Roadha Mihaaru
ހަމަލާތަކުން ގާޒާގެ 10،000 މީހުން މަގުމަތިވެއްޖެ

ގާޒާއިން ޝަހީދުވި އަދަދު 137 އަށް، 10،000 މީހުން މަގުމަތިވެއްޖެ

15 މެއި 2021

އިޒްްރޭލުން ގާޒާއަށް ދެމުން ގެންދާ އަނިޔާވެރި ހަަމަލާތަކުން ސަލާމާތްވާން ގާޒާގެ އެތައް ހާސްް ބަޔަކު ގެދޮރު ދޫކޮށް، ރެފިއުޖީ ކޭމްޕްތަކަށް ހިނގައްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އިޒްްރޭލުން ގާޒާއަށް ދެމުން ގެންދާ އަނިޔާވެރި ހަަމަލާތަކުން ސަލާމާތްވާން ގާޒާގެ އެތައް ހާސްް ބަޔަކު ގެދޮރު ދޫކޮށް، ރެފިއުޖީ ކޭމްޕްތަކަށް ހިނގައްޖެ އެވެ.

އިޒްރޭލުން ދަނީ މެދުނުކެނޑި ބޮން އެޅުމުގެ އިތުރުން ބޮޑު ބަޑި އާއި އެހެން ބަރު ހަތިޔާރުތައް ބޭނުންކޮށްގެން އެއްގަމު މަގުން ވެސް ގާޒާއަށް ވަރުގަދަ ހަމަލާތައް ދެމުންނެވެ. ގާޒާގެ ހާލަތު ކައިރިން ބަލަމުންދާ ގަތަރުގެ އަލްޖަޒީރާއިން މިއަދު ބުނީ އިޒްރޭލުގެ ހަމަލާތަކުގައި ގާޒާއިން ޝަހީދުވި މީހުންގެ އަދަދު މިހާރު 137 އަށް އަރާފައިވާ ކަމަށާއި އޭގެ ތެރޭގައި 36 ކުޑަކުދިން ވެސް ހިމެނޭ ކަމަށެވެ. އެ ހަމަލާތަކުގައި ޒަހަމްވި މީހުންގެ އަދަދަކީ 920 އެވެ.

އދ. އިން ބުނީ ހަމަލާތަކުން ސަލާމަތްވާން، ރެފިއުޖީ ކޭމްޕަތަކުގައި ޔޫއެން އިން ގާއިމްކޮށްފައިވާ ފެސިލިޓީތަކަށް މީހުން އަންނަމުންދާ ކަމަށެވެ. ގެދޮރު ދޫކޮށް ނުކުތްމީހުންގެ އަދަދު ގާތްގަނޑަކަށް 10،000 އަށް އަރާނެ ކަމަށް އދ. އިން ލަފާކުރެ އެވެ.

ގާޒާ ކޮންޓްރޯލްކުރާ ހަމާސްޖަމާއަތާ ދެކޮޅަށް ކަަމަށް ބުނެ އިޒްރޭލުން ދޭން ފެށި ހަމަލާތައް މިހާރު ދަނީ ރެފިއުޖީ ކޭމްޕްތަކަށް ވެސް އަމާޒުކުރަމުންނެވެ. އެގޮތުން ޝާތީ ރެފިއުޖީ ކޭމްޕަށް ބޮން އެޅުމުގެ ސަބަބުން ދެ އަންހެނަކާއި ހަތް ކުޑަކުދިން ޝަހީދުވި އިރު އެތައް ބަޔަކު ވަނީ ހަލާކުވި އިމާރާތްތަކުގެ ގާތަކުގެ ތެރޭގައި ވަޅުލެވިފަ އެވެ. އެހެންވެ ޝަހީދުވި މީހުންގެ އަދަދު އަދިވެސް މަތިވާނެ ކަަމަށް ބެލެވެ އެވެ.

އިޒްރޭލުން މިފަހަރު ގާޒާއަށް ހަމަލާދޭން ފެށީ، އިރުމަތީ ގުދުސްގެ ޝައިޚު ޖައްރާހް ނަމަކަށް ކިޔާ ސަރަަހައްދުގައިވާ ފަލަސްތީނުމީހުންގެ ގެތަކުން، އެމީހުން ނެރޭތީ، ގާާޒާ ކޮންޓްރޯލް ކުރާ ހަމާސް އިން އިޒްރޭލަށް ރޮކެޓް ހަމަލާތަކެއް ދިނުމުންނެވެ. ހަމާސް އިޒްރޭލަށް ރޮކެޓްހަމަލާދޭން ފެށީ ފަލަސްތީނު މީހުން ގެދޮރުން ބޭރުކުރުން ހުއްޓައިލަން މުހުލަތެއް ދިނުމަށް ފަހު އެ މުހުލަތު ހަމަވުމުންނެވެ.

އިޒްރޭލުގެ ކޯޓުތަކުން އަމުރުތަކެއް ނެރެގެން ޝައިޚު ޖައްރާހުގެ އެތައް ގެއަކުން ފަލަސްތީނު މީހުން ނެރެ، އެތަންތަނަށް ޔަހޫދީން ވެއްދުމުގެ ޖަރީމާއަށް ދެކޮޅަށް ފަލަސްތީނު މީހުން ދަނީ މުޒާހަރާތަައް ކުރަމުންނެވެ. އެ މުޒާހަރާތައް ރޫޅުމުގެ ނަމުގައި އިޒްރޭލުން ދަނީ އިތުރު ޖަރީމާތައް ހިންގަމުންނެެވެ. އެގޮތުން ރޯދަމަހުގެ ފަހު ދިހައިގައި އަލް އަގުސާ މިސްކިތަށް ހަތިޔާރާ އެކު ސިފައިން ވަައްދައި، އަޅުކަން ކުރަން ތިބި މީހުންނަށާއި މިސްކިތަށް ވެސް ބޮޑެތި ގެއްލުންތައް ދިނެވެ.

އިޒްރޭލުން ގާޒާއަށް ހަމަލާދެމުން ދާއިރު ހަމާސް އިން ވެސް ދަނީ މެދުނުކެނޑި އިޒްރޭލަށް ރޮކެޓް ހަމަލާތައް ދެމުންނެވެ. އެ ހަމަލާތަކުގައި އިޒްރޭލުގެ ނުވަ މީހަކު މަރުވެފައިވާ ކަމަށް އިޒްރޭލުން ބުންޏެވެ.