެ ބޮޑު އަސަރެއް ކުރާނީ ހުޅުމާލޭގައި ހުންނަ ކުދިކުދި ގެސްޓްހައުސްތަކަށް. މި ދޭތެރެއިން އެ ގެސްޓްހައުސްތައް އޮތީ ވަރަށް ފުލްކޮށް،" އޭނާ ވިދާޅުވި އެވެ.

ގެސްޓްހައުސްތަކުގެ އޮކިއުޕެންސީ 50 ޕަސެންޓަށްވުރެ ދަށުގައި

ވ. ފެލިދޫގައި "ގެސްޓް އީޑަން ބާނީ ލޮޖް" ގެ ވެރިޔާ ޝުޖާއު އަލީ ވިދާޅުވީ، އިންޑިއާ ޓޫރިސްޓުން އައުން ހުއްޓުމާ އެކު މުޅި އަތޮޅުގެ ގެސްޓްހައުސް ވިޔަފާރިއަށް ވަރަށް ބޮޑު ހީނަރުކަމެއް އައިސްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، އެ އަތޮޅު ފުލިދޫ އަކީ މާފުއްޓަށް އަންނަ ގިނަ އަދަދެއްގެ ޓޫރިސްޓުން ގެ ދެވަނަ މަންޒިލަށްވާ އިރު އެ ރަށުގެ ގެސްޓްހައުސްތަކުގެ އޮކިއުޕެންސީ 50 ވަރަކަށް ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށެވެ.

މީގެ އިތުރުން އެ އަތޮޅު ތިނަދޫގެ ގެސްޓްހައުސްތަކަށް އަންނަ ޓޫރިސްޓުން ވެސް ވަރަށް ބޮޑަށް މަދު ކަމަށް އޭނާ ވިދާޅުވި އެވެ.

"ބުކިންތައް ވެސް އަންނަނީ ކެންސަލްވަމުން. އިންޑިއާ ސަރަހައްދުން ޓޫރިސްޓުން އައުން ހުއްޓުމަކަށް އައުމުން ގެސްޓްހައުސްތަކަށް ގެއްލުންވާނެ،" އޭނާ ވިދާޅުވި އެވެ.

އެ އަތޮޅު ކެޔޮދޫގެ ގިނަ ގެސްޓްހައުސްތަކަށް ޓޫރިސްޓުން އަންނަނީ ޔޫރަޕުންނެވެ. އެހެން ނަމަވެސް ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، ޔޫރަޕްގެ ގިނަ ގައުމުތަކުން ވެސް ރާއްޖެ "ރެޑް ލިސްޓް" އަށް އެރުވުމުން ބުކިންތައް މިހާރު ކެންސަލް ވަމުން އަންނަ ކަމަށް "ޖުޕިޓާ" ގެސްޓްހައުސްގެ ވެރިޔާ ހުސެއިން ހާފިޒު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ގެސްޓްހައުސް އަށް ޓޫރިސްޓުން ގިނައިން އަންނަނީ ޖަރުމަން، ޑެންމާކް ފަދަ ގައުމުތަކުން. އެކަމަކު މިހާރު އަނެއްކާ ވެސް ބުކިންތައް އެބަ ކެންސަލް ކުރޭ ރާއްޖޭގެ ކޮވިޑްގެ ހާލަތު ގޯސްވާތީ،" އޭނާ ވިދާޅުވި އެވެ.

މި ވަގުތު ވެސް ރާއްޖޭގައި 422 ގެސްޓްހައުސް ހިދުމަތް ދެމުން ދާ އިރު ގިނަ ގެސްޓްހައުސްތަކުގެ އޮކިއުޕެންސީ އުޅެނީ ވަރަށް ދަށްކޮށެވެ. ކޮވިޑްގައި މިދިޔަ އަހަރު ލިބުނު ބޮޑު ގެއްލުމުން އަރައި ނުގަނެވި އުޅެނިކޮށް އަނެއްކާ ވެސް މިވަނީ ކޮވިޑްގެ އިތުރު ރާޅެއް ލައިގަނެ ވިޔަފާރިތަކަށް ގުޑުން އަރައިފަ އެވެ. މިކަމަށް އޮތް ހަމައެކަނި ހައްލަކީ ކޮވިޑްގެ ހާލަތުން ސަލާމަތްވެ، ގަައުމުތަކުގެ ބޯޑަރު ހުޅުވާލުން ކަމަށް ގެސްޓްހައުސްތަކުގެ ވެރިން ބުނެފައިވެ އެވެ.